އެފްއޭ ކަަޕަކީ ޔުނައިޓެޑްގެ އަމާޒެއް: ސޯލްޝެއާ
އެފްއޭ ކަަޕަކީ ޔުނައިޓެޑްގެ އަމާޒެއް: ސޯލްޝެއާ

މެންޗެސްޓާ (ޖެނުއަރީ 5) - އޭނާގެ ކޯޗުކަމުގައި މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން އެފްއޭ ކަޕް ކާމިޔާބު ކުރުމަކީ އަމާޒެއް ކަމުގައި އެ ޓީމުގެ ކޯޗު އޮލެ ގުނާ ސޯލްޝެއާ ބުނެފި އެވެ.

މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން މިހާތަނަށް ކުޅުނު ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ. އަދި ޔުނައިޓެޑުން ވަނީ ކުރިން މެޗުތަކާ ބަލާއިރު މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ.

ސޯލްޝެއާ ބުނީ ޓީމާ ހަވާލުވިއިރު ދެ ކަމެއް ވަރަށް ބޮޑަށް ހާސިލްކުރަން ބޭނުންވި ކަމަށެވެ.

"ފުރަތަމަ ކަމަކީ ރީތި ކުޅުމެއް ދައްކައި އަލުން ސަޕޯޓަރުންގެ އިތުބާރު ޓީމަށް ހޯދައިދިނުން. ދެ ވަނަ ކަމަކަށް އަހަރެން ބެލީ ތަށްޓެއް ހޯދުން. އެއީ ކޮންމެ ކޯޗެއްގެ ވެސް ނަން ކިޔާނީ ކާމިޔާބީ އަށް ބަލާފައި. އެ ގޮތަށް ވިސްނާއިރު ސީޒަން މިހާރު ގޮސްފައި އޮތްގޮތުން އެފްއޭ ކަޕް ކާމިޔާބު ކުރުމަކީ ޔުނައިޓެޑްގެ އަމާޒެއް،" ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑްގެ އަނިޔާގެ މައްސަލަތަކަށް މަޑުމަޑުން ހައްލެއް ލިބެމުން އަންނަ ކަމަށާއި އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްގެ ގޮތުގައި ސޯލްޝެއާ ސިފަކުރެ އެވެ. އެފްއޭ ކަޕްގައި މިއަދު ރެޑިންއާ ދެކޮޅަށް ކުޅޭ މެޗުގައި އަލެކްސިސް ސަންޗޭޒާއި ރޮމެލޫ ލުކާކޫ ފުރަތަމަ އެގާރައިގައި ހިމަނާނެކަން ސޯލްޝެއާ ވަނީ އިއުލާންކޮށްފަ އެވެ.

"ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލުކާކޫ މިދިޔަ ދެ މެޗުގައި ތަފާތު ދައްކައިފި. ދެން އަހަރެން އައިއިރު ވެސް ސަންޗޭޒް ހުރީ އަނިޔާގައި. އޭނާ އަލުން ފޯމަކަށް ގެންނަން ވަރަށް މަސައްކަތްކުރާނަން. މިއީ (އަހަރެންގެ ކޯޗުކަމުގައި) ސަންޗޭޒްގެ ފުރަތަމަ ފެނިލުމަށްވާނެ،" ސޯލްޝެއާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މި މަހުގެ ޓްރާންސްފާ މާކެޓަށް ކަނޑައަޅާފައިވާ ބަޖެޓަކީ 50 މިލިއަން ޕައުންޑެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އަންނަނީ ޔުވެންޓަސް އަށް ކުޅޭ މޮރޮކޯގެ ޑިފެންޑަރު މެހެދީ ބެނަޝިއާ ގެންނަން މަސައްކަތްކުރަމުންނެވެ. އަދި މިހާރު ވަނީ އޭނާގެ އޭޖެންޓާ މަޝްވަރާތައް ވެސް ފަށައިފަ އެވެ.

ސޯލްޝެއާ ބުނީ ވަގުތީ ކޯޗެއް ނަމަވެސް ޔުނައިޓެޑްގެ ޓްރާންސްފާ ކަންތައްތަކުގައި ބަސް ބުނުމުގެ އިހުތިޔާރު އޭނާ އަށް އެބައޮތް ކަމަށެވެ. އަދި ޓީމާ ހަވާލުވިއިރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކުނީ ތިބި ކުޅުންތެރިން ލައިގެން ނަތީޖާ ނެރުމަށް ކަމަށާއި ވަކި ކަންތައްތަކެއް އެއްވެސް ބައެއްގެ ފަރާތުން ޑިމާންޑްކުރުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށް ބުންޏެވެ.

އެފްއޭ ކަޕްގައި އަމިއްލަ ދަނޑުގައި ރެޑިންއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 17:30 ގަ އެވެ.