އަންނަ ސީޒަނުގައި ބާސެލޯނާއާ ހަވާލުވާނީ ކާކު؟
އަންނަ ސީޒަނުގައި ބާސެލޯނާއާ ހަވާލުވާނީ ކާކު؟

ބާސެލޯނާ (ޖެނުއަރީ 4) – އާނެސްޓޯ ވަލްވާޑޭގެ ބަދަލުގައި އަންނަ ސީޒަނުގައި ބާސެލޯނާގެ ކޯޗަކަށް ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓެއް އެ ކްލަބުން އެކުލަވާލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވަލްވާޑޭގެ ކޯޗުކަމުގައި ބާސެލޯނާ އިން މިދިޔަ ސީޒަނުގައި ކާމިޔާބީތަކެއް ހޯދައި އަދި މި ސީޒަނުގައި ވެސް އޮތީ ރަނގަޅު ޓްރެކެއްގަ އެވެ. މުސްތަގުބަލާ މެދު ދާދި ފަހުން ސުވާލުކުރުމުން ވަލްވާޑޭ ބުނީ އަންނަ ސީޒަނުގައި ބާސެލޯނާގައި ހުންނާނެ ކަމެއް ނޭގޭ ކަމަށެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން ވަނީ ވަރަށް އަވަހަށް ގޮތެއް ނިންމަން އޭނާ އަށް އަންގައިފަ އެވެ.

ބާސެލޯނާގެ ލިސްޓުގައި ކުރީގައި އުޅެނީ ރެއާލް ބެޓިސްގެ ކޯޗު ކުއިކީ ސެޓިއެން ކަމަށްވެ އެވެ. ޖުމްލަ ނުވަ ނަމެއް ހިމެނޭ އެ ލިސްޓުގައި ދެން ތިބި ކޯޗުންގެ ތެރޭގައި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ އާއި މޮނާކޯގެ މިހާރުގެ ކޯޗު ތިއެރީ އޮންރީ ވެސް ހިމެނެ އެވެ. މީގެ ތެރެއިން އޮންރީ އަކީ ބާސެލޯނާގެ ކުރީގެ ކުޅުންތެރިއެކެވެ. އާސެނަލްގައި ދިގު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ވެންގާ ވަކިވީ މިދިޔަ ސީޒަނަށް ފަހު އެވެ. އޭނާ އަކީ ބާސެލޯނާ އިން ބޭނުންވާ ފަދަ ރީތި، ޕާސިން ގޭމެއް ކުޅުވާ ކޯޗެކެވެ.

މީގެ އިތުރުން ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އަދި މިހާރު ގަތަރުގައި ކުޅެމުން އަންނަ ޒަވީ ހެނާންޑޭޒް އާއި ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އަދި އަޔަކްސްގެ ކުރީގެ ކޯޗު ފްރޭންކް ޑި ބޮއާ ވެސް ލިސްޓުގައި ހިމެނެ އެވެ. އެންމެ ހައިރާންކުރުވަނިވި ނަމަކީ ބާސެލޯނާގެ ކުޅުމުގެ ސްޓައިލް ބަދަލުކޮށްލި ކުރީގެ ކޯޗު ޔޮހާން ކްރައިފްގެ ދަރިފުޅު ޖޯޑީ ކްރައިފުގެ ނަމެވެ. ބާސެލޯނާ އަށް ކުރިން ކުޅުނު ޖޯޑީ މިހާރު ކޯޗުކޮށްދެނީ ޗައިނާގެ ޑަންގްޑައި ލިފާނަށެވެ. އޭނާގެ ކޯޗިންގެ މާބޮޑު ތަޖުރިބާއެއް ނެތެވެ.