ސަރުކާރުގެ ހުރިހާ ހިދުމަތެއް ލިބޭނެ ޕޯޓަލެއް ހަދަނީ
ސަރުކާރުގެ ހުރިހާ ހިދުމަތެއް ލިބޭނެ ޕޯޓަލެއް ހަދަނީ

ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ލިބޭނެ ގޮތަކަށް gov.mv ގެ ނަމުގައި ޕޯޓަލެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މީރާ އަށް އޮންލައިކޮށް ވޯކް ވިސާ ދެއްކޭ ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ސަރުކާރުގެ ހިދުމަތްތައް ހޯދުމަށްޓަކައި އެތައް ބަޔަކު ކޮންމެ ދުވަހަކު ކިއުގައި ޖެހިގެން ތިބޭ ކަމަށެވެ.

މަލީހު ވިދާޅުވީ، އެ މިނިސްޓްރީން އިސްނަގައިގެން މަސައްކަތް ކުރަނީ އެގޮތަށް ކިއުގައި ޖެހުން ހުއްޓުމަކަށް ގެންނަން ކަމަށެވެ. އަދި ސަރުކާރުގެ ހިދުމަތްތައް ފަސޭހަ ކަމާ އެކު ހޯދޭނެ އޮންލައިން ޕޯޓަލެއްގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ ރާއްޖޭގެ ވަރަށް ގިނަ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސަރުކާރުގެ ހިދުމަތް ހޯދުމަށް އެކި އެކި ސަރުކާރުގެ އޮފީސްތަކުގައި ކިއު ޖެހިގެން ހުރުން. ފުރަތަމަ ނަންބަރު ނަގަން ކިއުގައި ޖެހެން ޖެހޭ. އަނެއްކާ ހިދުމަތް ހޯދަން ކިއުގައި ޖެހެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، މީރާއަށް ހަމައެކަނި ވޯކް ވިސާ ދެއްކުމަށްޓަކައި ދުވާލެއްގެ މައްޗަށް 150 އާއި 200 އާ ދެމެދުގެ އަދަދަކަށް މީހުން ކިއުގައި ޖެހޭ ކަމަށެވެ. ކޮންމެ މީހަކު ހިދުމަތް ހޯދުމަށް ގާތްގަނޑަކަށް ގަޑިއެއްހާއިރު ހުންނަން ޖެހޭ ކަމުގައިވާ ނަމަ މި ވަގުތަށް ދުވާލެއްގެ މައްޗަށް ކުންފުނިތަކުން ގާތްގަނޑަކަށް 10،000ރ. ހޭދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަހެއްގެ މައްޗަށް ތިން ލައްކައެއް ރުފިޔާ އަދި އަހަރެއްގެ މައްޗަށް 3.6 މިލިއަން ރުފިޔާ ކުންފުންޏަކުން ގެއްލޭނެ ކަމަށް ވިދާޅުވި އެވެ.

މިހާ ބޮޑު އިސްރާފެއް ކުންފުނިތަކަށް ވުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި ވޯކް ވިސާ އޮންލައިންކޮށް ދެއްކޭ ގޮތް ހަމަޖެހުމަކީ މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މި ހިދުމަތް ވެސް އެންމެ ފުރިހަމަވާނީ ޑިޕޮސިޓް ފައިސާ ވެސް އޮންލައިކޮށް ދެއްކޭނެ ނިޒާމެއް ގާއިމް ކުރެވިގެން ކަމަށެވެ.

މަލީހު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ވެބްސައިޓެއް ފަރުމާ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށާއި އެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ރަށްތަކުގައި ލޯކަލް ޓޫރިޒަމް ފުޅާވެގެންދާ އިރު ވެބްސައިޓް ތައާރަފްކުރުމުން ރަށްތައް ޕްރޮމޯޓް ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.