05 ޖެނުއަރީ 2019 - 08:05

ދަތް އުނގުޅާ ބުރުހުން ސާފުކުރާނީ ދަތެވެ. އެހެން މި ބުނީ ދަތް އުނގުޅާ ބުރުހުން މީހަކު ކަރުތެރެ ސާފުކުރަނިކޮށް އެ ބުރުސް ދިރުވާލެވި ބަނޑުން އެ ނަގަން ޖެހުނު ހާދިސާއެއް ހިނގާފައި ވާތީ އެވެ.

އިންޑިއާގެ މީޑިއާ އިން ބުނީ 12 ސެންޓި މީޓަރުގެ ބުރުސް ދިރުވައިލެވުނީ ނިއު ދިއްލީގެ 36 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާގެ ބަނޑުތެރޭގައި އޮތް ބުރުސް ނެގީ އެއިމްސް ހޮސްޕިޓަލްގައި އެންޑޮސްކޯޕީ ހަދައިގެން ކަމަށެވެ.
ބުރުސް ދިރުވައިލެވުނު މީހާ އަށް ނަސީބަކުން އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
އެންޑީޓީވިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރުސް ދިރުވައިލެވުނު ނަމަވެސް، އާވިދު ކިޔާ މީހާ އެކަން މާ ބޮޑު ކަމަކަށް ނުހަދައި ހުއްޓައި ޖެހިގެން އައި ދުވަހު އާދަޔާހިލާފަށް ބަނޑުގައި ރިއްސަން ފެށި އެވެ. އެހެންވެ ޑޮކްޓަރަށް ދެއްކި އެވެ. އެކަމަކު ބުރުހެއް ދިރުވާލެވުނު ވާހަކައެއް ނުބުނެ އެވެ.
އެކަން ސިއްރުކޮށްގެން ހުއްޓައި، އާވިދުގެ ބަނޑުގައި ބުރުހެއް އޮތްކަން އެނގުނީ ސްކޭން ހެދުމުންނެވެ.
އާވިދަށް ފަރުވާ ދިން ޑރ. ޕްރަވީން އަގަރްވާލް ވިދާޅުވީ މަދުން ނަމަވެސް ބައެއް މީހުންނަކީ ކަރުތެރެ ސާފު ކުރަން ދަތް އުނގުޅާ ބުރުސް ކޮއްޕާ މީހުން ކަމަށާއި އެއީ އެއްވެސް ގޮތަކަށް ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
"މީގައި އެންމެ ރަނގަޅު ގޮތަކީ ޓަންގް ކްލީނާއަކުން ކަރުތެރެ ސާފު ކުރުން. ބުރުސް ކަރުތެރެއަށް ކޮއްޕުން ރައްކާތެރިއެއް ނޫން،" ޕްރަވީން ވިދާޅުވި އެވެ. "އަދި އެގޮތަށް އަމަލު ނުކުރަން އިލްތިމާސް ވެސް ކުރަން."