21 އޯގަސްޓް 2016 - 11:41

ވޮޝިންޓަން (އޮގަސްޓް 21) - އެމެރިކާގެ ނޭވީ ސީލް ނުވަތަ ނޭވީގެ ސްޕެޝަލް އޮޕަރޭޝަން ސިފައިން ހަމަލާދީ އުސާމާ ބިން ލާދިން މަރާލި ގޮތުގެ މައްޗަށް ފޮތް ލިޔުނު ނޭވީ ސީލްގެ ކުރީގެ މެންބަރު ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހިއްޖެ އެވެ.

ފޮތް ލިޔުނު މެޓް ބިސޮނެޓް ވަނީ އޭނާގެ ފޮތް "ނޯ އީޒީ ޑޭ" 2012 ވަނަ އަހަރު ޝާއިއު ކުރުމުގެ ކުރިން ޕެންޓަގަނުން ފޮތް ފާސް ނުކޮށެވެ. އޭނާ މިހާރު ވަނީ ފޮތް ވިއްކައިގެން ލިބޭ ފައިދާ އާއި ރޯޔަލްޓީ އާއި ފިލްމު ރައިޓްސް ވެސް ސަރުކާރަށް ދިނުމަށް އެއްބަސްވެފަ އެވެ. ބަދަލެއްގެ ގޮތުން ސަރުކާރުން މައްސަލަ ދޫކޮށްލާނެ އެވެ. މި ފައިސާ ބިސޮނެޓް ސަރުކާރަށް ދައްކަން ޖެހެނީ ހަތަރު އަހަރު ތެރޭގަ އެވެ. ޕެންޓަގަނުން ހުއްދަ ނުހޯދާ ދިން ޕްރެޒެންޓޭޝަންތަކުން ލިބުނު އެއް ލައްކަ ޑޮލަރު 30 ދުވަހުގެ ތެރޭ އޭނާ ދައްކަން ޖެހެ އެވެ.

އަލް ގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު ބިން ލާދިން މަރާލީ 2011 ގައި ނޭވީ ސީލުން ޕާކިސްތާނުގެ އަބޮތުއާބާދުގައި ހުންނަ ބިން ލާދިންގެ ގެ އަށް ދިން ހަމަލާގަ އެވެ. ބިން ލާދިންގެ ހަށިގަނޑު ވަނީ ކަނޑު ފައްތައިފަ އެވެ.
ނޭވީ ސީލް- ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑޯ އިންނަކީ އާއްމުކޮށް އެ މީހުން ހިންގާ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު އާއްމު ކުރާ ބައެއް ނޫނެވެ.
ވާޖީނިއާގެ ޑިސްޓްރިކްޓް ކޯޓެއްގައި ބިސޮނެޓް ވަނީ ފޮތް ނެރުމުގެ ކުރިން ފޮތް ފާސް ނުކުރެވުނު ކަމަށް ބުނެފަ އެވެ. އަދި އެކަމާ މައާފަށް އެދިފައިވެ އެވެ. އޭނާ ބުނީ އެ ގޮތަށް ކަންތައް ކުރީ ގާނޫނީ ވަކީލު ދިން ނުރަނގަޅު ލަފާގެ މަތިން ކަމަށް ބުންޏެވެ. އަދި އޭނާ ވަނީ އެ ސީރިއަސް ގޯސް އެހެން މީހުން ނުހެދުމަށް އެދިފަ އެވެ.
"އަހަރެންގެ ކުރީގެ އެކުވެރިންނަށް ނުރައްކަލެއް ވާކަށް ބޭނުމެއް ނޫން. ފޮތް ފާސް ނުކޮށް ޝާއިއު ކުރުމަކީ އެ މީހުންނާއި އާއލާތައް ނުރައްކަލަށް ދާނެ ކަމެއް. އެކަމަށްޓަކައި މައާފަށް އެދެން،" ބިސެނޮޓް ބުނެފައިވެ އެވެ.
ކުރީގެ ކޮމާންޑޯ ބިސޮނެޓް ފޮތް ލިޔެފައި ވަނީ މާކް އޮވެންގެ ނަމުގަ އެވެ.
ބިން ލާދިން މަރާލުމަށް އަބޮތުއާބާދަށް ދިން ހަމަލާއާ ބެހޭ ގޮތުން ބިސޮނެޓް ދައްކާފައިވާ ވާހަކަތަކާ މެދު ސުވާލު އުފެދޭ ގޮތަށް، އޮޕަރޭޝަން ހިންގި ނޭވީ ސީލް ޓީމު 6 ޔުނިޓުގެ މެންބަރަކު ވަނީ ވާހަކަ ދައްކައިފަ އެވެ.