06 ޖެނުއަރީ 2019 - 09:52

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
ހަލީމާގެ ކުޅަދާނަކަމާއި ކާމިޔާބު ވިޔަފާރިއަށް ވުރެ ބޮޑަށް، އަހަރެން ހައިރާންކުރުވީ ގޭގައި އުޅޭ ދެ އަންހެންކުދިންނެވެ. ހަލީމާގެ އަންހެން ކޮއްކޮ އާއި ހަލީމާގެ ދޮށީ އަންހެން ދަރިފުޅަކީ، ދުވާލު ހަތަރުދަމު ނިދާފައިތިބޭ ބައެކެވެ. ހޭލަނީ އިރުއޮއްސުނީމައެވެ. ހޭލާ ގޮތަށް އިށީންނަނީ ޓީވީ ބުޑުގައެވެ. ކަނީ ވެސް އެ ތަނުގައި ތިބެގެންނެވެ. ފޯނުން އަތް ދޫނުވެއެވެ. އެ ކުދިން ގޭތެރޭގެ މަސައްކަތެއް ނުވަތަ ނަމާދެއް ކުރަނިކޮށް އަހަންނެއް ނުދެކެމެވެ. ރޭގަނޑު ދަންވަރު އަހަންނަށް ހޭލެވިގެން ބަލައިލާއިރު ވެސް އެ ދެ ކުދިން ތިބެނީ ޓީވީ ކައިރީގައެވެ. ފަތިހު އަހަރެން ހޭލާއިރު އެ ކުދިން ތިބެނީ ނިދައިފައެވެ. އަހަރެން ކޮލެޖު ނިންމައިފައި ގެއަށް އަންނައިރު ވެސް ކުދިން ތިބެނީ ނިދައިފަ އެވެ. ކަމަކީ އަހަންނާ ބެހޭ ކަމެއް ނޫނެވެ. އެކަމަކު ހިތަށް އަރައެވެ. އަހަރެންގެ ދަރިން ތަރުބިއްޔަތު ކުރެވުނުލެއް ހާދަހާ ރަނގަޅެވެ. ދިރިއުޅުމަކީ ކޮބައިކަމާއި ޒިންމާއަކީ ކޮބައިކަން އެ ކުދިންނަށް އެނގޭނެއެވެ. އެއީ ކިބާ ބޮޑު ކުށްހީއެއްކަން ވިސްނުނީ ފަހުންނެވެ.
އަހަރެން ހެނދުނު ތެދުވެގެން ގޮސް ބަދިގޭ ކަންތަކުގައި ހަލީމާއަށް އެހީވަމެވެ. ގޭގައި ދެން ކުރަންހުންނަ ކަންތައްތަކުގައި ވެސް އަހަރެން އެހީވަމެވެ. ހަލީމާއަކީ ވަރަށް ވާހަކަދައްކާ، އެކުވެރި މީހެކެވެ. އަމުރުވެރިކަމާއި ބޮޑާކަމުގެ ސިފަ އެއްގޮތަކަށް ނުހުންނަ މީހެކެވެ. އަބަދު ކަހަލަ ގޮތަކަށް ހަލީމާ ހުންނަނީ ހިނިއައިސްފައެވެ. ވީމާ، އޭނަޔާ އެކުގައި އުޅޭއިރު އަހަރެން ވަރަށް ފޫހިފިލައެވެ. އެންމެ ބޮޑު ނަސީބަކީ، ހަލީމާގެ ފިރިމީހާއަކީ އަމްޖަދުގެ ގާތް ރައްޓެއްސަކު ދަންނަ މީހަކަށް ވީކަމެވެ. އެ ދެމަފިރިންގެ ފަރާތުން ވެސް އަހަންނަށް އިހުސާސްކުރެވުނީ ރައްކާތެރިކަމެވެ.
