21 އޯގަސްޓް 2016 - 11:07

ބާސެލޯނާ (އޮގަސްޓް 21) - ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މި ފަހަރުގެ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ލުއިސް ސުއަރޭޒްގެ ހެޓްރިކާ އެކު 6-2 އިން ރެއާލް ބެޓިސް އަތުން މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ލިއޮނަލް މެސީ ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ ތުރުކީގެ މިޑްފީލްޑަރު އާޑާ ޓުރާން އެވެ. ބެޓިސްގެ ދެ ލަނޑު ޖެހީ ރުބެން ކާސްޓްރޯ އެވެ.
ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނީ އުއްމީދު ކުރިވަރަށް ވުރެން ރަނގަޅު ކުޅުމެއް ކަމަށެވެ.
"އާ ސީޒަނަށް އަހަރެމެން ފަރިތަކުރުންތައް ފެށީ ލަހުން. އެހެންވެ އުއްމީދެއް ނުކުރަން މިހާ އަވަހަށް ޓީމު ކުރީގެ ލެވެލަށް ފިޓްނަސް އަންނާނެ ކަމަށް. އެކަމަކު މި މެޗުން ފެނިއްޖެ ޓީމު ކުޅުންތެރިން ކުރި ހިތްވަރު. މެސީ އާއި ސުއަރޭޒް ދައްކުވައިދީފި އެ ދެ ކުޅުންތެރިންނަށް މިދިޔަ ސީޒަނުގައި ދެއްކި ކުޅުން މި އަހަރު ވެސް ތަކުރާރުކުރެވޭނެކަން،" އެންރީކޭ ބުންޏެެވެ.
ބެޓިސްގެ ކޯޗު ގަސް ޕޮޔެޓް ބުނީ މެޗުގެ ކުރިން ވެސް މެސީ އާއި ސުއަރޭޒް ހިފަހައްޓަން އުނދަގޫވާނެކަން އެނގޭ ކަމަށެވެ.
"ފުޓްބޯޅަ ސަޕޯޓަރެއް މެސީ ކުޅޭތަން ބަލަން ޝައުގުވެރިވާނެ. އެކަމަކު އަހަރެން މިއީ އިދިކޮޅު ޓީމުގެ ކޯޗު. އެހެންވުމުން އަހަރެންގެ މަސައްކަތްކުރީ މެސީ ހުއްޓުވާން. އެކަމަކު ފެނުނީ ސުއަރޭޒާއި މެސީގެ ތަފާތުކަން،" ޕޮޔެޓް ބުންޏެވެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު އަނެއް މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ގްރަނާޑާ އާއި 1-1 އިން ވިޔަރެއާލް އެއްވަރުވިއިރު، އެސްޕަންޔޯލް އަތުން ސެވިއްޔާ މޮޅުވީ 6-4 އިންނެވެ.