03 ޖެނުއަރީ 2019 - 09:39

ސަރުކާރުގެ ކަރަންޓް ކުންފުނި ސްޓެލްކޯއިން ވެރިރަށް މާލޭ ސަރަހައްދުގެ އިތުރުން އެކި ރަށްރަށުގެ އެތައް ހާށް ބަޔަކަށް ވެސް ގެންދަނީ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އެކަމަކު އަދިވެސް ސްޓެލްކޯ އަށް، ކަރަންޓްގެ ޑިމާންޑާ އެއްވަރަށް ހުރިހާ ތަނެއްގައި ކަރަންޓެއް ނުއުފެއްދެ އެވެ. ސްޓެލްކޯ އިން އެތައް މަސައްކަތެއް ކުރިޔަސް ކަރަންޓްގެ ހިދުމަތަށް ކުރަން ޖެހޭ އިންވެސްޓްމަންޓް ބޮޑުކަމުން ވަރަށް ބޮޑެތި ހުރަސްތަކެއް ވެސް ކުރިމަތިވެ އެވެ.
ކަން އެހެން އޮތަސް އާ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަރަންޓްގެ އަގު ހެޔޮކުރަން ވައުދުވެވަޑައިގެންފަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި ހަސަން މުގުނީ ދާދި ފަހުން، ކުންފުނީގެ ހާލަތާއި ކަރަންޓްގެ ހިދުމަތް ތަރައްގީކުރުމާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަދެއްކެވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 23، 2014 އިން ފެށިގެން އެ އަހަރުގެ ޖޫން 8 ގެ ނިޔަލަށް ސްޓެލްކޯގެ އެމްޑީގެ މަގާމު ފުރުއްވި މުގުނީ ފާހަގަކުރެއްވި އެއް ކަމަކީ، މިހާރުގެ ހާލަތު އޮތް ގޮތުން، ރާއްޖޭގެ ހުރިހާ ތަނަކަށް "24 ގަޑިއިރުގެ ކަރަންޓް ޔަގީންނުވާ"ކަމެވެ.
މުގުނީ ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު މާލޭގެ ކަރަންޓްގެ ހިދުމަތުގެ ކެޕޭސިޓީ އިތުރުކުރަން މާ ބޮޑު މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. ކަރަންޓަކީ އާންމު ހިދުމަތަކަށް ވާއިރު މާލެ ފަދަ ބާރު ސްޕީޑުގައި އިމާރާތްތައް އިތުރުވާ ތަނަކަށް ކޮންމެ އަހަރަކު ވެސް ކެޕޭސިޓީ މަތިކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ސްޓެލްކޯ އިން މާލޭގައި މިހާރު ހިންގާ އިންޖީނުގޭގެ ކެޕޭސިޓީއަކީ 61 މެގަވޮޓް އެވެ. ހޫނު ގަދަ ދުވަސްވަރު މާލޭގައި ކަރަންޓްގެ ބޭނުންކުރާ މިންވަރު 60 މެގަވޮޓަށް އަރަ އެވެ. އެހެންކަމުން، މުގުނީ ފާހަގަކުރެއްވި ގޮތަށް، ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ މަތިކުރަން ޖެހެ އެވެ.
މުގުނީ ވިދާޅުވި ގޮތުގައި މާލެ އާއި ހުޅުމާލެ އެއް ވިއުގައަކުން ކަރަންޓް ދޭނެ ނިޒާމް ގާއިމްކުރެވިއްޖެ ނަމަ ވަރަށް ފަސޭހައިން މާލޭ ސަރަހައްދަށް އެ ހިދުމަތް ފޯރުކޮށްދެވިދާނެ އެވެ. އެ މަސައްކަތް ޔާމީންގެ ސަރުކާރުން އޮތީ ފަށައިފަ އެވެ. އެކަމަކު ހުޅުމާލޭގައި ސްޓެލްކޯ އިން މިހާރު އަޅަމުން އަންނަ ބޮޑު އިންޖީނުގޭގެ މަސައްކަތް ލަސްވެފައިވާ ކަމަށް މުގުނީ ވިދާޅުވި އެވެ. މިހާރު ލަފާކުރެވެނީ އެ މަޝްރޫއު ނިންމާލެވޭނީ މި އަހަރުގެ ކުރީކޮޅު ކަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅާލުމުގެ މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ 2020 ވަނަ އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ޕްލޭން ކުރެވިފައި އޮތީ ހުޅުމާލޭގައި ހިންގާ ޕްރޮޖެކްޓް ނިންމާފައި އެ ޕްރޮޖެކްޓުން ކޭބަލެއް މެދުވެރިކޮށް މާލެއަށް ވެސް އިންޓަކަނެކްޝަން ގުޅާ ލެވޭނެ ކަމަށް. އެކަމަކު ދާން ޖެހޭ އެންމެ ރަނގަޅު ސްޕީޑަކު ނޫން އެކަން ގޮސްފައި އޮތީކީ،" މުގުނީ ވިދާޅުވި އެވެ.
