03 ޖެނުއަރީ 2019 - 08:52

ލަންޑަން (ޖެނުއަރީ 3) – ޕްރިމިއާ ލީގުގައި ރޭ ސައުތުހެމްޓަނާ 0-0 އިން ޗެލްސީ އެއްވަރުވި މެޗަށް ފަހު، ޓީމަށް އާ ފޯވާޑެއް ބޭނުންވާކަމުގެ އިޝާރާތެއް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ދީފި އެވެ.
ޗެލްސީން މި މެޗު އެއްކޮށް ކޮންޓްރޯލް ކުރި ނަމަވެސް ފެއިލްވީ ލަނޑު ޖެހުމުގަ އެވެ. ޗެލްސީގައި ތިބި ދެ ސެންޓަ ފޯވާޑުންގެ ތެރެއިން އޮލިވާ ޖިރޯ އަނިޔާގައި ހުރިއިރު، ދެން ހުރީ އަލްވާރޯ މޮރާޓާ އެވެ.
"ދަނޑުގެ 80 މީޓަރުގައި އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނިން. އެކަމަކު ފަހު 20 މީޓަރުގައި އަހަރެމެންނަށް މައްސަލަތަކެއް ދިމާވި،" ފޯވާޑް ލައިނަށް އިޝާރާތްކޮށް ސާރީ ބުންޏެވެ.
އޭނާ ބުނީ އެ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށާއި އޭނާގެ ހިޔާލު ކްލަބަށް ވަރަށް ބޮޑަށް އެނގޭނެ ކަމަށެވެ.
"އަހަންނެއް ނޫން ޓްރާންސްފާ ބާޒާރުގެ ކަންކަމުގައި އިސްކޮށް ހުރީ. އަހަރެން ޖެހޭނީ ކުޅުންތެރިންނާއި ޓީމާއި އެޓޭކިން ފޭހާއި، ނުވަތަ ފަހު 20 މީޓަރުގައި އަހަރެމެން އެޓޭކިން ބައި ރަނގަޅުކުރަން މަސައްކަތްކުރަން،" ސާރީ ބުންޏެވެ. "ކްލަބަށް އެނގޭނެ އަހަރެންގެ މަގާމާއި އަހަރެންގެ ހިޔާލު. ބޯޑުގެ އަތްމަތީގައި އޮތީ."
ލީގުގައި އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި ޖެހިޖެހިގެން ދެ މެޗު ގޮސްފައިވާއިރު ސާރީ ވަނީ ޗެލްސީގެ ލޯނެއްގެ ދަށުން ވެލެންސިއާ އަށް ކުޅެމުން އަންނަ މިޗީ ބަޓްޝުއާއީ އާއި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުން އަންނަ ޓެމީ އަބްރަހަމް އަނބުރާ ގެންނަ ހިޔާލެއް ނެތް ކަމަށް ބުނެފަ އެވެ.
ސާރީ އެންމެ ބޮޑަށް ބޭނުންވީ ޔުވެންޓަސްގެ ލޯނެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުން އަންނަ ގޮންޒާލޯ ހިގައިންނެވެ. ސާރީގެ ކޯޗުކަމުގައި ނަޕޯލީ އަށް ކުޅުނު ހިގައިން ސީޒަން ފެށުމުގެ ކުރިން ގެންނަން ސާރީ މަސައްކަތްކުރި ނަމަވެސް ބޯޑުން ގަބޫލުނުވީ ކަމަށްވެ އެވެ. މިހާރު ކުރިއަށްދާ ޓްރާންސާގައި އޭނާ ގެންނަން އުޅޭ ކަމަށް ވާހަކަދެކެވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނަނީ މިލާން މިހާރު އޮތީ ހިގައިން ދޫކޮށްލާ ގޮތަށް ނޫން ކަމަށެވެ.
ރޭގެ ނަތީޖާއާ އެކު ޗެލްސީ ހަތަރު ވަނައިގައި އޮތީ 44 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 47 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ އެވެ. އަނެއްކޮޅުން 41 ޕޮއިންޓާ އެކު އާސެނަލް އޮތީ ޗެލްސީގެ ފަހަތުގައި ވިއްދައިފަ އެވެ.