07 ޖެނުއަރީ 2019 - 11:14

ޅ. ނައިފަރުގައި އަންހެނެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ އޭނާ ރަޖަމްކުރަން އެ ރަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުން ބުނީ އެ މައްސަލާގައި ޝަރީއަތް ހިންގާފައިވަނީ އެ ގަޟިއްޔާގެ ދައުވާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ހަވާލާދީފައިވާ ގާނޫނާ ހިލާފަށް ކަމަށެވެ.
ޕީޖީން ހަވާލާދީފައިވަނީ ގާނޫނު ނަންބަރު ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާ އަށެވެ. އެ މާއްދާގައި ބުނެފައިވަނީ "މީހަކު ޒިނޭ ކުރުމަކީ ކުށެއް" ކަމަށެވެ. އަދި އޭގެ އަދަބެއްގެ ގޮތުގައި، އެ މާއްދާގެ ށ. ގައި ކަނޑައަޅާފައި ވަނީ 100 އެތިފަހަރުން ހައްދު ޖެހުމާއި އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމެވެ.
ކައިވެންޏެއް ވެސް ކޮށްގެން އުޅުނު އަންހެންމީހާގެ މައްޗަށް ނައިފަރު ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު މޫސާ ރަޖަމްގެ ހުކުމް އިއްވެވީ ޒިނޭކުރި ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވުމުންނެވެ.
ރަޖަމްގެ ހުކުމް އިއްވަނީ ކައިވެންޏެއް ކޮށްގެން އުޅެމުން ޒިނޭއަށް އިއުތިރާމްވުމުންނެވެ. ރަޖަމްކުރުމަކީ ގަލުން ތަޅައި މަރާލުމެވެ. އެކަމަކު ދުނިޔޭގެ ވަރަށް މަދު އިސްލާމީ ގައުމެއްގައި ނޫނީ ރަޖަމެއް ނުކުރެ އެވެ. އަދި އެ އަދަބު ދެނީ ވެސް ބޮޑަށް އިސްލާމީ ހަރުކަށި އުސޫލުތައް ގެންގުޅޭ ޖަމާއަތްތަކުގެ ބާރުގައި އޮންނަ ސަރަހައްދުތަކުގަ އެވެ.
ގާނޫނުލް އުގޫބާތުގެ 1205 ވަނަ މާއްދާގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ގާނޫނާއި ގުރުއާނުގައި ކަނޑައަޅާފައިވާ ހުކުމެއް އެމީހެއްގެ މައްޗަށް އިއްވަން ވާނެ ކަމަށެވެ. ނަމަވެސް އެފަދަ އަދަބެއް ތަންފީޒު ކުރަން ޖެހޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ މާއްދާގައިވެ އެވެ.
ކައިވެނިކޮށްގެން އުޅެމުން ޒިނޭކުރި ކަމަށް ކޯޓުގައި އެއްބަސްވި އަންހެނެއް ރަޖަމް ކުރުމަށް 2015 ވަނަ އަހަރު ގއ. ގެމަނަފުށީ ކޯޓުން ވެސް ހުކުމްކުރި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހަމަ އެ ހުކުމް ވެސް ހަމަ އެ ދުވަހު ބާތިލްކޮށްފަ އެވެ.