ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 14 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ރަންވީރު ސިންގްގެ "ގަލީ ބޯއި" ގެ ޓްރެއިލާ މި މަހުގެ 9 ވަނަ ދުވަހު އާންމުކުރަން ނިންމައި، ރަންވީރުގެ ރެޕް ލަވައެއް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

"އަސްލީ ހިޕް ހިޕް" ގެ ނަމުގައި "ގަލީ ބޯއި" ގެ ޓީމުން ދައްކައިލި ވީޑީއޯގައި ފިލްމުގެ ބައެއް މަންޒަރުތަކާ އެކު ރަންވީރުގެ ރެޕް ހުނަރު ވަރަށް ބޮޑަށް ދައްކާލައިފައިވެ އެވެ. ޒޯޔާ އަހްތަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ މަގުމަތިން އުފަންވާ ކާމިޔާބު ރެޕާއިންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ވަރަށް ރަސްޓިކް ލުކެއް ފެނިގެން ދާނެ ފިލްމުގައި ރަންވީރާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ އާލިއާ ބަޓެވެ.

"ގަލީ ބޯއި" ގެ އިތުރު ކާސްޓުންގެ ތެރޭގައި ކަލްކީ ކޮޗްލިން އަދި ވިޖޭ ރާޒް ފަދަ ތަރިން ހިމެނެ އެވެ.

މި ފިލްމުވެގެން ދާނީ ރަންވީރާއި އާލިއާގެ ޖޯޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އަނެއްކޮޅުން ދެ ތަރިން ފިލްމުން ފެނިގެންދާ ގޮތް ވެސް ވަރަށް ތަފާތު ވާނެ އެވެ.

ޒޯޔާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ ރަންވީރު މުހިއްމު ރޯލެއް ކުޅުނު 2015 ގެ "ދިލް ދަޅަކް ނޭ ދޯ" އެވެ.

"މޭނޭޕިޔާރް ކިޔާ" އާއި "ހަމް އާޕް ކޭ ހޯ ކޯން" ފަދަ ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސް ދީފައިވާ ސޫރަޖް ބަރްޖަތިއާގެ ކުންފުނި ރާޖްޝްރީ ޕްރޮޑަކްޝަންގެ އާ ފިލްމު "ހަމް ޗާރް" އަންނަ މަހުގެ 15 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މުޅިން ޒުވާން އާ ކާސްޓެއް ފެނިގެންދާ މި ފިލްމަކީ އާއިލީ ގުޅުމާއި އެކުވެރިކަމުގެ ގުޅުން ވަރަށް ބޮޑަށް ދައްކުވައި ދޭނެ ހަތަރު ޒުވާނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ކާސްޓުންނަކީ އަންޝުމަން މަލްއުތުރާ، ޕްރިތު ކަމާނީ، ސިމްރަން ޝަރުމާ އަދި ތުޝާރު ޕާންޑޭ އެވެ.

"ހަމް ޗާރު" ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ އަބީޝެކް ޑިސިކްޓެވެ.

ރާޖްޝްރީން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2013 ގައި ސޫރަޖް ޑައިރެކްޓްކޮށް، ސަލްމާން ހާނާއި ސޯނަމް ކަޕޫރް ލީޑް ރޯލް ކުޅުނު "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.

މި މަހުގެ 18 ގައި ރިލީޒް ކުރާ ފިލްމުތަކުގެ ލިސްޓަށް "ބޮމްބައިރިޔާ" ވެސް އިތުރުވެއްޖެ އެވެ.

ޕިއާ ސުކަންޔާ ޑައިރެކްޓްކޮށްފައިވާ މި ކޮމެޑީ މިސްޓްރީގެ ކާސްޓުންނަކީ ރާދިޕާ އަޕްޓޭ، އާދިލް ހުސައިން، އަކްޝޭ އޮބެރޯއީ، ސިދާންތު ކަޕޫރް، ރަވީ ކިޝަން، ޝިލްޕާ ޝުކްލާ އަދި އަޖިންކޭ ޑިއޯ އެވެ.

"ބޮމްބައިރިޔާ" ރިލީޒް ކުރާ ދުވަހަށް ތާވަލުކޮށްފައިވާ އެހެން ފިލްމުތަކަކީ "ފްރޯޑް ސައްޔާން"، "706"، "72 އަވާޒް: މާޓީރް ހޫ ނެވާ ޑައިޑް" އެވެ.

މި މަހުގެ 25 ގައި ރިލީޒް ކުރަން ނިންމާފައިވާ އިމްރާން ހާޝިމީގެ ފިލްމު "ޗީޓް އިންޑިއާ" ގެ އާ ލަވައެއް އަނެއްކާ ވެސް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ފިލްމުގެ ތިން ވަނަ ލަވައިގެ ގޮތުގައި ދޫކޮށްލި ލަވައަކީ ޖުބިން ނޯޓިޔާލް ކިޔާފައިވާ "ޕިރް މުލާގާތު" އެވެ. މި ލަވައިގެ މިއުޒިކް ކުނާލް-ރަންގޯން ހަދާފައިވާ އިރު ލަވައިގެ ޅެން ލިޔެފައި ވަނީ ކުނާލް ވަރުމާ އެވެ. "ޕިރް މުލާގާތު" އަކީ އިންޑިއަން ސްޓައިލްގެ މަޑުމައިތިރި، އަހާލަން އަރާމު ލަވައެކެވެ.

"ޗީޓް އިންޑިއާ" އަކީ ސޯމިކް ސެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ކިޔައި ދޭނީ އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ވާހަކަ އެވެ.