އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅިއަސް އީރާނުގެ ތެޔޮ ގަންނާނެ މީހުންވޭ
އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅިއަސް އީރާނުގެ ތެޔޮ ގަންނާނެ މީހުންވޭ

ތެހެރާން (ޖެނުއަރީ 7) - އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އީރާނުގެ ތެޔޮ ގަންނާނެ ގައުމުތައް އެބަތިބި ކަމަށް ތެހެރާނުން ބުނެފި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން މިދިޔަ މެއި މަހު އެމެރިކާ ވަކިވުމަށް ފަހު އީރާނުގެ ތެލުގެ އެކްސްޕޯޓާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅީ ނޮވެމްބަރު މަހު އެވެ. އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އަށް ގައުމަކަށް ވަނީ ލުއިތަކެއް ދީފަ އެވެ. އެއީ ޗައިނާ، އިންޑިއާ، ޖަޕާން، ސައުތު ކޮރެއާ، އިޓަލީ، ގްރީސް، ޓައިވާން އަދި ތުރުކީ އެވެ.

އީރާނުގެ ތެލާ ބެހޭ ވަޒީރުގެ ނައިބް އާމިރު ހުސައިން ޒަމާނިނިއާ ވިދާޅުވީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް ތެލުގެ މާކެޓުގެ ވާދަވެރިކަން ބޮޑުވުމުން އީރާނުގެ ތެޔޮ ގަންނާނެ ގައުމުތައް ވަރަށް ގިނަ ކަމަށެވެ.

ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވި ނަމަވެސް އެ އެއްބަސްވުމުގައި ސޮއިކުރި ޔޫރަޕުގެ ގައުމުތަކުން ވަނީ އެއްބަސްވުން ދަމަހައްޓަން ނިންމައިފަ އެވެ. އީރާނުން ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޔޫރަޕިއަން ޔޫނިއަން އިން ދެކޮޅު ހެދުމަށް ގޮވާލައިފަ އެވެ.