04 ޖެނުއަރީ 2019 - 22:05

ސިޔާސީ ގޮތުން އައްޔަން ކުރާ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތެދުވެރިކަމާ މެދު ސުވާލު އުފެދިދާނެ ފަދަ ގޮތަކަށް ލިބޭ ހަދިޔާތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލު ކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު ކުރިން އޮންނަ ގޮތުން ސިޔާސީ މުވައްޒަފެއްގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާ މެދު ސުވާލު އުފެދިދާނެ ފަދަ ގޮތަކަށް އެހެން ފަރާތަކުން ހަދިޔާއެއް ދީފި ނަމަ، އެ އެއްޗެއް ރައީސް އޮފީހަށް ނުވަތަ ރައީސް ކަނޑައަޅާ ފަރާތަކަށް ފޮނުވަންޖެހެ އެވެ.
އެ އުސޫލަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން އެފަދަ ހަދިޔާއެއް ލިބިއްޖެ ނަމަ، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އޭސީސީއަށް ނުވަތަ އޭސީސީން ކަނޑައަޅާ ފަރާތަކަށް އެ ހަދިޔާއެއް ހަވާލުކުރަން ވާނެ އެވެ. ސިޔާސީ މުވައްޒަފަކު އެފަދަ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ. އަދި އެފަދަ ހަދިޔާއެއް ދިނުމަށް މީހަކު ހުށަހަޅައިފި ނަމަ، އެކަން އޭސީސީއަށް އަންގަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އެ އުސޫލަކީ ޖުލައި، 2012 އިން ފެށިގެން އަމަލު ކުރަމުން އަންނަ އުސޫލެކެވެ. ސިޔާސީ މުވައްޒަފުން ކުރުން މަނާ ކަންކަމާއި އެފަދަ މުވައްޒަފުންގެ ޗުއްޓީ އާއި ސަލާމް ބުނުމުގެ އުސޫލުތަކާއި މަގާމުން ވަކި ކުރުމުގައި އަމަލު ކުރާ ގޮތްތައް ވެސް އެ އުސޫލުގައިވެ އެވެ.