07 ޖެނުއަރީ 2019 - 05:58

އެޕަލްގެ އައިފޯނުން ވާވޭ ޓެކްކޮލޮޖީޒްގެ ނަމުގައި އާ އަހަރުގެ ތަހުނިޔާ ޓްވިޓްކޮށްގެން ވާވޭގެ ދެ މުވައްޒަފަކާ ދޭތެރޭ އެ ކުންފުނިން ފިޔަވަޅު އަޅައިފި އެވެ.
ރޮއިޓާޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވާވޭގެ ދެ މުވައްޒަފަކު ވާދަވެރި، އެމެރިކާގެ އެޕަލް ކުންފުނީގެ އައިފޯނުން "ހެޕީ#2019" ޖަހާފައި ކުރި ޓްވީޓް އެތައް ބައެއްގެ ސަމާލު ކަމަށް އައިސް އެ މައްސަލަ ހޫނުވުމުން ޓްވީޓްތައް ފަހުން ވަނީ ޑިލީޓްކޮށްލައިފަ އެވެ. އޭރު ޓްވީޓަށް 600 އަށް ވުރެ ގިނަ ލައިކްސް ވެސް ލިބިފައިވެ އެވެ.
ޓްވީޓް ޑިލީޓްކޮށްލި ނަމަވެސް އޭގެ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. ޓްވީޓްކޮށްފައި ވަނީ އައިފޯނުން ވާޗްއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) ގެ އެހީގަ އެވެ.
މިކަމާ ގުޅިގެން ވާވޭގެ ކޯޕަރޭޓް ސީނިއާ ޕްރެޒިޑެންޓް އަދި ކުންފުނީގެ ބޯޑް ޑިރެކްޓަރު ޗެން ލިފަންގް މި މަހުގެ 3 ވަނަ ދުވަހު ނެރުނު އިންޓާނަލް މެމޯއެއްގައި ބުނީ މުވައްޒަފުންތަކެއް ކުރި ކަމަކުން ވާވޭގެ ބްރޭންޑަށް ބޮޑު ގެއްލުމެއްވެފައިވާ ކަމަށާއި މިއީ ވަރަށް ލަދުވެތި ވެސް ކަމެއް ކަމަށެވެ.
ޓްވީޓްތ ކުރި މުވައްޒަފުންގެ މުސާރަ 5،000 ޔެން (728.27 ޑޮލަރު) އަށް ކުޑަކޮށް، އެ ދެ މީހުން އަދާ ކުރަމުން ދިޔަ މަގާމުތައް ވަނީ ދަށްކޮށްފަ އެވެ. އަދި އޭގެ ތެރެއިން ވާވޭގެ ޑިޖިޓަލް މާކެޓިން ޑިރެކްޓަރު ވަނީ އަ އަހަރު ދުވަހަށް ވަޒީފާ އިން ސަސްޕެންޑް ވެސްކޮށްފަ އެވެ.
ވާވޭއަކީ ސްމާޓްފޯނުގެ ވިޔަފާރީގައި އެޕަލްއާ އެންމެ ވާދަވެރި އެއް ކުންފުންޏެވެ.