ރަންވީރު ސިންގްގެ "83" އަށް ދީޕިކާ ޕަދްކޯން؟
ރަންވީރު ސިންގްގެ "83" އަށް ދީޕިކާ ޕަދްކޯން؟

އަންހެނުން އަދި ބަތަލާ ދީޕިކާ ޕަދްކޯންއާ އެކު އަލުން ފިލްމެއްގެ މަސައްކަތް ކުރަން ކެތްމަދުވެފައި ހުރި ކަމަށް ރަންވީރު ބުނިތާ އެއް ދުވަސް ފަހުން، މިއޮތީ އެ ފަދަ ފުރުސަތެއް ފަހިވެއްޖެ ކަމަށް ބުނާ ވާހަކައެކެވެ.

ޑެކަން ކްރޮނިކަލްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަންވީރު ދެން އެންމެ އަވަހަށް ޝޫޓިން ފަށާ ކްރިކެޓް ފިލްމު "83" ގައި އޭނާގެ އަންހެނުންގެ ރޯލް ކުޅެން ވަނީ ދީޕިކާ އަށް ހުށަހަޅައިފަ އެވެ.

ކަބީރު ހާން ޑައިރެކްޓްކުރާ މި ފިލްމަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރަން ކުރި މަސައްކަތަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގައި ރަންވީރު ކުޅެނީ އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލެވެ.

މީޑިއާތަކުން ބުނި ގޮތުގައި "83" އިން ދީޕިކާ އަށް ހުށަހެޅީ ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ.

ޑެކަން އިން ބުނި ގޮތުގައި އެއީ ވަރަށް ކުރު ރޯލެއް ނަމަވެސް، ފިރިމީހާ ރަންވީރުގެ ސްކްރީން އަންބެއްގެ ރޯލް ކުޅެން ލިބުމުން ދީޕިކާ ވަނީ އެ ރޯލަށް ވަގުތުން ފެހި ސިގްނަލް ދީފަ އެވެ. އަދި ދީޕިކާގެ މަންޒަރުތައް ޝޫޓް ނުކުރަން ނަގާނީ އެންމެ 7 ދުވަސް ކަމަށްވެ އެވެ.

އަށްޑިހަ ތިނެއްގެ މުބާރާތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަންޒަރަކަށް ވާނީ ފައިނަލް މެޗް ކުޅެމުން ދިޔަ އިނގިރޭސިވިލާތުގެ ލޯޑްސް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗް ބަލަން އިނދެފައި ރޯމީ ސްޓޭޑިއަމުން ނުކުމެގެން ދޮޔަ މަންޒަރެވެ. އޭނާ ސްޓޭޑިއަމް ދޫކޮށް ދިޔައީ އިންޑިއާއާ ދެކޮޅަށް ކުޅުނު ވެސްޓް އިންޑީޒް މުބާރާތުގެ ޗެމްޕިއަންކަން ނަގާނެ ކަމަށް ލަފާ ކުރެވިގެންނެވެ. އަދި އެނބުރި ސްޑޭޓިއަމަށް ވަނީ ފެންކަޅިވެފައި ހުރެ އިންޑިއާގެ ބޮޑު ކާމިޔާބީއާ އެކީގަ އެވެ.

ކަޕިލް އެނބުރި އިންޑިއާ އަށް ގޮސްފައި ވަނީ މުބާރާތުގެ ތާރީހީ ތައްޓާއެކުގަ އެވެ. ކަބީރު ފިލްމު "83" އިން ބެލުންތެރިން މި ތާރީހުގެ ތެރެއަށް ވަރަށް ފުރިހަމަ އަށް ގެންގޮސް ދޭނެ އެވެ. މި ފިލްމުވެގެން ދާނީ 2017 ގައި ރިލީޒް ކުރި ސަލްމާން ހާންގެ ފްލޮފް ފިލްމު "ޓިއުބްލައިޓް" އަށް ފަހު ކަބީރު ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމަށެވެ.

"83" ރިލީޒް ކުރާނެ ކަމަށް ބެލެވެނީ މި އަހަރުގެ އޮގަސްޓް މަހުގެ 30 ގަ އެވެ.