07 ޖެނުއަރީ 2019 - 05:57

ޒަމާނަށް އަންނަަ ބަދަލާ އެކު ކެއުމުގެ ވައްޓަފާޅި އާއި ކާ އެއްޗިއްސަށް ވެސް ބޮޑެތި ބަދަލުތަކެއް އެބަ އާދެ އެވެ. އެގޮތުން މިއީ ވަރަށް ތަފާތު ކެއުމަކަށް ވާނެ އެވެ. ސަބަބަކީ ކާން މި ޖެހެނީ "ވައި" ކަމަށް ވާތީ އެވެ.
އިޓަލީގެ ރެސްޓޯރަންޓެއްގެ މެނޫ އަށް މިހާރު ވަނީ "ފްރައިޑް އެއާ" އިތުރުކޮށްފަ އެވެ. އެހެންވެ ފްރައިޑް ރައިސް އާއި ފްރައިޑް ނޫޑްލްސްގެ ލިސްޓަށް މި ވެސް މުޅިން އަލަށް އިތުރުވި ފްރައި ކާނާއެކެވެ.
އިޓަލީގެ އަވަށެއް ކަމަށްވާ ކާސްލްފްރާންކޯ ވެނެޓޯގައި ހިންގާ ފެވާ ރެސްޓޯރަންޓްގެ ބޮޑުކައްކާ ނިކޮލާ ޑިނާޓޯ ބުނި ގޮތުގައި އިޓަލީ ބަހުން ނަމަ "އެރިއާ ފްރިޓާ" އަކީ ހިތްގައިމު އަރާމު ފެހި މާހައުލަކުން ލިބޭ ތާޒާ ވައިރޯޅި އަލިން ލިބޭ ކަހަލަ ހިތްހަމަޖެހުމާއި މީރުކަން ގެނުވައި ދޭނެ ކެއުމެކެވެ.
"އެއާ ފްރައިޑް" ތައްޔާރުކުރަން މައިގަނޑު އެއްޗަކަށް ބޭނުންކުރާ އެއްޗަކީ ދަނޑިއަލުވީގެ ތޮއްޓެވެ. އެގޮތުން ތޮށި ފިިހެފައި، ފްރައިކުރަނީ އެވެ. މީގެ ހާއްސަ ކަމަކީ އެ ތައްޔާރުކުރަން ބޭނުން ކުރާ އުކުޅެވެ.
ނިކޮލާ ބުނި ގޮތުގައި ތޮށި ފިހެފައި، ފްރައިޑް ކުރަން ވައި މުހިއްމު ދައުރެއް އަދާ ކުރާ އިރު، މި ޕްރޮސެސްގެ ތެރެއިން ތޮށި، އޯޒޯންއާ އިންފިއުޒްވެ ބޯޅައެއްހެން ފުފޭނެ އެވެ. އެއަށް ފަހު ކޮޓަން ކޭންޑީގެ މަތީގައި އަތުރައިލުމުން އޭގެ ރަހަ އިތުރަށް ފުރިހަމަކޮށްދޭނެ އެވެ.
އެހެންވެ "ފްރައިޑް އެއާ" ސުފުރާ މައްޗަށް އަންނަ އިރު، އެއީ ހަމަ ލުއި އެކަމަކު އަނގަޔަށް މީރު "ވައި" ބޯޅައެކެވެ.
ފެވާ ރެސްޓޯރަންޓުން މި ކެއުން 30 ޑޮލަރަށް ލިބޭނެ އެވެ. އަދި އާންމުންގެ ޑިމާންޑް ވެސް މިހާރު އަންނަނީ ބޮޑުވަމުން ކަމަށް ނިކޮލާ ބުންޏެވެ.
"އެޕެޓައިޒާއެއްގެ ގޮތުގައި ފްރައިޑް އެއާ ސާވްކޮށް ދިނީމަ މިހާރު ކަސްޓަމަރުންނަށް ވަރަށް މަގުބޫލު އަދި ހަނދާން ނައްތާލަން އުނދަގޫ ކެއުމަކަށް މިހާރު ވެފައި ވަނީ،" އޭނާ ބުންޏެވެ. "އަދި ކާ އެއްޗަކުން ތަފާތު ތަޖުރިބާއެއް ކުރެވޭނެ އެއްޗެއް."