03 ޖެނުއަރީ 2019 - 11:03

ޒިއުރިކް (ޖެނުއަރީ 3) – ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުން 48 ޓީމަށް ފުރުސަތު ދެވޭނެ މަގެއް ފެނޭތޯ ބަލަމުން އަންނަ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ވޯލްޑް ކަޕުގައި 1998 ވަނަ އަހަރުން ފެށިގެން ވާދަކުރަނީ 32 ޓީމެވެ. އެ އަދަދު 48 އަށް އިތުރުކުރުމަކީ އިންފަންޓީނޯގެ ވައުދެކެވެ. އަދި އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި 2026 ގައި ބާއްވާ ވޯލްޑް ކަޕުން ފެށިގެން އެގޮތަށް ބަދަލުކުރަން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު 2022 ވަނަ އަހަރު ވެސް އެގޮތަށް އަމަލުކުރެވޭތޯ މަސައްކަތްކުރަނީ އެވެ.
"ގަތަރުގައި ވޯލްޑް ކަޕް އޮންނާނީ 32 ޓީމާ އެކު. އެކަމަކު އެ އަދަދު 48 އަށް އިތުރުކޮށް ދުނިޔެ އުފާކުރެވެން އޮތިއްޔާ އެކަން ވޭތޯ ބަލަން ޖެހޭނެ، އެއީ ޔަގީންކަމެއް،" އިންފަންޓީނޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 48 ޓީމަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއްކަމަށް ގަބޫލުކުރެވޭ ނަމަ ހަތަރު އަހަރު ކުރިން ވެސް އެކަން ނުކުރަންވީ ސަބަބެއް ނެތް ކަމަށާއި އެއީ ކުރެވިދާނެތޯ ކަމެއްތޯ ބަލަމުން އަންނަނީ އެހެންވެ ކަމަށެވެ.
އެކަމަކު ގަތަރު ފަދަ ކުޑަ ގައުމެއްގައި އެކަން ވުމުގެ ފުރުސަތު ކުޑަ އެވެ. އެހެންވެ ފީފާ އިން އަންނަނީ ގަތަރާ އަވަށްޓެރި ގައުމުތަކުގައި ބައެއް މެޗުތައް ބޭއްވިދާނެތޯ ބަލަމުންނެވެ. އެހެން ހަމަޖެހިއްޖެ ނަމަ އެއީ އެ ސަރަހައްދާއި މުޅި ދުނިޔެ އަށް ވެސް ފައިދާކުރާނެ ކަމެއް ކަމަށް ފީފާ އިން ދެކެ އެވެ.
އިންފަންޓީނޯ ވިދާޅުވީ އެ ސަރަހައްދުގެ ދޭދޭ ގައުމުތަކުގެ މެދުގައި ހިތްހަމަނުޖެހުންތަޖެއް އެބައުޅޭ ކަމަށާއި އެކަންކަން ހައްލުކުރުމަކީ ލީޑަރުންގެ ކަމެއް ކަމަށެވެ. އެކަމަކު އެހެން އެއްވެސް ކަމަކަށް ވުރެ، ފުޓްބޯޅަ އިވެންޓެއް ގުޅިގެން ބާއްވަން ފަސޭހަވާނެ ކަމަށް އިންފަންޓީނޯ ގަބޫލުކުރައްވަ އެވެ.