ރޯހިތު ޝެޓީ ދެން ހަދާނީ އަކްޝޭ ކުމާރާ އެކު "ސޫރިޔާވަންޝީ"
ރޯހިތު ޝެޓީ ދެން ހަދާނީ އަކްޝޭ ކުމާރާ އެކު "ސޫރިޔާވަންޝީ"

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ސިމްބާ" އަށް ފަހު، ޑައިރެކްޓަރު ރޯހިތު ޝެޓީ ދެން ހަދާނީ "ސޫރިޔާވަންޝީ" ކިޔާ ފިލްމެއް ކަމަށާއި އެ ފިލްމުގެ ބަތަލަކީ އަކްޝޭ ކުމާރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރޯހިތު ޝެޓީ ދެން ހަދާނީ އަކްޝޭ ކުމާރާ އެކު "ސޫރިޔާވަންޝީ"
ރޯހިތު ޝެޓީ ދެން ހަދާނީ އަކްޝޭ ކުމާރާ އެކު "ސޫރިޔާވަންޝީ"

ދާދި ފަހުން ރޯހިތު ވަނީ އަކްޝޭއާ އެކު ފިލްމެއް ހަދަން އުޅޭކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ. އަދި ރަންވީރު ސިންގް ލީޑް ރޯލް ކުޅުނު "ސިމްބާ" ގައި އަކްޝޭގެ ހާއްސަ ފެނިލުމެއް ހިމަނާފައިވުމުން އެކަން އިތުރަށް ވަނީ ކަށަވަރުވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސޫރިޔާވަންޝީ" ގެ ނަމުގައި ފުލުހެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ރޯހިތު ހަދަން ބޭނުންވި ނަމަވެސް، އެ ނަމުގައި ކުރިން ފިލްމެއް ހަދާފައިވާތީ ނަން ހޯދުމުގައި ދަތިތަކެއް ދިމާވެފައިވެ އެވެ. އަދި އެކަމާ ގުޅިގެން އެ ނަން ހޯދައި ދޭން ޕްރޮޑިއުސަރު ބޯނީ ކަޕޫރް އެހީވެފައިވާ ކަމަށް ޑީއެންއޭ އިން ބުންޏެވެ.

އެ ނޫހުން ބުނި ގޮތުގައި 1992 ވަނަ އަހަރު ސަލްމާން ހާނާއި "ސިމްބާ" ގެ ބަތަލާ ސާރާ އަލީ ހާންގެ މަންމަ އަމްރިތާ ސިންގް މުހިއްމު ރޯލްތައް ކުޅުނު "ސޫރިޔާވަންޝީ" ގެ ނަން، އެ ފިލްމުގެ ޕްރޮޑިއުސަރު ވިޖޭ ގަލާނީ ރުއްސައިގެން ބޯނީ މިހާރު ވަނީ ރޯހިތަށް ހޯދައި ދީފަ އެވެ.

ރޯހިތުގެ ފިލްމުގެ ނަން ލިޔާނީ އެސްގެ ކުރިއަށް ޑަބަލް އޯ ބޭނުންކޮށްގެން ކަމަށް ވިޔަސް ސަލްމާންގެ ފިލްމުގެ ނަން ލިޔެފައި އިންނަނީ އެސްގެ ކުރިއަށް ޔޫ ލައިގެންނެވެ.

މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި ނޫނީ ޖޫންގައި ކަމަށް މީޑިއާތަކުން ބުންޏެވެ. "ސޫރިޔާވަންޝީ" ވެގެން ދާނީ ރޯހިތުގެ ފިލްމެއްގައި އަކްޝޭ ލީޑް ރޯލް ކުޅޭ ފުރަތަމަ ފަހަރަށެވެ.