05 ޖެނުއަރީ 2019 - 08:22

މި އަހަރުގެ އޭއެފްސީ ކޮންގްރެސްގެ އިންތިހާބުގައި ފީފާ ކައުންސިލް އަދި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީ އަށް އެފްއޭއެމްގެ ފަރާތުން ނޮމިނޭޓްކޮށްފައިވާ މަރިޔަމް މުހައްމަދު (މާޔަން)ގެ ގޮނޑި ކާމިޔާބުކުރައްވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމްގެ އިސްވެރިންނާއި މާޔަން މިވަގުތު އަންނަނީ އަބޫ ދާބީގައި ކެމްޕެއިންކުރައްވަމުންނެވެ. އެގޮތުން އަބޫ ދާބީގައި މިއަދު ފަށާ އޭޝިއަން ކަޕުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ދުނިޔޭގެ ފުޓްބޯޅައިގެ އިސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތުގައި މާޔަންނާ އެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
"ވަރަށް ރަނގަޅަށް ކެމްޕެއިންގެ މަސައްކަތް ކުރިއަށްދަނީ. ވަރަށް އިތުބާރާ އެކު މިތިބީ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވި އެވެ.
އޭޝިއަން ކަޕުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު މުހައްމަދު ޝަވީދު ވެސް ހުންނެވީ އަބޫ ދާބީގަ އެވެ.
އޭޕްރީލް މަހު ހަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި މާޔަން އަށް ފީފާ ކައުންސިލުން ގޮނޑިއެއް ލިބިއްޖެނަމަ ހަތަރު އަހަރުގެ މުއްދަތަކަށް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރުމުގެ ފުރުސަތު އޭނާ އަށް ލިބިގެންދާނެ އެވެ. އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގައި މަސައްކަތްކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިވާ ދިވެހިންނަކީ ޝަވީދުގެ އިތުރުން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމެވެ.
އެފްއޭއެމްގެ ވިމެންސް ފުޓްބޯޅަ ޑިޕާޓްމަންޓުގައި އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން މާޔަން ވަނީ ކުރިން މަސައްކަތްކޮށްފަ އެވެ. އޭނާ ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. މީގެ ކުރިން އޭއެފްސީ ވިމެންސް ކޮމިޓީގައި ވެސް މަސައްކަތް ކޮށްފައިވާ މާޔަން ވަނީ ގައުމީ އަންހެން ޓީމަށް ވެސް ކުޅެފަ އެވެ. އަދި 2003 ވަނަ އަހަރު ވިމެންސް ފުޓްބޯލް ޑިވެލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައި އެފްއޭއެމްއާ އެކު މަސައްކަތް ފަށައި، ގިނަ އަހަރުތަކެއް ފަހުން އެފްއޭއެމްއާ ދުރަށް ދިޔަ ނަމަވެސް އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އެކި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.