06 ޖެނުއަރީ 2019 - 11:32

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮންލައިންކޮށް ވޯކް ވިސާ ފީ ދެއްކޭނެ ގޮތް ހަދައިފި އެވެ.
މީރާގެ މޯލްޑިވްސް ޓެކްސް އެކެމެޑީގައި ބޭއްވި ރަސްމިއްޔާތުގައި، އޮންލައިން ވޯކް ވިސާ ޕޭމަންޓް އިފްތިތާހުކޮށްދެއްވީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ ވީހާ ވެސް ފަސޭހަ ކަމާ އެކު ހިދުމަތް ހޯދޭނެ ގޮތްތައް ފަހިކުރަމަށް މީރާ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި މީރާ އިން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ހޯދޭނެ ގޮތްތައް ފަހިކުރުމަކީ އަމާޒެއް ކަމަށެވެ.
"މީރާގެ އޮންލައިން ހިދުމަތްތައް ތައާރަފްކުރެވި އެކިއެކި ޓެކްސްތަކާއި މީރާއަށް ބަލައިގަންނަ ތަފާތު ފީތަކާއި ފައިސާ ދެއްކުމުގެ މަގު މިހާރު ވަނީ ފަހިކޮށްދީފައި. އެހެން ނަމަވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފީދައްކާއިރު މިހާތަނާ ޖެހެންދެން ވެސް އޮންލައިންކޮށް ވޯކް ވިސާ ޕޭމަންޓް ހެއްދޭނެ ނިޒާމެއް އޮތީ ގާއިމުނުކޮށްދެވި،" ޔަޒީދު ވިދާޅުވި އެވެ.
ޔަޒީދު ވިދާޅުވީ، މީރާގެ ކަލެކްޝަން ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި، ވޯކް ވިސާ ފީ ދައްކަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ސިސްޓަމް މެދުވެރިކޮށް މިއަދުން ފެށިގެން އެކަން ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، މީރާ އިން ފައިސާ ބަލައިގަންނަ އެހެން ސިސްޓަމްތަކާ ހިލާފަށް ވޯކް ވިސާ ފީ ބަލައިގަންނަ އޮންލައިން ސިސްޓަމަކީ އެންސީއައިޓީގެ އެހީތެރިކަމާ އެކު ގާއިމުކުރި ސިސްޓަމެއް ކަމަށެވެ.
މީރާ އިން ވޯކް ވިސާ ފީ ބަލައިގަންނަން ފެށީ 2011 ވަނަ އަހަރު އެވެ. މިދިޔަ އަހަރު 131،000 ވުރެ ގިނަ މީހުންގެ ވޯކް ވިސާ ފީގެ ގޮތުގައި 304 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ. މީގެ ކުރިން ވިސާ ފީ ބަލައިގަންނަނީ އިމިގްރޭޝަނުންނެވެ.