22 އޯގަސްޓް 2016 - 06:33

ޓްވެންޓިއެތު ސެންޗަރީ ފޮކްސް އިން ހަދަން ނިންމާފައިވާ ފިލްމް "ވިޓްނެސް ފޮ ދި ޕްރޮސެކިއުޝަން" ޑައިރެކްޓްކޮށް، އޭގެ ލީޑް ރޯލް ކުޅެދިނުމަށް މަޝްހޫރު އެކްޓަރު ބެން އެފްލެކަށް ހުށަހަޅައިފި އެވެ.
އެ ފިލްމަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ލިޔުންތެރިޔާ އަތާގާ ކްރިސްޓީ ހަމަ އެ ނަމުގައި ނެރެފައިވާ ކުރު ވާހަކައަށް ބިނާކޮށް ހަދާ ފިލްމެކެވެ. "ވިޓްނެސް ފޮ ދި ޕްރޮސެކިއުޝަން" ގެ ސްކްރީންޕްލޭ ލިޔަނީ ކްރިސްޓޯފާ ކޭޒާ އެވެ.
މި ވާހަކައިގައި ކިޔައި ދެނީ މަރުގެ ތުހުމަތެއް އޮތް މީހަކު ސަލާމަތްކުރަން އޭނާގެ ވަކީލު ކުރާ މަސައްކަތެވެ.
މި ވާހަކައިގެ މައްޗަށް މީގެ ކުރިން ވެސް ފިލްމެއް ހަދާފައިވެ އެވެ. އެއީ 1957 ގަ އެވެ. ޓައިރޯން ޕަވާ އާއި މާލީން ޑިޓްރިޗް ލީޑް ރޯލް ކުޅުނު އެ ފިލްމަށް އެ އަހަރުގެ އޮސްކާގައި ހަ ނޮމިނޭޝަން ވެސް ލިބުނެވެ.
ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން "ވިޓްނެސް ފޮ ދި ޕްރޮސެކިއުޝަން" އަލުން ސްކްރީނަށް ގެންނަން ފޮކްސް އިން ނިންމާފައިވާ އިރު، މި ފިލްމުގެ ކޯ-ޕްރޮޑިއުސަރުންގެ ގޮތުގައި އެފްލެކާއި އެކްޓަރު މެޓް ޑޭމަން ވެސް ބައިވެރި ވާނެ އެވެ.
ފޮކްސް އިން މިހާރު ވެސް އަންނަނީ އަގާތާގެ އެހެން ވާހަކައަކަށް ވެސް ފިލްމެއް ހަދަމުންނެވެ. އެއީ ކެނެތު ބްރަނާ ޑައިރެކްޓްކޮށް އެކްޓް ކުރާ "މާޑާ އޮން ދި އޮރިއެންޓް އެކްސްޕްރެސް" އެވެ.
އެފްކެލް މިހާރު އަންނަނީ ވާނާ ބްރަދާސްއާ އެކު ދެ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ އެފްލެކް ޑައިރެކްޓްކޮށް، އެކްޓް ކުރާ "ލިވް ބައި ނައިޓް" އާއި ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ "ބެޓްމޭން" ގެ ފިލްމެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ކޯ-ރައިޓަރަކީ ވެސް އެފްލެކެވެ.