އެ ގޭގައި އަހަރެން އުޅޭތާ ހަތަރުވަނައަށްވީ ދުވަހެވެ. މާލެއައިތާ އޭރު ހަފުތާއެއް ނުވެއެވެ. އެ ދުވަހު ކިލާސް ނިމުނީ ތިރީހަކަށް މިނެޓު އަވަހަށެވެ. އަހަރެންގެ އަތަކު އެޕާޓުމަންޓުގެ ތަޅުދަނޑިއެއް ނޯވެއެވެ. ހުންނަ މުއްދަތު ކުރުކަމުން ތަޅުދަނޑިއެއް ދޭކަށް ނުވެސް ބުނަމެވެ. ބުނި ނަމަ ލިބުނީހެވެ. ހަލީމާއަކީ އެ ކަހަލަ މިޒާޖެއްގެ މީހެކެވެ. ކޮންމެއަކަސް އެ ދުވަހު ގެއަށް އައިސް އެޕާޓުމަންޓުގެ ރަނގަބީލުޖެހީމެވެ. ޚަބަރެއް ނުވިއެވެ. އިރުކޮޅެއްކޮށްފައި އަނެއްކާ ވެސް ރަނގަބީލުޖެހީމެވެ. ފަސްވަރަކަށް މިނެޓުވީއިރު ވެސް ދޮރެއް ނުހުޅުވިއެވެ. ގޭތެރޭގައި މީހަކު އުޅޭހެނެއް ވެސް ހިޔެއްނުވެއެވެ. އަނެއްކާ ވެސް ރަނގަބީލުޖެހީމެވެ. ގުނަމުން ހަތް ފަހަރު ރަނގަބީލުޖެހުމުން ވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އަހަރެން ވަންނާނެ އިތުރު ތަނެއް ނެތެވެ. ދާނެ ތަނެއް ވެސް ނެތެވެ. ވިސްނައިލައިފައި ހަލީމާއަށް ގުޅީމެވެ. ފޯނެއް ނުނަގައެވެ. ހަލީމާގެ ފިރިމީހާގެ ނަންބަރެއް އަހަންނަކަށް ނޭނގެއެވެ. ގޭގައި އުޅޭ އަނެއް ދެ ކުދިންގެ ނަންބަރެއް ވެސް އަހަރެން އަތަކު ނެތެވެ. ކުރެވޭނެ އެހެން ކަމެއް ނެތެވެ. އަނެއްކާ ވެސް ރަނގަބީލުޖަހަން ފެށީމެވެ. ދޮރުގައި ތަޅައި، ހަޅޭއްލަވާކަށް ނުކެރުނެވެ. އިރުކޮޅެއް ކޮށްލައިފައި އަނެއްކާ ވެސް ރަނގަބީލުޖަހަނީއެވެ. ސާޅީހަކަށް މިނެޓުވާން އުޅެނިކޮށް އަހަރެންގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ހީކުރީ ހަލީމާގެ ކޯލެއް ކަމަށެވެ. އެކަމަކު ގުޅީ އަމްޖަދެވެ.
ފޯނު ނުނަގައި އަހަރެން ވިސްނައިލީމެވެ. ދޭނެ ޖަވާބަކާ މެދުގައެވެ. އަހަރެން ކުރަނީ ކީއްތޯ އަމްޖަދު އަހާނެއެވެ. ވާނުވާ ތެދަށް ބުނަން އަމްޖަދު ތަކުރާރުކޮށް ބުނެފައިވާއިރު ސިއްރުކުރާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ފަހުން ފޯނު ނެގީމެވެ.
"ކޮބާ ކިހިނެއް ކިހިނެއް؟ ކޮންތާކު ތިހިރީ؟" އަމްޖަދު އެހިއެވެ. "ކީއްތިކޮށްލަނީ؟"
"މިހިރީ އަހަރެން އުޅޭ އެޕާޓުމަންޓުގެ ދޮރުމަތީގައި،" ހިތްހަމަނުޖެހިފައިވާ ރާގެއްގައި އަހަންނަށް ބުނެވުނެވެ. "ބެލްޖަހާޖަހާ ވެސް ދޮރެއް ނުހުޅުވި. އެހެންޏާ ހަމަ ބެލްޖަހާއިރަށް ހުޅުވާނެ. މިހާރު ބައިގަޑިއިރު ވެއްޖެ! ހަދާނެ ގޮތެއް ނޭނގިފަ މިހިރީ."
އަމްޖަދާ ވާހަކަ ދައްކާދައްކާ ހުއްޓައި އަހަރެންގެ އަރުބެދިއްޖެއެވެ. ރޮވޭ ގޮތް ވެއްޖެއެވެ. އެ ކަހަލަ ކަންތައްތަކާ ކުރިމަތިލާފައިވާ މީހަކަށް ނުވާތީ ވަރަށް ފަސޭހައިން އަހަރެން ހިތުގައިޖެހެއެވެ.
