05 ޖެނުއަރީ 2019 - 16:37

ކޮލަމްބޯ (ޖެނުއަރީ 5) - ލަންކާގައި މިދިޔަ އަހަރު ފަހުކޮޅު އުފެދުނު ސިޔާސީ ހަމަނުޖެހުންގަނޑާ ގުޅިގެން ޓޫރިސްޓުން ގެނައުމުގެ ޓާގެޓް ހާސިލްވެފައި ނުވާ ކަމަށް ސްރީ ލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ) އިން ބުނެފި އެވެ.
ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ލަންކާ އަށް ދިޔައީ 2،333،796 ޓޫރިސްޓުންނެވެ. ދެހާސް ސަތާރަ ވަނަ އަހަރު ލަންކާ އަށް ދިޔައީ 2،116،407 ޓޫރިސްޓުންނެވެ. އެހެން ކަމުން މިދިޔަ އަހަރު ވަނީ 10.3 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ.
ލަންކާ އަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން ދިޔައީ ފެބްރުއަރީ، މާޗް، ޖޫން، ނޮވެމްބަރު އަދި ޑިސެމްބަރު މަހު އެވެ. ޑިސެމްބަރު މަހު އެކަނި ވެސް 253،169 ޓޫރިސްޓުން ދިޔަ އެވެ.
ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރަތުންގާ ވިދާޅުވީ އޮކްޓޯބަރު 28 ވަނަ ދުވަހު ސިޔާސީ މަޝްރަހަށް އައި ކުއްލި ބަދަލާ ގުޅިގެން ޓޫރިޒަމް ޓާގެޓް ހާސިލް ނުވި ނަމަވެސް ޓޫރިޒަމް އާމްދަނީ 3.5 ބިލިއަން ޑޮލަރަށް އެރި ކަމަށެވެ. އޭނާ ވިދާޅުވީ މި އަހަރު ލަންކާ އަށް ހަތަރު މިލިއަން ޓޫރިސްޓުން ގެންދިއުމަށް އަމާޒު ހިފާފައިވާ ކަމަށާ އަދި ޓޫރިޒަމް އާމްދަނީ ވެސް ފަސް ބިލިއަން ޑޮލަރަށް މައްޗަށް ޖައްސާނެ ކަމަށެވެ.
ލަންކާ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރަނީ ޗައިނާ، އިންޑިއާ، އިނގިރޭސި ވިލާތް އަދި ޖަރުމަނުންނެވެ.
ލަންކާގެ ސިޔާސީ މަޝްރަހު ހަލަބޮލިވީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އޮކްޓޯބަރު 28 ވަނަ ދުވަހު ހަމަޖެއްސުމުންނެވެ.