06 ޖެނުއަރީ 2019 - 14:39

މާރުކޭޓުގެ ފުރިހަމަ ސާވޭއެއް ނިންމައި އެ ގޮޅިތަކަށް ކުރިމަތިލާން އަލުން ހުޅުވާލަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން މިއަދު ވިދާޅުވީ މާރުކޭޓުގެ ހުރިހާ ގޮޅިތަކެއްގެ މައުލޫމާތު ސާފުކޮށް މަސައްކަތްކުރާ ގޮތް ބަލަމުން އަންނަ ކަމަށެވެ. އެއަށްފަހު އެކަން ސިޓީ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާރުކޭޓުގެ ބައެއް ގޮޅިތަކުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އެހެންވެ އެ ތަންތަނުން މީރާއަށް ދައްކަންޖެހޭ ފައިސާއެއް ބަލައެއް ވެސް ނުގަނެ އެވެ. އެ މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލުން ވަނީ ވިޔަފާރިކުރުމުގެ ހުއްދަ ދިންކަމުގެ ލިޔުން ގޮޅިތަކަށް ހަވާލުކޮށްފަ އެވެ.
"ގިނަ ގޮޅިތައް ހުރީ މުއްދަތު ހަމަވެފައި. އެހެންވެ ދައުލަތަށް ފައިސާ ދެއްކުމަށް ހުސްކަމެއް ނާންނާނެ ގޮތަކަށް، ވަކި ގޮތެއް ނިންމަންދެން ވިޔަފާރިކުރުމުގެ ހުއްދައެއް މި ދެނީ،" ފަޒީން ވިދާޅުވި އެވެ.
ފަޒީން ވިދާޅުވީ ބައެއް ގޮޅިތަކުގެ އެގްރިމެންޓް ވަނީ އާކޮށް ނުވަތަ އެހެން ބަޔަކާ ހަވާލުކޮށްފަ އެވެ. ނަމަވެސް އެކަމެއް އޭރު ގޮޅިތައް ބެލެހެއްޓި ހައުސިން މިނިސްޓްރީން އިއުލާނެއް ނުކުރެ އެވެ.
ގޮޅިތަކުގެ އެގްރިމެންޓުތައް ހުރީ އޮޅުންބޮޅުން ގޮތަކަށް ކަމަށާއި އަލުން ގޮތެއް ނިންމާއިރު އެކަންކަމަށް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާރުކޭޓުގެ ގޮޅިތައް ހުރީ ބޮއްސުންލާފައި ކަމަށް ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ކުރިން ވަނީ ވިދާޅުވެފަ އެވެ.