"ހާސްނުވޭ ހާސްނުވޭ!" އަހަރެންނަށް އެހީވުމަށް އަމްޖަދު އަތުކުރިއޮޅައިލިއެވެ. "އެބަ ގުޅަން."
އަހަރެން އިންތިޒާރުކުރީމެވެ. އެ ވަގުތުކޮޅު ވެސް ދެ ފަހަރަކު ރަނގަބީލުޖެހީމެވެ. ހަލީމާއަށް ގުޅޭތޯ ބެލީމެވެ. ދެ ކަމުން ކުރެ އެއް ކަމެއް ވެސް ކާމިޔާބެއް ނުވިއެވެ. ކުޑަދޮރުން އެތެރެ ފެނޭތޯ ބެލީމެވެ. ދޮރުފޮތިގަނޑު ދަމައިފައި ހުރުމުން އެތެރެއެއް ނުފެނެއެވެ. ފޮތިގަނޑާ ހަމައަކަށް އަހަރެންގެ އަތެއް ނުފޯރައެވެ. ވައިގޮޅި ބޮޑުކަމުންނެވެ. އަހަރެން ހުރީ މެންދުރު އެއްޗެއް ކެއިގޮތަށެވެ. ކޮޅަށް ހުރެހުރެ ފައިވާޅުވިއެވެ. އަނެއްކާ އަމްޖަދު ގުޅިއެވެ.
"އަދިވެސް ނުހުޅުވާ؟" އަމްޖަދު އެހިއެވެ. "އޭނަގެ ފިރިމީހާ ވެސް ފޯނެއް ނުނަގައޭ. ދޮރުގަ ތަންކޮޅެއް ބާރަށް ޓަކިޖަހާލަބަލަ!"
"ދޮރެއް ނުހުޅުވައޭ އަމްޖަދޫ!" އަހަރެން ބުނީމެވެ. "އަހަންނަކަށް ނުކެރޭނެ ބާރަށް ދޮރުގަ ތަޅައިގަންނާކަށް. ބެލްގެ އަޑު ނީވުނު ބަޔަކަށް ކިހިނެއް ޓަކިޖަހައިގެން އަޑުއިވޭނީ؟ ނިދާފަތިބި ބަޔަކަށް ވެސް ހޭލެވޭހާ ވަރު މިހާރު ކުރެވިއްޖެ! އަހަންނަށް ހަމަ ޔަގީން އެތެރޭގަ ކޮންމެވެސް ބަޔަކު އުޅޭނެ."
"އަނެއްކާ ވެސް މި ބަލަނީ އޭނައަށް ގުޅޭތޯ،" އަމްޖަދު ބުންޏެވެ. "މަ ވެސް ރައްޓެއްސަކާ ގުޅައިގެން އޭނަ ލައްވާ މި ބަލަނީ."
ރޭގަނޑު ހަތެއްޖެހިއިރު ވެސް އަހަރެން ހުރީ ދޮރުމަތީގައެވެ. ސިޑިގޮޅި ވަރަށް ހޫނެވެ. ވައިރޯޅިއެއް ނުޖެހެއެވެ. އަހަރެން ހުރީ ދާހިތްލައި ފޯވެފައެވެ. ނުލާހިކު ހަނި ސިޑިއެކެވެ. އެހާ ގިނަ މީހުން އަރައިފައިބައެވެ. ކޮޅަށްހުރެހުރެ ފައިގެ ރިހުން ހުރީ ދެ ގުނައަށް ބޮޑުވެފައެވެ. އަނެއްކާ ވެސް އަމްޖަދު ގުޅިއެވެ.
