03 ޖެނުއަރީ 2019 - 12:33

ބެއިޖިން (ޖެނުއަރީ 3) - ހަނދުގެ ދުނިޔެއާ ދުރުފަޅިއަށް ޗައިނާގެ ޖައްވީ އުޅަނދެއް މިއަދު ޖައްސައިފި އެވެ.

މިއީ ހަނދުގެ އަނދިރި ފަރާތް ނުވަތަ ސައުތު ޕޯލް-އައިޓްކެން ބޭސިން އަށް ޖައްވީ އުޅަނދެއް ތިރިކުރި ފުރަތަމަ ފަހަރެވެ. މީހުންނާ ނުލައި ޗޭންޖް-4 ޖައްވީ އުޅަނދު ހަނދުގެ ބިއްދޮށު ފަރާތަށް ޖައްސާފައި ވަނީ ޗައިނާ ގަޑިން މިއަދު ހެނދުނު 10:26 ގަ އެވެ.

ޗައިނާގެ ރަސްމީ މީޑިއާތަކުން ދަނީ މިއީ ޖައްވީ ހޯދުންތަކުގައި އެ ގައުމަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކުރިއެރުން ކަމަށް ބުނަމުންނެވެ. ޗޭންޖް-4 އިން ހަނދުގެ އަނދިރި ފަރާތުގެ ޖިއޮލޮޖީ އާއި ބަޔޮލޮޖިކަލް ތަހުލީލުތައް ކުރިއަށް ގެންދާނެ އެވެ. ބަޔޮލޮޖިކަލް ދިރާސާތައް ކުރުމަށްޓަކައި ޖައްވީ އުޅަނދުން ވަނީ ތިން ކިލޯގެ އަލުވި އަދި ބައެއް ގަސްތަކުގެ އޮށާއި ސިލްކްވޯމް ބިސް ގެންގޮސްފަ އެވެ.

ޖައްވީ އުޅަނދުތައް މީގެ ކުރިން ޖައްސާފައި ވަނީ ހަނދުގެ ދުނިޔެއާވީ ފަޅިއަށެވެ. ޗައިނާގެ އުޅަނދުން ވަނީ ހަނދުގެ ބައެއް ފޮޓޯތައް ދުނިޔެއަށް ފޮނުވައިފަ އެވެ. ފޮޓޯތަކާއި ޑޭޓާ ފުރަތަމަ ފޮނުވަނީ ސެޓެލައިޓަކަށެވެ. އޭގެ ފަހުން އެ ފޮޓޯތައް ދުނިޔެ އަށް ލިބެނީ ސެޓެލައިޓް މެދުވެރިކޮށެވެ. ޗޭންޖް-4 ގައި ވަނީ ބާރުގަދަ ދެ ކެމެރާ ހަރުކޮށްފަ އެވެ.
ޗައިނާގެ ޖައްވީ އުޅަނދު ޗޭންޖް-3 ވަނީ 2013 ވަނަ އަހަރު ހަނދުގެ ދުނިޔެއާވީ ފަޅިއަށް ޖައްސައިފަ އެވެ.
ޗައިނާ އިން 2003 ވަނަ އަހަރު ވަނީ އެ ގައުމުގެ ފުރަތަމަ އޮސްޓްރޮނޯޓް ޖައްވަށް ފޮނުވައިފަ އެވެ. ޗައިނާ އަކީ އެމެރިކާ އާއި ރަޝިޔާ އަށް ފަހު ޖައްވަށް އޮސްޓްރޮނޯޓަކު ފޮނުވި ތިން ވަނަ ގައުމެވެ.