03 ޖެނުއަރީ 2019 - 15:18

ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޑެޕިއުޓީ އޭޖީގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އާ ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެ މަގާމަށް އިއްޔެ އަލަށް އައްޔަން ކުރެއްވީ ޚަދީޖާ ޝަބީނެވެ.
އުޝާމް ވިދާޅުވީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް އޮފީހުން އެންގެވުމުން ކަމަށެވެ. ޑެޕިއުޓީ އޭޖީގެ މަގާމަށް އިއްޔެ އާ ބޭފުޅަކު އައްޔަން ކުރިޔަސް، އޭނާ އެ މަގާމުން ވަކި ކޮށްފައި ނުވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމަށް ފަހު އެ މަގާމުގައި އޭނާ ހުންނެވީ ރައީސްގެ އެދިވަޑައިގަތުމަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިސްތިއުފާ ދޭން ރައީސް އޮފީހުން މިއަދު އެންގީމަ އިސްތިއުފާ މި ދިނީ." އުޝާމް ވިދާޅުވި އެވެ.
ޑެޕިއުޓީ އޭޖީގެ މަގާމަށް އުޝާމް އައްޔަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. އޭގެފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެ މަގާމުގައި ހުންނެވީ އުޝާމެވެ.
ޑެޕިއުޓީ އޭޖީ ކަމަށް އައްޔަން ކުރުމުގެ ކުރިން އުޝާމް ހުންނެވީ އޭޖީ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމުގަ އެވެ.