06 ޖެނުއަރީ 2019 - 07:58

މާބަނޑު ދުވަސްވަރު ވަކި ބާވަތްތަކެއްގެ ކާނާއާ ދުރުވުމަކުން ދަރިފުޅުގެ އެލާޖީގެ މައްސަލަތަކަށް ބަދަލެއް ނާންނަ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާ އަށް، 2005 އިން 2007 އަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނާއި ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން އެއްކޮށްފައިވާ، މާބަނޑު 4،900 މީހެއްގެ މައުލޫމާތު ބޭނުންކުރި އެވެ.
މީގެ ތެރެއިން ތިން ޕަސެންޓް މީހުން ބުނެފައިވަނީ ލިބޭ ދަރިފުޅަކީ އެކި ކާނާތަކަށް އެލާޖިކްވާ ކުއްޖަކަށް ވެދާނެތީ، ބައެއް ބާވަތުގެ ކާނާ ނުކައި އުޅުނު ކަމަށެވެ. މީގެ ތެރެއިން 1.7 ޕަސެންޓް މީހުން އެކި ބާވަތުގެ ނަޓްސް ކެއުމާ ދުރުވި އެވެ. އަދި 0.3 ޕަސެންޓް މީހުން ބިސް ކެއުން މަދުކުރި އެވެ. ކިރުގެ ބާވަތްތައް މަދުކުރި ކަމަށް 0.04 ޕަސެންޓް މީހުން ބުންޏެވެ.
އެމެރިކާގެ ޗިލްރެންސް ނެޝަނަލް ހެލްތު ސިސްޓަމްގެ އެލާޖިސްޓެއް ކަމަށްވާ ޑރ. ކަރެން ރޮބިންސް ވިދާޅުވީ މި ދިރާސާކުރި އިރު، ގިނަ މީހުންނަކީ ދަރިންނަށް އެލާޖީގެ މައްސަލަ ކުރިމަތިވެދާނެ ކަމަށް، އެކި ކާނާތަކާ ދުރުވެގެން އުޅޭ މީހުން ނޫން ކަމަށެވެ.
"އެކަަމަކު، އެލާޖީގެ މައްސަލަ ހުރި ދަރިއަކު ހުރި މީހެއް ނަމަ، މިގޮތަށް ވަކި ބާވަތެއްގެ ކާނާއާ ދުރުވެގެން އުޅުމުގެ ފުރުސަތު ބޮޑު،" އޭނާ ވިދާޅުވި އެވެ.
ދިރާސާއިން އެނގުނީ ދަރިފުޅު ކާނާ އަށް އެލާޖިކްވާ މައްސަލަ ދިމާވެދާނެތީ ބައެއް ކާނާތަކާ ދުރުވެގެން އުޅުނު މީހުންނަށް ލިބުނު ދަރިންނަށް، އެ ނޫން މީހުންނަށް ލިބުނު ދަރިންނާ އަޅާބަލާއިރު އުމުރުން ހަތަރު މަހުގައި ކާނާ އަށް އެލާޖިކްވާ މައްސަލަ ބޮޑު ކަމަށެވެ. އެކަމަކު ނުވަ މަހާއި 12 މަހުގައި ވަކި ތަފާތެއް ނެތެވެ. އަދި ބައެއް ކާނާއާ ދުރުވެގެން އުޅުނު މީހުންނާއި ކާނާއަށް ނުބަލާ އުޅުނު މީހުންނަށް ލިބުނު ދަރިންނާ އަޅާބެލި އިރު އެކި ބާވަތުގެ ކާނާ އަށް އެލާޖިކްވާ މައްސަލަ އަށް ޑައިގްނޯސްވި މިންވަރުގައި، ފާހަގަކުރެވޭ ތަފާތެއް ނެތެވެ.
މި ދިރާސާ ރިޕޯޓް އެމެރިކަން ކޮލެޖް އޮފް އެސްތުމާ، އެލާޖީ އެންޑް އިމިއުނޮލޮޖީގެ ބައްދަލުވުމަށް ވަނީ ހުށަހަޅައިފަ އެވެ. މި ބައްދަލުވުމަށް ހުށަހަޅާ ދިރާސާތަކަކީ ރަސްމީކޮށް ޖާނަލްގައި ޝާއިއު ނުކުރާހާ ހިނދަކު، ރަސްމީ އެއްޗެއްގެ ގޮތުގައެއް ނުބަލާނެ އެވެ.