04 ޖެނުއަރީ 2019 - 11:11

ނިއު ދިއްލީ (ޖެނުއަރީ 4) - އިންޑިއާގައި ބޯޓު ދެލި ނަގާ މައިނެއްގެ ތެރޭގައި ތާށިވި 15 މީހުން 21 ދުވަސްވީއިރު ވެސް ސަލާމަތް ނުކުރެވުމުން ސުޕްރީމް ކޯޓުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށްފި އެވެ.

މައިން ނަގާ މީހުން ގެއްލިފައި ވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. އެ މީހުން ތާށިވީ މެގަލަޔާ ސްޓޭޓުގެ ކޯރެއް ބަންޑުންވެ މައިނަށް ފެންވަދެ، މައިންގައި ފެންބޮޑުވުމުންނެވެ.
އެ މީހުން ސަލާމަތް ކުރުމުގައި ނޭޝަނަަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި ކޯލް އިންޑިއާ އަދި އިންޑިއާގެ ނޭވީ އިން މަސައްކަތް ކުރި ނަމަވެސް އަދި މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ.
މައިންނަގާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަށް ޖަވާބު ދެމުން އިންޑިއާގެ އެންމެ މަތީ ކޯޓުން ވަނީ މައިން ނަގާ މީހުން ސަލާމަތް ކުރުމުގައި އިންޑިއާ ސިފައިންގެ އެހީ އަށް ސަރުކާރުން އެދެން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި ސިފައިންގެ އެހީ ނުހޯދަނީ ކީއްވެތޯ ސުވާލުކޮށްފައިވެ އެވެ.
"މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށްދާ ގޮތާ މެދު ހިތްހަމައެއް ނުޖެހޭ. އެންމެން ސަލާމަތުން ތިބޭނެ ކަމަށް ދުއާކުރަން. އެކަމަކު އެ މީހުން ސަލާމަތުން ތިބި ނަމަވެސް ނުވަތަ މަރުވެފައި ތިބި ނަމަވެސް އެ މީހުން މައިން ތެރޭން ނެރެން ޖެހޭނެ،" ކޯޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މައިން އިން ފެން ހުސްކުރަން އިންޖިނޭރުން އިއްޔެ ވެސް ވަނީ ހެވީ-ޑިއުޓީ މެޝިނާއި ޑައިވަރުން ބޭނުންކޮށްފަ އެވެ. މައިންގެ ފުން މިނަކީ 115 މީޓަރު (380 ފޫޓް) އެވެ.
މެގަލަޔާ ސްޓޭޓުގައި 2012 ވަނަ އަހަރު ވެސް ވަނީ މައިނެއްގައި ފެންބޮޑުވެ ތާށިވި 15 މީހުން މަރުވެފަ އެވެ. އެ މީހުންގެ ހަށިތައް މައިނުން ނެރެވޭ ގޮތްވެފައެއް ނުވެ އެވެ.