ގިލީގެ ބޮޑު އަލިފާން: ރީތި، ހިތްގައިމު ރިސޯޓު "އަޅިޔަށް"
ގިލީގެ ބޮޑު އަލިފާން: ރީތި، ހިތްގައިމު ރިސޯޓު "އަޅިޔަށް"

ކޮޓަރީގައި ތިބެގެން ވަށައިގެން ބަލައިލާ ކޮންމެ ދިމާލަކުން ވެސް ފެންނާނީ މޫދެވެ. އެހާ ހިތްގައިމު އަދި ތިލަ ފަޅެއްގައި ހަދާފައި ހުރި ގިލި ލަންކަންފުށީގެ އަގުބޮޑު ކޮޓަރިތައް ފެންނަ އިރު ވެސް އެއީ، ޓޫރިސްޓުން ރާއްޖެއަށް ނިސްބަތްކޮށް މި ކިޔާ "ދުނިޔެ މަތީގެ ސުވަރުގޭ"ގެ ނަލަކަން މިލްކުކޮށްފައިވާ ރިސޯޓެއްކަން އިހުސާސްކުރެވެ އެވެ. އެކަމަކު ރޭ ކުރިމަތިވީ ބިރުވެރިކަމެވެ؛ ދިހައެއް ޖަހާކަންހާ އިރު ރޯވި އަލިފާން ނިންވާލެވުނު އިރު ހަތް ކޮޓަރި އާއި ރިސޯޓްގެ މައި ރެސްޓޯރެންޓާއި ބަދިގެ ވަނީ އަނދައި ހުލިވެފަ އެވެ.

ގިލީގެ ބޮޑު އަލިފާން: ރީތި، ހިތްގައިމު ރިސޯޓު "އަޅިޔަށް"
ގިލީގެ ބޮޑު އަލިފާން: ރީތި، ހިތްގައިމު ރިސޯޓު "އަޅިޔަށް"

ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާ ބޮޑު އަލިފާނުގެ ހާދިސާއެއް ރިސޯޓެއްގައި މީގެ ކުރިން ހިނގާފައެއް ނުވެ އެވެ. ކުރިން ނަމަ އެއް ކޮޓަރި ނުވަތަ ދެ ކޮޓަރިއެއްގައި ރޯވެދާނެ އެވެ. އަލިފާންގަނޑު ފެތުރުމުގެ ކުރިން ނިންވާލެވެ އެވެ.

ގިލީގެ ބޮޑު އަލިފާން: ރީތި، ހިތްގައިމު ރިސޯޓު "އަޅިޔަށް"
ގިލީގެ ބޮޑު އަލިފާން: ރީތި، ހިތްގައިމު ރިސޯޓު "އަޅިޔަށް"

އެކަމަކު ކުރީގެ ސޮނެވާ ގިލީގެ ނަމުން މަޝްހޫރުވި، ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ގިލި ލަންކަންފުށީގެ ޕްރައިވެޓް ރިޒާވްގައި ރޯވި އަލިފާންގަނޑު ނިންވާލެވޭ ގޮތެއް ނުވި އެވެ. ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ވިލާގެ ގޮތުގައި މަޝްހޫރު 1،400 އަކަ މީޓަރުގެ ވިލާގައި ރޯވި އަލިފާން ފެތުރިގެންދާކަށް މާގިނައިރެއް ނުނަގަ އެވެ. މައިގަނޑު ސަބަބަކީ، އެއް ބަޔަކު ބުނާ ގޮތުގައި، އިރުމަތީ ފަރާތުން ޖެހެމުން ދިޔަ ބާރުގަދަ ވަ އެވެ.

ގިލީގެ ބޮޑު އަލިފާން: ރީތި، ހިތްގައިމު ރިސޯޓު "އަޅިޔަށް"
ގިލީގެ ބޮޑު އަލިފާން: ރީތި، ހިތްގައިމު ރިސޯޓު "އަޅިޔަށް"

ރިސޯޓްގެ ބޮޑު 45 ކޮޓަރި ވެސް ހަދާފައި ހުންނަނީ މޫދުގަ އެވެ. އަލިފާން ރޯވީ އިރުމަތީ ފަރާތުގައި ހުރި ކޮޓަރިއެއްގަ އެވެ. ގަދަ ވަޔާ އެކު، ކައިރީގައި ހުރި އެހެން ކޮޓަރިތަކަށް ވެސް އަލިފާން ފޯރަމުން ގޮސް އެންމެ ފަހުން އެއްގަމުގައި ހުރި ރެސްޓޯރެންޓާއި ބަދިގެ ވެސް، އޭގެ ތެރެއަށް ވަދެގެން ދިޔައީ އެވެ.

