ބެންފީކާގެ ފުރުސަތަށް މޮރީނިއޯ ނޫނެކޭ ބުނެފި
ބެންފީކާގެ ފުރުސަތަށް މޮރީނިއޯ ނޫނެކޭ ބުނެފި

ލިޒްބަން، ޕޯޗުގަލް (ޖެނުއަރީ 5) - ކޯޗިން ކެރިއަރު ފެށި ބެންފީކާއާ އަލުން ހަވާލުވާން ލިބުނު ފުރުސަތަށް، ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ހޯސޭ މޮރީނިއޯ ނޫނެކޭ ބުނެފި އެވެ.

ދެ އަހަރާއި ބަޔަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރީ މިދިޔަ މަހު އެވެ. މޮރީނިއޯ ކޯޗުކަމުން ވަކިކުރީ އެ ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެ، ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމެންޓުގެ ބައެއް މީހުންނާ އޭނާއާ ދެބަސްވުމަކަށް ގޮސްފައިވަނިކޮށެވެ.

މޮރީނިއޯ 2000 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށީ ބެންފީކާ އިންނެވެ. ބާސެލޯނާގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށް ބެންފީކާއާ ހަވާލުވެ އެ ޓީމަށް ކޯޗުކޮށްދިން 11 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވި އެވެ. އެކަމަކު ތިން މަސް ދުވަހަށް ފަހު މޮރީނިއޯ އެ ޓީމުން ވަކިވީ ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދަން އެ ކްލަބާ އެކު ބޭއްވި މަޝްވަރާތަކަށް އަލިމަގެއް ނުފެނުމުންނެވެ.

ބެންފީކާގެ ކޯޗަކަށް ހުރި ރުއީ ވިޓޯރިއާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ޓީމުން ވަކިކޮށްފަ އެވެ. ތިން އަހަރާއި ބަޔަށް ފަހު ބެންފީކާގެ ކޯޗުކަމުން ވިޓޯރިއާ ވަކިވިއިިރު، އޭނާ ވަނީ އެ ޓީމާ އެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބެންފީކާގެ ބައެއް ބޯޑު މެމްބަރުން ވަނީ އިއްޔެ މޮރީނިއޯގެ އޭޖެންޓް ޖޯޖް މެންޑޭޒްއާ ބައްދަލުކޮށްފަ އެވެ. އަދި އެ ކްލަބުން މޮރީނިއޯ އަށް ޝައުގުވެރިވާކަން އަންގައިފަ އެވެ. މޮރީނިއޯއާ މަޝްވަރާކުރުމަށް ފަހު ބެންފީކާގެ ހުށަހެޅުމަށް ނޫނެކޭ ބުނަން ނިންމީ އެ ކްލަބަކީ މޮރީނިއޯ މިހާރު ބޭނުންވާ ޓީމު ނޫން ކަމަށްވާތީ އެވެ.

ދާދި ފަހުން ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރި ގޮތުގައި މޮރީނިއޯ ބޭނުންވަނީ މި ސީޒަނުގެ ނިޔަލަށް ފުޓްބޯޅަ އިން ޗުއްޓީއެއް ނެގުމަށެވެ. އެ އަށް ފަހު އަންނަ ސީޒަނުގައި ޓީމަކާ ހަވާލުވުމަށެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މޮރީނިއޯ ދެން ފެނުން އެންމެ ގާތީ އިޓަލީގެ ކްލަބަކުންނެވެ.