ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރަން ކުރިން ތާވަލުކޮށްފައި އޮތް ބިރުވެރި ފިލްމު "އަމާވަސް" އަންނަ މަހުގެ 1 އަށް ފަސްކޮށްފި އެވެ.

ބުޝަން ޕަޓޭލް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ ސަޗިން ޖޯޝީ އާއި ނަރްގިސް ފަޚްރީ އެވެ. ފިލްމު ރިލީޒްކުރާ ދުވަސް ފަސްކުރި ސަބަބެއް "އަމާވަސް" ގެ ޓީމުން ހިއްސާކޮށްފައި ނުވާ އިރު، މިހާރު ތާރީހަށް މި ގެނައި ބަދަލާ އެކު، އެ ފިލްމު ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހޭނީ އަނިލް ކަޕޫރާއި ދަރިފުޅު ސޯނަމްގެ ކަޕޫރްގެ ފިލްމު "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އާ އެވެ.

"އަމާވަސް" އަކީ "ރާގިނީ އެމްއެމްއެސް 2" އާއި "1920: އީވިލް ރިޓާންސް" ފަދަ ބިރުވެރި ފިލްމުތައް ގެނެސްދިން ބުޝަންގެ ފިލްމަކަށްވާ އިރު، ތާރީހަށް ގެނައި ބަދަލާ އެކު ފިލްމުގެ ވިޔަފާރި އަށް ވާނެ ގޮތެއް ބަލަން ބޮލީވުޑްގެ ވިޔަފާރި ދިރާސާކުރާ މީހުން މިހާރު ތިބީ ބަލަން ބޭނުންވެފަ އެވެ.

ބުޝަން އެންމެ ފަހުން ބެލުންތެރިންނށް ގެނެސް ދިން ފިލްމަކީ މިހާރު ބޮލީވުޑުން ގެއްލިފައިވާ ބަތަލާ ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ލީޑް ރޯލް ކުޅުނު 2015 ގެ "އެލޯން" އެވެ.

ލޯބީގެ ބިރުވެރި ވާހަކައެއް ކިޔައިދޭނެ "އަމާވަސް" ގެ ކާސްޓުންގެ ތެރޭގައި ޓީވީން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ފިލްމުތަކުން ފެންނަ ވިވިއަން ބަތޭނާ އާއި ޓީވީ ބަތަލާ މޯނާ ސިންގް އަދި އަލީ އަސްގަރު ފަދަ ތަރިން ހިމެނެ އެވެ.

ވަރުން ދަވަންއާ އެކު ކުޅެން ކެޓްރީނާ ކެއިފް ސޮއިކުރި ޑާންސް ފިލްމުން އޭނާ ވަކިވުމުން އެ ފިލްމުގެ ބަތަލާގެ ރޯލަށް ޝްރަދާ ކަޕޫރް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައި ވަނިކޮށް، ފިލްމުގެ މުހިއްމު ރޯލަކަށް ނޯރާ ފަތެހީ ވެސް ސޮއިކޮށްފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.

ނަމަވެސް މި ފިލްމު ގެނެސްދޭ ޓީ ސީރީޒާއި ޑައިރެކްޓަރު ރެމޯ ޑި ސޫޒާ މިކަމާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނި ގޮތުގައި ފިލްމުގެ ކާސްޓް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.

މި ފިލްމުގެ ޝޫޓިން މި މަހުގެ 22 ވަނަ ދުވަހު ޕަންޖާބްގައި ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެ ތަނުގައި ހަފުތާއެއްހާ ދުވަހު ޝޫޓް ކުރުމަށް ފަހު، ކާސްޓާއި ކްރޫ ދެން މިސްރާބު ޖަހާނީ ފިލްމުގެ ބޮޑު ބައި ޝޫޓް ކުރާ ލަންޑަނަށެވެ.

މި ޑާންސް ފިލްމަށް ނޯރާ ސޮއި ކުރި ކަމަށް ރިޕޯޓްތައް ބުނާ އިރު، މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ އައިޓަމް ލަވަ "ދިލްބަރު" އާ އެކު ނޯރާގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފަ އެވެ.

ޑިޕްރެޝަނުގެ ޝިކާރައަކަށްވެފައިވާ ކަމަށާއި އެކަމުން އަރައި ގަތުމަށް މިހާރު މަސއްކަތް ކުރަމުން އަންނަ ކަމަށް ދާދި ފަހުން ސޮނީ ޓީވީން ނިންމައިލި އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖްކަން ކުރި ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ބުނެފި އެވެ.

ޑިޕްރެޝަނަށް ހުށަހެޅިފައިވާ ވާހަކަ އިންސްޓްގްރާމް ސްޓޯރީގައި ހިއްސާ ކުރި ޕޯސްޓްތަކެއްގައި ހުނަރުވެރި ލަވަކިޔުންތެރިޔާ ހިއްސާކޮށްފައި ވަނީ އޭނާ އެންމެ ފަހުން ރައްޓެހިވެގެން އުޅުނު އެކްޓަރު ހިމާންޝް ކޯލީގެ ގުޅުން ވެސް ނިމުމަމަށް އައިސްފައި ވަނިކޮށެވެ.

އެ އުދާސްތައް ވެސް އިންސްޓަގްރާމްގައި ބަންޑުން ކުރުމަށް ފަހު، ޑިޕްރެޝަނާ ބެހޭ ގޮތުން ނީހާ ބުނީ މިއީ ވަރަށް އުނދަގޫ ދަނޑިވަޅެއް ނަމަވެސް އޭނާގެ ކެރިއަރަށް ގެއްލުން ވެދާނެ ކަހަލަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ރައްޓެހިންނާއި އާއިލާގެ އިތުރުން ހެޔޮއެދޭ މީހުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރި ކަމެއް ލިބެމުން އަންނަ ކަމަށް ބުންޏެވެ.

ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 9 ވަނަ ސީޒަން ކަލާޒް ޗެނެލުން ހޮނިހިރު ދުވަހުގެ ރޭ ދައްކަން ފަށައިފި އެވެ.

މި ޝޯގެ އެޕިސޯޑްތައް ގެނެސް ދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގަ އެވެ. ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓް ކުރާ ޝޯ މި ފަހަރު ޝޫޓްކޮށްފައި ވަނީ އާޖެންޓީނާގެ އެވެ.

އެމެރިކާގެ ރިއަލިޓީ ޝޯ "ފިއާ ފެކްޓާ" ގެ އިންޑިއަން ވާޝަންގެ ގޮތުގައި ގެނެސްދޭ "ހަތުރޯން ކޭ ކިލާޅީ" ގެ މި ފަހަރުގެ ބައިވެރިންނަކީ ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ އަދި ކުރީގެ ބަތަލާ ޝަމީތާ ޝެޓީ، މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހާޝް ލިމްބާޗިއާ، ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަން، ކޮރިއޯގްރާފަރު އަދި އެކްޓަރު ޕުނިތު ޕަތަކް، "ބިގް ބޮސް 11" ގައި ވާދަކުރި ވިކާސް ގުޕްތާ، ބިގް ބޮސް 12 ގައި ވާދަ ކުރި ކްރިކެޓް ތަރި ސްރީ ސާންތު، އެކްޓަރު އަލީ ގޯނީ، ބަތަލާ އަދި ހޯސްޓް ރިދިމާ ޕަންޑިތު، އެކްޓަރު ޒައިން އިމާމް، ބަތަލާ އަވިކާ ގޯރް އަދި ޓީވީ ބަތަލާ ޖޭސްމިން ބާސިން އެވެ.