"އަޅުގަނޑަށް ހީވަނީ ހަމަ ވައި ގަދަވެގެންހެން އެ ވަރު އެވީ،" ހާދިސާގެ މައުލޫމާތު ހުރި ޓޫރިޒަމް ދާއިރާގެ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"ގިލީގެ ކޮޓަރިތައް އެ ހުންނަނީ މޫދުގައި ޖެޓީން ގުޅާލާފައި. ވައި ގަދަ ވީމާ އަލިފާން ގަނޑުގަނޑަށް ބުރައިގެން ގޮސް އެހެން ތަންތަނުގައި ހިފާފައި ހުރި ކަމަށް ފެންނަނީ."

އަލިފާން ރޯވީ ކީއްވެގެންކަމެއް އަދި ނޭނގެ އެވެ. ގިލި ލަންކަންފުށީގެ ރަސްމީ ޓްވީޓްގައި ބުނެފައިވާ ގޮތުގައި ލިބުނު ގެއްލުން އަންދާޒާކޮށްލަން އަދި އަވަހެވެ.

"ވަރަށް އަވަހަށް ފުރިހަމަ ތަހުގީގެއް ފަށާނަމެވެ،" އެއް ޓްވީޓްގައި ބުނެފައިވެ އެވެ.

މި ދުވަސްވަރު މުޅި ރިސޯޓް އޮތީ ފުލްކޮށް ނަމަވެސް މި ބޮޑު އަދި ނުރައްކާތެރި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ގިލި ލަންކަންފުށިން ބުނީ ހުރިހާ ގެސްޓުންނަށް އެހެން ތަންތަނުން އެކޮމަޑޭޝަން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މި ދުވަސްވަރު ގިލި ރިސޯޓްގައި އެންމެ ދަށްވެގެން ވެސް ކޮޓަރިއެއްގެ އަގު އުޅޭނީ ދުވާލަކު 3،000 ޑޮލަރަށް ވުރެ މަތީގަ އެވެ. އެހެންކަމުން މި ހާދިސާގެ ސަބަބުން މުޅި ރިސޯޓަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

"އެވަރުގެ ރިސޯޓެއް ކުރިއަށް އޮތް ދެ މަސް ދުވަހަށް އޮންނާނީ ވަރަށް ބޮޑަށް ވިކިފައި ކޮޓަރިތައް. އެހެންވީމާ ރިސޯޓް ކުއްލިއަކަށް ބަންދުކުރަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމެއް،" އެއް ތަޖުރިބާކާރު ވިދާޅުވި އެވެ.

ރޭ އަލިފާންގަނޑު ފެތުރެމުން ދިޔައީ ކޮންޓްރޯލް ނުކުރެވިދާނެހާ ބާރަށެވެ. އެކަމަކު ގިލީގެ މުވައްޒަފުންގެ އިތުރުން ޕެރަޑައިސްގެ މުވައްޒަފުންނާއި ސިފައިން ވަރަށް ބުރަކޮށް މަސައްކަތްކުރި އެވެ. ފުރަތަމަ ދިޔަ ސިފައިންގެ ޓީމަށް އެކަނި އަތްލެވޭ ވަރަށް ވުރެ އޮޕަރޭޝަން ބޮޑުކަމުން ފަހުން އަނެއްކާ ދެ ވަނަ ޓީމެއް ވެސް ގެންދިޔަ އެވެ.

ގިލީގެ މުވައްޒަފުން އެންމެ ބޮޑަށް ބިރުގަތީ ރަށުތެރެއަށް އަލިފާންގަނޑު ފެތުރެން ފެށުމުންނެވެ. މޫދުގެ ކޮޓަރިތައް ހަދާފައި ހުރީ ދުރުދުރުގައި ކަމަށް ވުމުން، އަލިފާންގަނޑު ނިންވާލަން ފަސޭހަވާނެ އެވެ. އެކަމަކު ކުޑަކުޑަ ރަށުގައި އިމާރާތްތައް ހުންނަނީ ކައިރިކައިރީގަ އެވެ. އެހެންކަމުން އެ އަލިފާންގަނޑު އަވަހަށް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ މުޅި ރަށް އެނދުމުގެ ފުރުސަތު އޮތީހެވެ.

ރިސޯޓްގެ މައި ރެސްޓޯރަންޓާއި ބަދިގޭގެ އިތުރުން ރަށުތެރޭގައި ހަދާފައި ވަނީ މުވައްޒަފުންނަށް ހާއްސަ ތަންތަނެވެ.