05 ޖެނުއަރީ 2019 - 08:07

ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ސަހެރް ބަމްބާ ކިޔާ ޝިމްލާގެ އަންހެން ކުއްޖަކު ތައާރަފުކުރަން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ބަތަލާއަކަށް ސަހެރު ނަގާފައި ވަނީ އޮޑިޝަން ހެދި 400 އަށް ވުރެ ގިނަ އަންހެން ކުދިންގެ ތެރެއިންނެވެ. "ސިންގަމް" ފަދަ ބޮލީވުޑްގެ ފިލްމުތައް ކުޅުނު ސައުތު އިންޑިއާގެ މަޝްހޫރު ބަތަލާ ކާޖަލް އަގރްވާލްއާ ވައްތަރު ގޮތެއް ހުންނަ ސަހެރު "ޕަލް ޕަލް ދިލް ކޭ ޕާސް" އަށް އޮޑިޝަން ހެދި އިރު އޭނާ ދިޔައީ މުމްބާއީގައި ކިޔަވަމުން ކަމަށްވެ އެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ "ޕަލް ޕަލް ދިލް ކޭ ޕާސް" އަކީ ޝިމްލާ އާއި މަނާލީ ފަދަ ހިތްގައިމު ފިނި މާހައުލުތަކުގައި ވަރަށް ބޮޑު ބައި ޝޫޓް ކުރަމުން އަންނަ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ކުރިއަށްދާތާ މިހާރު ގިނަ ދުވަސްތަކެއްވި ނަމަވެސް، ސިނަމާތަކަށް ފިލްމު އަންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކަރަން ބޮލީވުޑަށް ދޫކޮށްލާ ފިލްމުގެ ޑައިރެކްޓަރަކީ ބައްޕަ ސަނީ އެވެ. އަދި ފިލްމަށް ނަން ދީފައި ވަނީ ކަރަންގެ ކާފަ އަދި މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ މަގުބޫލު ފިލްމެއް ކަމަށްވާ ބްލެކްމެއިލް (1973) ގެ ލަވަ "ޕަކް ޕަލް ދިލް ކޭ ޕާސް" އިންނެވެ.
އެ ލަވައިގައި ދަރޭއާ އެކު ފެނިގެން ގޮސްފައި ވަނީ ރާކީ އެވެ.
"ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ދަޅަކް" އާއި "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ޝަޝަންކް ކައިތާނެވެ.
ކަރަންގެ ފިލްމު މި އަހަރު ސިނަމާ އަށް ގެންނަން ނިންމާފައިވާ އިރު، މި އަހަރު ބޮލީވުޑަށް ތައާރަފުވާ ތަރިންގެ ދަރިންގެ ތެރެއިން ބެލުންތެރިން އެންމެ އުންމީދު ކުރާ އެކަކީ ވެސް އޭނަ އެވެ.