04 ޖެނުއަރީ 2019 - 15:07

ސެެލެބްރިޓީން ފިޓްނަސް ދަމަހައްޓަން ކުރާ ކަންކަން ކުރަން ބައެއް ފޭނުން ބޭނުން ވިޔަސް ބައެއް ހާލަތްތަކުގައި އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެންމެ ބޮޑު މައްސަލައަކަށް ވާނީ މާލީ ގޮތުން ހުރި ދަތިކަމެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް މިހާރު ޕައިލޭޓްސް ކުލާސްތަކެއް ނަގަމުން އަންނަ އިރު، އޭނާ ގަޑިއަކަށް އެ ކުލާހަށް ހަރަދު ކުރާ ވަރު، އާދައިގެ ފޭނެއްގެ އަތެއް ގައިމު ވެސް ނުފޯރާނެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި ސެލީނާގެ ޕައިލޭޓްސްގެ ކުލާހުގެ ގަޑިއެއްގެ ފީއަކީ 300 ޑޮލަރު (4،623ރ.) އެވެ.
އީ-އޮންލައިނުން ބުނި ގޮތުގައި ދާދި ފަހުން ނަފުސާނީ މައްސަލަތަކަށް ސެންޓަރެއްގައި ފަރުވާ ހޯދި 26 އަހަރުގެ ލަވަކިޔުންތެރިޔާ އަލުން ގެއަށް ބަދަލުވެ، އޭނާގެ ޖިސްމާނީ ދުޅަހެޔޮ ކަމަށް މިހާރު އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ލޮސް އެންޖެލިސްގައި ޕްރައިވެޓް އިންސްޓްރަކްޓަރަކާ އެކު ޕައިލޭޓްސް ކުލާސްތައް ގަވައިދުން ނަގަމުން އަންނަ ކަމަށާއި ސެލީނާ މިހާރު ފެންނަނީ ވަރަށް ވެސް ސިއްހަތު ރަނގަޅުކޮށް ކަމަށް ނޫސްތަކުން ބުނެ އެވެ.
ބައެއް ފިލްމުތަކުގައި އެކްޓް ވެސް ކޮށްފައިވާ ސެލީނާގެ ފިލްމެއް މި އަހަރު ސިނަމާތަކަށް ގެންނަން ވެސް ވަނީ ނިންމައިފަ އެވެ. އެއީ އޭނާ މުހިއްމު ރޯލަކުން ފެނިގެންދާ ވުޑީ އެލެންގެ "އަ ރެއިނީ ޑޭ އިން ނިއު ޔޯކް" އެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖޫޑް ލޯ، ޓިމޮތީ ކެމަލޭ، ޑިއެގޯ ލޫނާ އަދި ލިއެވް ޝްރެއިބާ ހިމެނެ އެވެ.