03 ޖެނުއަރީ 2019 - 11:32

މާލޭ މަގުމައްޗަށް ކުނި އެޅި މީހަކު ޖޫރިމަނާކޮށް، އޭނާ ދިރިއުޅޭ ގޭގެ ނަން އެންވަޔަރެމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިން އިއްޔެ އާންމުކޮށްފި އެވެ.
އީޕީއޭ އިން ކުރި ޓުވީޓެއްގައި އާއްމުކޮށްފައިވާ ގޮތުގައި، މުސްތަރީމަގަށް ކުނި އެޅީ ހ. ހަނދުވަރުދޭގޭގެ ތިން ވަނަ ބުރީގައި އުޅޭ މީހެކެވެ. މިއީ، ކުނި އެޅި މީހަކާ ބެހޭ މައުލޫމާތު އީޕީއޭއިން އާއްމު ކުރި ފުރަތަމަ ފަހަރެވެ. އެކަމަކު އޭނާ ޖޫރިމަނާކުރި އަދަދު އާއްމެއް ނުކުރެ އެވެ.
އެ މީހާ މަގުމައްޗަށް ކުނި އެޅި ކަން އީޕީއޭ އަށް ރިޕޯޓްކުރީ ފުލުހުންނެވެ. އެހެންވެ، އެ އޮތޯރިޓީން ވަނީ ފުލުހުންނަށް ޝުކުރު އަދާކޮށްފަ އެވެ.
މަގުތަކަށް ކުނިއެޅުން ގިނަވެ، އާއްމު އުނދަގުލަކަށްވެފައިވާތީ، އެކަން ކުރާ މީހުންގެ ނަމާއި ގޭގެ ނަން އާއްމުކުރާނެ ކަމުގެ އިންޒާރު އީޕީއޭ އިން ވަނީ ދީފަ އެވެ.
މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަން އާންމުކުރުމުގެ ބާރު އީޕީއޭ އަށް އޮވެ އެވެ. ގާނޫނުގައިވާ ގޮތުން އެ ފަދަ ކުށްކުރާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ނަގާނީ 300ރ. އެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެ މީހެއްގެ އަތުން 500 ރުފިޔާ ނެގޭއިރު، އެއީ ނުރައްކާތެރި ބާވަތެއްގެ ކުނި ނަމަ، އެ އަދަދު އިތުރު ކުރުމުގެ ބާރު ވެސް ގާނޫނުން އީޕީއޭ އަށް ވަނީ ދީފަ އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، އާއްމު ތަންތަނަށް ކުނިއަޅާ މީހުންގެ ނަންތައް އާއްމުކޮށްގެން ނަމަވެސް މައްސަލަ އަށް ހައްލެއް ހޯދަން އެތަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަދިވެސް އެކަށީގެންވާ ހައްލެއް ނުލިބޭ މި މައްސަލައަކަށް. ވަރަށް ގިނަ ބިދޭސީން ވެސް، އުސޫލުތަކާ ޚިލާފަށް މީހުން ނޫޅޭ ވަގުތު މަގުމައްޗަށް ކުނި އަޅާ،" ނައީމް ވިދާޅުވި އެވެ.
ކުނިއަޅައިގެން ޖޫރިމަނާ ކުރާ މީހުން، ކުށް ތަކުރާރު ކުރުން މަދު ކަން ނައީމް ފާހަގަކުރެއްވި އެވެ.
ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.