"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" އަލުން ސްޓާ ޕްލަސް އަށް
"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" އަލުން ސްޓާ ޕްލަސް އަށް

ސްޓާ ޕްލަސް އިން ގެނެސްދިން އެންމެ ކާމިޔާބު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" އަލުން ދައްކަން ނިންމައިފި އެވެ.

އެ ޗެނެލުން ކުރި ޓްވީޓެއްގައި ބުނީ އަލުން ސިލްސިލާ ގެނެސްދޭން ނިންމީ އެތައް ބަޔަކު އެދިގެން ކަމަށާއި މިއަދުން ފެށިގެން ދައްކަން ފަށާނެ ކަމަށެވެ.

"އިސް ޕިރާޔް ކޯ ކިޔާ ނާމް ދޫ" އަކީ ޖޫން، 6، 2011 އިން ނޮވެމްބަރު، 30، 2012 އާ ހަމައަށް ކުރިއަށް ގެންދިޔަ ވަރަށް މަގުބޫލު ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި މީގެ 398 އެޕިސޯޑް ދައްކާފައިވެ އެވެ.

ސަނާޔާ އިރާނީ އާއި ބަރުން ސޮބްތީ ލީޑް ރޯލް ކުޅުނު "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" އާ އެކު މި ޖޯޑު ވެގެން ގޮސްފައި ވަނީ އިންޑިއާގެ ޓީވީގެ އެންމެ މަގުބޫކު އެއް ޖޯޑަށެވެ. މީގައި ކިޔައި ދެނީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ނިޔަނެތި އަންހެން ކުއްޖަކާއި މުއްސަނދި އަދި ނުފޫޒި ގަދަ އާއިލާއެއްގެ ތަންކޮޅެއް ރުންކުރު ޒުވާނެއްގެ ލޯބީގެ ވާހަކަ އެވެ.

"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" ބޮޑު ކާމިޔާބީއާ ގުޅިގެން، މީގެ ދެވަނަ ސީޒަނެއް 8 އެޕިސޯޑްގެ ވެބް ސީރީޒެއްގެ ގޮތުގައި 2015 ގައި ސްޓާ ޕްލަސްގެ ޑިޖިޓަލް ޕްލެޓްފޯމް ހޮޓްސްޓާ އިން ގެނެސް ދީފައިވެ އެވެ.

އަދި މީގެ ތިން ވަނަ ސީޒަނެއް ސްޓާ ޕްލަސް އިން 2017 އަހަރު ގެނެސް ދިނެވެ. އޭގައި ލީޑް ރޯލް ކުޅުނީ ބަރުން އާއި ޝިވާނީ ތޯމަރް އެވެ. އެކަމަކު ބެލުންތެރިންގެ މަގުބޫލުކަން ކުޑަވުމުން 70 އެޕިސޯޑަށް ފަހު، ތިން ވަނަ ސީޒަން ވަނީ ހުއްޓާލައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" ގެނެސް ދިން ޓީމުން ވަނީ އަނެއްކާ ވެސް ވަރުގަދަ ލޯބީގެ ސިލްސިލާއެއް ގެނެސް ދޭން ނިންމައިފަ އެވެ. އަދި އޭގެ ބަތަލާގެ ރޯލަށް ސަނާޔާ ސޮއިކޮށްފައިވާ ކަމަށްވެ އެވެ.

އިންޑިއާގެ ބައެއް ޗެނެލްތަކުން މިހާރު ވެސް އަންނަނީ ކުރިން ދެއްކި މަގުބޫލު ސިލްސިލާތައް އަލުން ގެނެސް ދެމުންނެވެ.

އެގޮތުން ޒީޓީވީން 2013-2015 އަށް ގެނެސް ދިން "ޖޯދާ އަކްބަރު" އަލުން ދައްކަމުން އަންނަ އިރު، ސްޓާ ބާރާތުން އަންނަނީ 2015-2016 އަށް ގެނެސް ދިން "ސިޔާ ކޭ ރާމް" ގެނެސް ދެމުންނެވެ.