06 ޖެނުއަރީ 2019 - 22:02

ޅ. ނައިފަރުގައި އަންހެނެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ އޭނާ ރަޖަމްކުރަން އެ ރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކައިވެންޏެއް ކޮށްފައިވާ އަންހެން މީހާގެ މައްޗަށް، މެޖިސްޓްރޭޓް ޝައިހް މުހައްމަދު މޫސާ އިއްވި މި ހުކުމާ ގުޅޭ ތަފްސީލެއް ނުލިބެ އެވެ. އެ ކޯޓާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ގުޅުމުން ވެސް ހުކުމާ ގުޅޭ ތަފްސީލެއް ނުދިނެވެ.
މުހުސަނަކު ޒިނޭކުރިކަން އަމިއްލަ އިއުތިރާފުން ނުވަތަ ހެކިންގެ ހެކިބަހުން ސާބިތުވެއްޖެ ނަމަ ހުކުމަކީ ރަޖަމް ހުކުމެވެ. އެއީ ކުދި ގަލުން ތަޅައި މެރުމެވެ.
ގާނޫނުލް އުގޫބާތުގެ 1205 ވަމަ މާއްދާގައި ބުނަނީ ގުރުއާނުގައި ހައްްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ގާނޫނާއި ގުރުއާނުގައި ކަނޑައަޅާފައިވާ ހުކުމެއް އެމީހެއްގެ މައްޗަށް އިއްވަން ވާނެ ކަމަށެވެ. ނަމަވެސް އެފަދަ އަދަބެއް ތަންފީޒު ކުރަންޖެހޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ މާއްދާގައިވެ އެވެ.
ދައުލަތުގެ ފަރާތުން ނުވަތަ ކުށް ސާބިތުވި ފަރާތުން އެފަދަ ހުކުމެއް އިސްތިއުނާފު ނުކުރި ނަމަވެސް އިސްތިއުނާފު މަރުހަލާއަކަށް އެ މައްސަލަ ހުށަހެޅޭނެ ކަމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑް ލައިނެއްގައި ބުނެފައިވެ އެވެ.
ކައިވެނިކޮށްގެން އުޅެމުން ޒިނޭކުރި ކަމަށް ކޯޓުގައި އެއްބަސްވި އަންހެނެއް ރަޖަމް ކުރުމަށް 2015 ވަނަ އަހަރު ގއ. ގެމަނަފުށީ ކޯޓުން ވެސް ހުކުމްކުރި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހަމަ އެ ހުކުމް ކުރި ދުވަހު ހުކުމް ބާތިލްކޮށްފަ އެވެ.
ރާއްޖޭގައި މިއިން ޒަމާނަކު ވެސް ރަޖަމުގެ ހުކުމެއް ތަންފީޒުކޮށްފައެއް ނުވެ އެވެ.