"ހަލީމާ ހޮސްޕިޓަލުގައި އެޑުމިޓުކޮށްގެން އޭނަގެ ފިރިމީހާ ވެސް މި ވަގުތު ހުރީ އެ ތަނުގައި،" އަމްޖަދު ކަންބޮޑުވެފައި ބުންޏެވެ. "ހަމަ ކުއްލިއަކަށް ހަލީމާ ބަލިވެގެން އިމަޖެންސީގަޔޯ ގެންދިޔައީ ވެސް. އައިވީއެއް ގުޅާފަ މިހާރު އޮތީ. އެ ހުސްވީމަޔޯ ދެވޭނީ. ދެން މަޑުކޮށްލާ! އެހެން ކީއްކުރާނީ؟"
ދިމާވީ ކޮންމެކޮންމެ ދުވަހަކު ދިމާވާނެ ކަހަލަ ކަމެއް ނޫނެވެ. އެ މީހުންގެ ކުށެއް ވެސް ނެތެވެ. މީހަކަށް ކަމެއް ދިމާވެދާނެއެވެ. އަނެއްކޮޅުން އަމްޖަދަށް ކުރެވޭނެކަމެއް ވެސް ނެތެވެ. ރޭގަނޑު އަށެއްޖެހިއިރު ވެސް ދޮރެއް ނުހުޅުވައެވެ. ފާރުގައި ލެނގިލައިގެން ފިކުރުކުރަން ހުއްޓައި ދޮރުގެ ތަންޑު ނެއްޓި އަޑުއިވުނެވެ.
"އަހަނ!" ހަލީމާގެ ދަރިފުޅު ބުންޏެވެ. "ހާދަހާ ލަހުން ތި އައީ."
އަހަންނަކީ މީހުންނަށް ހަޅޭއްލަވާ މީހެއް ނޫނެވެ. ވަކިން ހާއްސަކޮށް ހަލީމާގެ ދަރިއަކާ ދިމާއަށް އެއްޗެއް ބުނުމަކީ އަހަރެން ކުރާނެކަމެއް ނޫނެވެ. ކިތަންމެ ރުޅިއަޔަސް އަހަރެންގެ ރުޅި އަހަންނަށް ކޮންޓުރޯލުކުރެވެއެވެ. އެއްވެސް އެއްޗެއް ނުބުނެ އަހަރެން އެތެރެއަށް ވަންނަނިކޮށް ހަލީމާގެ ކޮއްކޮ ކޮޓަރިން ނުކުތެވެ. އަހަރެން ސޯފާގައި އިށީނދެލީމެވެ. ހަލީމާގެ ހަގު ދަރިފުޅު ފެންނާކަށް ނެތެވެ.
"ހާދަ އިރަކު ބެލްޖަހައިފީމޭ!" އަހަރެން މަޑުމަޑުން ބުނީމެވެ.
"ސީރިޔަސްކޮށް؟" ވަރަށް "ހައިރާންވެފައި" ހަލީމާގެ ދަރިފުޅު ބުންޏެވެ. "އެކަމަކު އަޑެއް ނީވޭ! ނޫންތަ އަޅެ!"
"އާނ! ނީވޭ! އަހަރުމެން ހޭލާއުޅޭތާ ކޮންޒަމާނެއް؟" ހަލީމާގެ ކޮއްކޮ އެއްބައިވިއެވެ.
އެ މީހުންގެ ބަހުރުވަ ކިތަންމެ ސާދާ ނަމަވެސް، ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުމެއް އެ މީހުންނަކަށް ނުފޮރުވުނެވެ. ހަގީގަތުގައި އެ މީހުންނަށް އަޑުއިވުނެވެ. ގަސްތުގައި ނުހުޅުވީއެވެ. އަމުދުން އެ މީހުން ހޭލާތިބި ނަމަ ރަނގަބީލުގެ އަޑު ނީވިއެއް ނުދާނެއެވެ. އެއީ ސަމާސާއެއްކަމެއް ނުވަތަ ޖެއްސުމެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ، އެ ފަދަ ކަމެއް ކުރުމުން އަހަރެންގެ ހިތަށް ކުރާނެ އަސަރު އެ މީހުން ނުވިސްނި ކަމެވެ. އަހަރެންގެ ހާލާ މެދު އެ މީހުން ހަމްދަރުދީ ނުވިކަމެވެ. ހަލީމާއަކީ ވަރަށް ރަނގަޅު މީހެކެވެ. އޭނަގެ ކޮއްކޮ އާއި ދަރިފުޅާ ދިމާއަށް އަހަރެން ހަޅޭއްލަވާނީ ކިހިނެއް ހެއްޔެވެ؟ އެ މީހުންގެ ގެއެވެ. އަހަންނަކީ ބީރައްޓެއްސެކެވެ. އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނީމެވެ. އެ ވަގުތު އެ މީހުން ހީނގަތް އަޑު އަހަންނަށް އިވުނެވެ. އަހަރެން ކެތްކުރީމެވެ. މާލޭގައި ތަނެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ތަނަކަށް ބަދަލުވަމުން އަހަރެން ކޯސް ނިންމާނީ ކިހިނެއް ހެއްޔެވެ؟ ކޯހުން ލިބޭނީ ކޮންކަހަލަ ނަތީޖާއެއް ހެއްޔެވެ؟ އިރުކޮޅަކު ވިސްނާލަން އިނީމެވެ.
