03 ޖެނުއަރީ 2019 - 08:49

ނިއުކާސަލް (ޖެނުއަރީ 3) – އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވުމާ އެކު، ކްލަބުގެ ތާރީހުގެ ހާއްސަ ރެކޯޑެއް އާ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ލިބިއްޖެ އެވެ.
ހޯސޭ މޮރީނިއޯ ވަކިކޮށް ޔުނައިޓެޑާ ހަވާލުކުރި ސޯލްޝެއާ ވެފައިވަނީ ޔުނައިޓެޑުގެ ތާރީހުގައި، އާ ކޯޗުގެ ގޮތުގައި ލީގުގައި ފުރަތަމަ ހަތަރު މެޗު ކާމިޔާބުކުރި ދެ ވަނަ ކޯޗަށެވެ. މި ރެކޯޑް ދެން އޮތީ 1946 ވަނަ އަހަރުގެ ކޯޗުކޮށްދިން މެޓްސް ބަޒްބީ އަތުގަ އެވެ.
ހަތަރު މެޗުން މޮޅުވި ނަމަވެސް ޔުނައިޓެޑުގެ މަގާމަށް ބަދަލެއް ނާދެ އެވެ. އެ ޓީމު އޮތީ 38 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ފަސް ވަނައިގައި 41 ޕޮއިންޓާ އެކު އޮތް އާސެނަލާ ދެމެދު ތިން ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މޮރީނިއޯ މަގާމުން ދުރުކުރިއިރު އޭނާ އޮތީ ގަދަ ހަތަރެއްގެ އުއްމީދު ގެއްލުވާލައިފަ އެވެ. އެކަމަކު ފަހުން ނެރެމުން އަންނަ ނަތީޖާތަކާ އެކު އުއްމީދުތައް މަތިވާނެ ކަމަށް ބެލެވެ އެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނެ އެވެ. ޔުނައިޓެޑުގެ ފުރަތަމަ ގޯލް 64 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ރޮމެލޫ ލުކާކޫ އެވެ. މިއީ އޭނާގެ ފައިގައި ޖެހުނު ފުރަތަމަ ބޯޅައިން ކާމިޔާބުކުރި ލަނޑެކެވެ. ދެ ވަނަ ގޯލް 80 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑެވެ.
ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުނީ ހަތަރު މެޗުން ލިބުނު ހަތަރު މޮޅާ އެކު އުފާވާ ކަމަށާއި ފާހަގަކުރަން ޖެހޭ އަނެއް ކަމަކީ އިދިކޮޅަށް ޓީމަށް އޯޕަން ކުޅުމުގެ ތެރެއިން އަދި ޔުނައިޓެޑް ކޮޅަށް ގޯލް ނުޖެހުން ކަމަށެވެ.
"މި މެޗުގެ ފުރަތަމަ ހާފުގައި އަހަރެމެން ތަންކޮޅެއް ހަރަކާތް ލަސްކޮށްދިޔައީ. އެކަމަކު މެޗު ކޮންޓްރޯލްކުރިން ރަނގަޅަށް. އަހަރެމެން ރަނގަޅަށް ސަމާލުކަންދީގެން ކުޅުނިން. ޖުމްލަކޮށް މިއީ ވަރަށް ރަނގަޅު ޕާފޯމަންސެއް،" ސޯލްޝެއާ ބުންޏެވެ.