22 އޯގަސްޓް 2016 - 06:36
އާއިލާ އަށް ކުރަންޖެހޭ ހޭދައިިގެ ޒިންމާ ނަގާ ފިރިހެނުންގެ ސިއްހީ ހާލަތު ދަށްވާ ކަމަށާއި އެ މީހުންގެ އުފާވެރިކަމުގެ މިންވަރު ދަށްވާ ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.
ކައިވެނިކޮށްގެން އުޅޭ މީހުންގެ މެދުގައި 15 އަހަރުގެ މުއްދަތަށް ޔުނިވަސިޓީ އޮފް ކަނެކްޓިކަޓްގެ ތަޖުރިބާކާރުން ބުނެފައި ވަނީ ފިރިހެނުން އާއިލާގެ މާލީ ޒިންމާތަކާ ބޮޑަށް ހަވާލުވަމުން ދިޔަ ވަރަކަށް އެ މީހުންގެ ސިއްހަތުން ނޭދެވޭ އަސަރުތައް ފެނުން ވެސް އިތުރުކަން ދިރާސާއިން އެނގުނު ކަމަށެވެ.
ދިރާސާ ހެދި ޔުނިވަސިޓީގެ ސޯޝަލޮޖިސްޓް ކްރިސްޓިން މަންޝް، އިންޑިޕެންޑެންޓަށް ވިދާޅުވެފައި ވަނީ މިއީ ޖިންސީ ގޮތުން ނަގަންޖެހޭ ޒިންމާއާ ގުޅިގެން ކުރިމަތިވާ ނަފްސާނީ ޕްރެޝަރުގެ ނަތީޖާއެއް ކަމަށެވެ.
"އާއިލާ އަށް ހަރަދުކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ ޒިންމާ ވަރަށް ބޮޑަށް ތަފާތު. އާއިލާ އަށް ހަރަދު ކުރިޔަސް ފިރިހެނަކަށް އެކަމުން ލިބޭ އިތުރު ރީތި ނަމެއް ނޯންނާނެ. ފިރިހެނުން ހަރަދުކުރަން ޖެހުން އެއީ ޒަމާނުން ސުރެ އެންމެން ގަބޫލުކޮށްފައި އޮންނަ ގޮތް،" މަންްޝް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ފިރިހެނަކަށް އާއިލާގެ ޒިންމާތައް އަދާނުކުރެވިއްޖެ ނަމަ އެ މީހަކަށް ރައްދުވާ މަލާމާތް ވަރަށް ބޮޑުވާނެ ކަމަށެވެ.
އާއިލާގެ މާލީ ޒިންމާތައް އަދާކުރާ ފިރިހެނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަމަށް ދިރާސާއިން ދެއްކި ނަމަވެސް އަންހެނުންނަށް އެކަމުން ކުރަނީ ފައިދާ ކަމަށް ވެސް ދިރާސާއިން ދެއްކި އެވެ.
"އަންހެނަކު އާއިލާ އަށް ހަރަދުކުރަން ޖެހޭނެ ކަމުގެ ގަބޫލުކުރުމެއް ނޯވޭ. އެހެންވެ އަންހެނަކަށް އެކަން ނުވިޔަސް ކުރިމަތިވާނެ މަލާމާތެއް ނެތް،" އެކަމަކު އާއިލާ އަށް ހަރަދުުކުރާ އަންހެނުންނަށް ތައުރީފު ލިބޭކަން ފާހަގަކުރައްވަމުން މަންޝް ވިދާޅުވެފައިވެ އެވެ.
މި ދިރާސާކުރުމަށް، ކައިވެނިކޮށްގެން އުޅޭ، 18-32 އަހަރާ ދެމެދުގެ 3176 މީހެއްގެ މައުލޫމާތު އެއްކުރި އެވެ. މިއި އެމެރިކާގައި 1997 އިން 2011 އާ ހަމައަށް ކޮށްފައިވާ ނެޝަނަލް ލޮންގިޓިއުޑިނަލް ސާވޭ އޮފް ޔޫތު ދިރާސާގެ ބައިވެރިންނެވެ.
ދިރާސާއިން އެނގުނު ގޮތުގައި ދެ ބައިވެރިންގެ މެދުގައި މާލީ ތަނަވަސްކަމުގެ ފަރަގު ބޮޑުވި ވަރަކަށް ފިރިހެނުންނަށް ޒިންމާ ނަގަން ޖެހުން އިތުރުވެ، ނަފްސާނީ ގޮތުން ކުރާ އަސަރު ބޮޑުވެ އެވެ. އަދި މިކަމުގައި މާލީ ތަނަވަސްކަމުގެ މިންވަރު މުހިންމު ނޫން ކަމަށާއި ނަފްސާނީ ގޮތުން ބާރު ބޮޑުވަނީ އެ މީހެއްގެ ޒިންމާދާރުކަމުގެ މައްޗަށް ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.