"އެންމެ ރަނގަޅު ސްޕީޑުގައި ގެންދިޔަ ނަމަ އޮންނާނީ ނިމިފައި."
އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ކަނޑައަޅާފައި އޮތީ ސަރުކާރުގެ ފަސް އަހަރު ނިމުމުގެ ކުރިން އާ އިންޖީނުގެ ނިންމައި، ކަރަންޓް ހިދުމަތް ފުޅާކުރާ ގޮތަށެވެ. ކުރިން ޕްލޭންކުރި ގޮތާ ހިލާފަށް މަޝްރޫއުއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުރިން އޮތީ 100 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަމާ އެކު އާ އިންޖީނުގެ ހަދަން ކަމަށް ވިޔަސް ފަހުން ބަދަލުކުރީ 50 މެގަވޮޓްގެ ކަރަންޓަށެވެ.
ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުއަށް 100 މިލިއަން ޑޮލަރު ހޭދަވެ އެވެ.
ކަރަންޓަކީ 24 ގަޑިއިރުގެ ހިދުމަތެއްގެ ކަމަށް އާންމުން ގަބޫލުކުރިޔަސް އަދި އެކަމަށް އުއްމީދުކުރިޔަސް މުގުނީ ވިދާޅުވީ ހާލަތު އޮތް ގޮތުން އަދި އެ ޔަގީންކަން ދެއްވެން ނެތް ކަމަށެވެ. އެހެންކަމުން ފުރަތަމަ އޮތީ އެ ހިސާބަށް ކަރަންޓްގެ ހިދުމަތް ގެންދަން ކުރަން ޖެހޭ މަސައްކަތް ފުރިހަމަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން "24 ގަޑިއިރުގެ ކަރަންޓް ޔަގީން"ގެ ނަމުގައި މުޅި ރާއްޖޭގައި ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވިޔަސް، މުގުނީ ވިދާޅުވީ، އެގޮތަށް އެ ހިދުމަތް ފުޅާކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ކުރަން ހުރި މަސައްކަތް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސާފު ހަކަތަޔާ ދިމާލަށް ރާއްޖެ ވެސް މި ވަނީ މިސްރާބު ޖަހައިފަ އެވެ. އެގޮތުން ސްޓެލްކޯ އިން ވެސް ހައިބްރިޑް ސިސްޓަމްތަކަކަށް ރަށްރަށުގެ ކަރަންޓް ހިދުމަތް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މުގުނީ ވިދާޅުވި އެވެ.
"އެއަށް ފަހު ޑީސަލް މަދުކުރުމަށް ފަހު ރިނިއުއަބަލް އެނާޖީ ނުވަތަ ސޯލާ އިތުރު ކުރަމުން ގެންގޮސް އަޅުގަނޑުމެންނަށް އެވަގުތެއްގައި ޓެކްނޮލޮޖީ ތަންދޭ އެންމެ މަތީ ފެންވަރަކަށް ސޯލާ އެނާޖީ ބޭނުން ކުރުން [އަމާޒަކީ]،" މުގުނީ ވިދާޅުވި އެވެ.
އެކަމަކު ކުރިމަތީގައި ހުރި ގޮންޖެހުންތަކާ އެއްވަރަށް މާލީ ހާލަތަކީ ވެސް ސްޓެލްކޯ އަށް އޮތް ހުރަހެކެވެ. ނުވަތަ އެންމެ ބޮޑު ހުރަހެވެ. އެހެންކަމުން ސްޓެލްކޯގެ މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން އާ އެމްޑީ ވަނީ ނިންމައިފަ އެވެ.
"މީގެ ކުރިން އެކަންކަން ހައްލު ކުރުމަށް މާ ބޮޑަށް މަސައްކަތްތަކެއް ނުކުރެވޭ،" މުގުނީ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް އިތުރު ޖަނަރޭޓަރު ބޭނުންވެ އެވެ. ކަރަންޓް ވިއުގަ އާކުރަން ޖެހެ އެވެ. ބައެއް އިމާރާތްތައް ހުރީ ބާވެފަ އެވެ. މިއިން ކޮންމެ ކަމެއް ވެސް ގޮސް ޖެހެނީ ފައިސާއަށެވެ.
އުނދަގޫތައް ހައްލުކުރުމުގެ މަސައްކަތް އޮތީ ކުރިއަށެވެ. އެކަމަކު އެ މަސައްކަތްތަކާ އެކު ވެސް، މުގުނީ ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއެއް ކަމަށްވާ ކަރަންޓްގެ އަގު ހެޔޮ ކުރުމުގެ ވައުދު ފުއްދޭނެ އެވެ. އެކަމާ ބެހޭ ވާހަކަތައް ދަނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ.