04 ޖެނުއަރީ 2019 - 16:37

ނިއު ދިއްލީ (ޖެނުއަރީ 4) - ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ކޮމެންޓަށް އިންޑިއާ އިން ރައްދު ދީފި އެވެ.
އަފްޣާނިސްތާނުގައި އިންޑިއާ އިން ލައިބްރަރީއެއް ހަދައިދިނުމުން ޓްރަމްޕް ވަނީ މޯދީ އަށް މަލާމާތުގެ ގޮތުން، އެއީ އެމެރިކާ އިން އަފްޣާނިސްތާނަށް ކުރި ޚަރަދުގެ ފަސް ގަޑިއިރަށް ވުރެ މަދު އަދަދެއް ކަމަށް ވިދާޅުވެފަ އެވެ.
"ތި ލައިބްރަރީ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމަކު އަފްޣާނިސްތާނުގައި ތި ތަން ބޭނުން ކުރާނީ ކާކު ކަމެއް ނޭނގޭ،" ޓްރަމްޕް ކޮމެންޓް ކުރައްވާފައިވެ އެވެ.
ޓްރަމްޕަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާ އިން ވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ގައުމުގެ ތަރައްގީ އަށް އިންޑިއާ އިން ތިން ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
"އަފްޣާނިސްތާނުގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އިންޑިއާ އިން ދަނީ މުހިންމު ރޯލެއް އަދާކުރަމުން. ސަރަހައްދުގައި އެންމެ ބޮޑަށް އެހީތެރިވާ ގައުމުގެ ހައިސިއްޔަތުން އިންޑިއާ އިން ވަނީ އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ އިތުރުން އިގްތިސާދީ ތަރައްގީގައި ވެސް އެހީވެދީފައި،" އިންޑިއާ ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންޑިއާ އިން ބުނެފައި ވަނީ އަފްޣާނިސްތާނުގައި އިންޑިއާ އިން 218 ކިލޯ މީޓަރުގެ މަގު ހަދައިދީ ދަނޑުވެރިންނަށް ފަސޭހައަކަށް ޑޭމެއް ހަދައިދީ އަދި އަފްޣާނިސްތާނުގެ 3،500 މީހުންނަށް އިންޑިއާގައި ޓްރޭނިން ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ. މީގެ އިތުރުން އިންޑިއާ އިން އަފްޣާނިސްތާނަށް 1.1 މިލިއަން ޓަނުގެ ފުށް ހަދިޔާކޮށް އަދި 400 އެނދުގެ ކުޑަ ކުދިންގެ ހޮސްޕިޓަލެއް އަޅައިދީފައިވާ ކަމަށް ބުނެފައިވެ އެވެ.