އަހަރެން ކާން ބޭރަށް ނުކުތީ ބައިގަޑިއެއްހާއިރު ފަހުންނެވެ. އޭރު ހަލީމާގެ ދަރިފުޅާއި ކޮއްކޮ ތިބީ އިނގެރޭސި ފިލްމެއް ބަލާށެވެ. އެއީ ކޮން ކަހަލަ ފިލްމެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ނުކުތްއިރު ޓީވީން ފެންނަނީ ޔަގީނުން ވެސް އަހަރެންނަށް ލޯހުޅުވާލަން ކެރޭ ކަހަލަ މަންޒަރެއް ނޫނެވެ. ފަހަރެއްގައި އެއީ އަހަރެން ނުކުތް ވަގުތާ ދިމާވި މަންޒަރަކަށް ވެސް ވެދާނެއެވެ. ބަދިގެ ހުންނަނީ ބޮޑުކޮޓަރި ތެރޭގައެވެ. އަހަރެން ތަށްޓަށް ބަތާއި ރިހައަޅައިގެން މޭޒު ކައިރީގައި އިށީންއިރު ވެސް، ޓީވީން ފެންނަމުންދިޔަ ލަދުވެތި މަންޒަރުތަކެއް ނުނިމެއެވެ. އަޑު ހުރީ ގަދަކޮށްފައެވެ. އަހަންނަކީ ކިތަންމެ ދުރުހިލޭ މީހަކަސް، އުމުރުގެ ގޮތުން ބަލާއިރު މަންމައެއްގެ އުމުރުގެ މީހެކެވެ. ހަލީމާގެ ކޮއްކޮ އާއި ދަރިފުޅާ ދާދި އެއް އުމުރެއްގެ ދަރިން އަހަރެންގެ ތިބެއެވެ. އަދަބު އަޚުލާގުގެ ޒައްރެއްގެ މިންވަރު ހުރި ނަމަވެސް އަހަރެންގެ ހާޒިރުގައި އެ މަންޒަރުތައް ބަލަން ދެ މީހުން ފަސްޖެހުނީހެވެ.
"ކުދިންނޭ އިހަށް ފިލްމު ނިއްވާލަބަލަ!" އަހަރެން އެދުނީމެވެ. "ނޫނީ ޗެނަލު ބަދަލުކޮށްލަބަލަ!"
އެކަކު ވެސް އަޑުއިވޭކަމަކަށް ނުހެދިއެވެ. އަހަންނާ ދިމާއަށް ބަލައިވެސްނުލިއެވެ.
"ޓީވީގެ އަޑު ތަންކޮޅެއް މަޑުކޮށްލަދީފާނަން؟" އަހަރެން އެދުނީމެވެ.
އެއްވެސް ޖަވާބެއް އަހަންނަކަށް ނުލިބުނެވެ. އެންމެ ފަހުން އަހަރެން ނުކައި އެ ތަނުން ދިޔައީއެވެ. އެ ގެއިން ނުކުންނަން ނިންމީ އެ ހިސާބުންނެވެ. ހަލީމާ ކިތަންމެހާ ވެސް ރަނގަޅެވެ. އެކަމަކު އެ މާހައުލު އަހަންނަކަށް ރަނގަޅެއް ނޫނެވެ. ޝަކުވާކުރަން އަހަރެން ހަލީމާއަކަށް ނުގުޅަމެވެ. ދެމައިން ދޭތެރެޖައްސާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޝަކުވާކުރަން އަހަރެންގެ ފިރިމީހާއަކަށް ވެސް ނުގުޅަމެވެ. އަހަރެން ގުޅީ ފާޒިރާއަށެވެ.
"ފާޒިރާ! މި ތާކު ކެތެއް ނުވާނެ،" އަހަރެން ބުނީމެވެ. "ބަލާބަލަ އެހެން ތަނެއް ލިބޭތޯ."
"މިހާ އަވަހަށް؟" ހައިރާންވެފައި ފާޒިރާ ބުންޏެވެ. "ކިހިނެއްވީ؟" --ނުނިމޭ