04 ޖެނުއަރީ 2019 - 12:38

އެމްސްޓެޑަމް (ޖެނުއަރީ 4) - ކަނޑުގަދަވެގެން ކާގޯ ބޯޓަކުން ކަނޑަށް ބޭރުވި ކޮންޓެއިނާތަކުގައި ހުރި ސާމާނު ހޮލެންޑުގެ ރަށްތަކަށް ލައްގަން ފަށައިފި އެވެ.

އަމެލޭންޑް އަދި ޝިއެމޮނިކޫގް ރަށަށް ލައްގަން ފަށާފައިވާ ތަކެތީގެ ތެރޭގައި ފްލެޓް ސްކްރީން ޓީވީ އާއި ކާރުތަކުގެ ޕާޓްތަކާއި ބޮތްކާއި އިކިއާ ފަރުނީޗަރާއި ހެދުމާ އަދި ކުޑަ ކުދިންގެ ކުޅޭ ތަކެތި ހިމެނެ އެވެ.

ހޮލެންޑުގެ ކޯސްޓް ގާޑުން ބުނެފައި ވަނީ ޕެނެމާގައި ރަޖިސްޓްރީކޮށްފައިވާ އެމްއެސްސީ ޒޯއެ ބޯޓުން 270 ކޮންޓެއިނާ ކަނޑަށް ވެއްޓިފައިވާ ކަމަށެވެ. މިއީ ދުނިޔޭގައި ދަތުރު ކުރާ އެންމެ ބޮޑު އެއް ކޮންޓެއިނާ ބޯޓެވެ. އެ ބޯޓުން 19،000 ކޮންޓެއިނާ އުފުލެ އެވެ.

ގަދައިގައި ބޯޓު ޖެހުނީ ޖަރުމަންގެ ބޯކުމް އައިލެންޑް ކައިރިންނެވެ. ނަމަވެސް އެ ސަރަހައްދުން ބޭރުވި ކޮންޓެއިނާތައް ވަނީ އޮޔާ ގޮސް ހޮލެންޑަށް ލައްވަން ފަށައިފަ އެވެ.
ގޮނޑުދޮށުން ހޮވައިގެން ބައެއް މީހުން ޓީވީތައް ގެންދާ މަންޒަރުގެ ފޮޓޯތައް ހޮލެންޑުގެ ބައެއް ނޫސްތަކުގައި ޖަހައިފައިވެ އެވެ. ނަމަވެސް އެ ތަކެއްޗަށް ލޮނުވަދެފައިވާކަމެއް ނޭނގެ އެވެ.
ހޮލެންޑުގެ ކޯސްޓް ގާޑުން ބުނެފައި ވަނީ ތިން ކޮންޓެއިނާގައި ހެޒަޑާސް މެޓީރިއަލް ހިމެނޭ ކަމަށެވެ. އަދި ދަތުރުކުރާ އެހެން އުޅަނދުތަކުން ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.