ކައިވެންޏާ ބެހޭ ގޮތުން އަނެއްކާ ވެސް ސަލްމާންގެ ފިނި ޖަވާބެއް
ކައިވެންޏާ ބެހޭ ގޮތުން އަނެއްކާ ވެސް ސަލްމާންގެ ފިނި ޖަވާބެއް

އުމުރުން 53 އަހަރުގެ ސަލްމާން ހާންގެ ކައިވެންޏާ ބެހޭ ގޮތުން ކުރެވޭ ސުވާލުތަކަށް ހުއްޓުމެއް ނެތެވެ. އޭނާ ދާ ކޮންމެ ތާކުން އެންމެ އާންމުކޮށް ކުރެވޭ ސުވާލަކީ ވެސް ކައިވެނި ކުރާނީ ކޮން އިރަކުތޯ އެވެ؟

ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުގެ ރޭ ސޮނީ ޓީވީން ދެއްކި "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ވެސް ހަމަ އެ ސުވާލަށް ސަލްމާނަށް އެތައް ފަހަރަކު ޖަވާބު ދޭން ޖެހުނެވެ. އެގޮތުން ވަރަށް ގިނަ ތަރިންގެ ކައިވެނި ދާދި ފަހުން ވެސް ކުރެވިއްޖެ ކަަމަށާއި ސަލްމާން ކައިވެނި ކުރާނީ ކޮން އިރަކުތޯ ކަޕިލް ކުރި ސުވާލަށް ސަލްމާން މި ފަހަރު ވެސް ދީފައި ވަނީ ވަރަށް ފިނި ޖަވާބެކެވެ.

އޭނާ ބުނި ގޮތުގައި މިހާރު ކުޅެމުން އަންނަ ފިލްމު "ބާރަތު" ގައި ވެސް 72 އަހަރާ ހަމައަށް އަންނަ އިރު ވެސް އޭނާ ފެނިގެން ދާނީ ކައިވެނި ނުކޮށް ހުންނަ މީހެއްގެ ގޮތުގަ އެވެ.

"އެހެންވެ އެ ކެރެކްޓާ އަހަރެން މި ފޮލޯ ކުރަނީ،" ހިނިގަނޑެއް ޖަހައިލަމުން ސަމާސާ މިޒާޖަކަށް ސަލްމާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކައިވެނި ނުކޮށް ހުރުމުން މާ ބޮލަށް ފަސޭހަވެފައި މިނިވަންކަމާ އެކު ހަމަޖެހިލައިގެން އުޅެލަން ފުރުސަތު އޮންނާނެ އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ "ބާރަތު" އިން ސަލްމާންގެ އުމުރުން 19-80 އަހަރާ ދެމެދުގެ މުއްދަތެއް ތަފާތު ލުކްސްތަކުގައި ފެނިގެން ދާނެ އެވެ. މި ފިލްމަކީ މި އަހަރު ފިތުރު އީދުގައި ރިލީޒް ކުރާ ފިލްމެކެވެ.

"ބާރަތު" ގެ ބަތަލާއަކީ ސަލްމާނާ އެއް ދުވަސްވަރެއްގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކެޓްރީނާ ކެއިފެވެ. އިތުރު ކާސްޓުންގެ ތެރޭގައި ތައްބޫ، ޑިޝާ ޕަޓްނީ، ނޯރާ ފަތެހީ، ސުނިލް ގްރޯވާ، ޖެކީ ޝްރޮފް އަދި ސަތިޝް ކޯޝިކް ހިމެނެ އެވެ.

ސަލްމާނުގެ ކައިވެނީގެ ވާހަކަ އިންޑިއާގެ "ގައުމީ މައްސަލައެއްހާ" ބޮޑުކޮށް މީޑިއާތަކުން ނަގާ އިރު، އޭނާއާ މި ފަހުން އަޅުވާ ކިޔަމުން އަންނަނީ ރޮމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރެވެ. އޭނާއަކީ ސަލްމާނާއި އޭނާގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެކެވެ. ސަލްމާންގެ އާއިލާއިން ބާއްވާ އެކިއެކި ހަފުލާތަކުން ފެންނާނެ އެންމެ އާންމު މޫނަކީ ވެސް މިހާރު އޫލިއާ އެވެ.