ގިލި ލަންކަންފުށީގެ ބޮޑު ބައެއް އަނދައިފި، އަލިފާން ކޮންޓްރޯލް ކުރެވިއްޖެ
ގިލި ލަންކަންފުށީގެ ބޮޑު ބައެއް އަނދައިފި، އަލިފާން ކޮންޓްރޯލް ކުރެވިއްޖެ

ޕެރެޑައިސް ކައިރީގައި އޮންނަ ކުރީގެ ސޮނެވާ ގިލި، މިހާރުގެ ގިލި ލަންކަންފުށި ރިސޯޓުގެ މޫދު ކޮޓަރިތަކެއްގައި ރޯވި އަލިފާންގަނޑު، ކޮންޓްރޯލްނުވެ އެންމެ ފަހުން ރިސޯޓްގެ ގިނަ ކޮޓަރިތަކެއް އަނދާ އަޅިއަށް ހަދާލައިފި އެވެ.

ގިލި ލަންކަންފުށީގެ ބޮޑު ބައެއް އަނދައިފި، އަލިފާން ކޮންޓްރޯލް ކުރެވިއްޖެ
ގިލި ލަންކަންފުށީގެ ބޮޑު ބައެއް އަނދައިފި، އަލިފާން ކޮންޓްރޯލް ކުރެވިއްޖެ

އެމްއެންޑީއެފުން ބުނީ ރަށު މުވައްޒަފުންނާއި ސިފައިން ކުރަމުން އަންނަ މަސައްކަތުން، ދަންވަރު އެކެއް ޖަހާކަންހާ އިރު އަލިފާންގަނޑު ފެތުރުން ވަނީ ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

"ރެސްޓޯރެންޓްގެ ބަދިގޭގައި ރޯވެފައިވާ އަލިފާން ވެސް ކޮންޓްރޯލްކުރެވިއްޖެ،" އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ހިންމަފުއްޓާ ދިމާއަށް ހުރި ހުރިހާ ކޮޓަރިތަކެއްހެން، މި ނުރައްކާތެރި ހާދިސާގައި އަނދާފައިވާ ކަމަށެވެ. އޭގެ އިތުރުން ރަށު ތެރޭގައި ހުންނަ ރެސްޓޯރަންޓަކާއި ބަނދިގެ ވެސް އަނދާފައިވާ ކަމަށްވެ އެވެ.

"އަލިފާންގަނޑު ކޮންޓްރޯލެއް ނުވޭ،" ވާހަކަ ދެއްކި އެކަކު ބުންޏެވެ.

"ފަހަރަކު ތަނެއްގައި ރޯވަމުން ދަނީ."

މި ހާދިސާގައި މަދުވެގެން އަށް ކޮޓަރިވަރު އަދާފައިވާ ކަމަށް ވެސް "މިހާރު" އަށް އެނގިފައިވެ އެވެ.

ގިލި ލަންކަންފުށީގެ ހުރިހާ ކޮޓަރިއެއް ވެސް ހުންނަނީ މޫދުގަ އެވެ. ރަށުތެރޭގައި ހަދާފައި ވަނީ މައި ރެސްޓޯރެންޓާއި މުވައްޒަފުންނާ ބެހޭ ތަންތަނެވެ.

މި ހާދިސާއާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ވަނީ، ލޯންޗެއްގައި ނަމަ މާލެއިން ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ދެވޭ ހިސާބުގައި އޮތް، ރިސޯޓަށް ވަޑައިގެންފަ އެވެ.

އެމްއެންޑީއެފުން ބުނީ މޫދު ކޮޓަރި އާއި ޖެޓީ 1 ގެ ސަރަހައްދުން އަލިފާގަނޑު މިހާރު ނިވިފައިވާ ކަމަށެވެ.

"މީހަކަށް ގެއްލުންވިކަމުގެ އިންފޯއެއް ނުލިބޭ،" އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފުރަތަމަ އާންމުވި ވިޑިއޯ ފުޓޭޖަކުން ފެންނަނީ، ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ރަށުގެ މޫދު ދެ ކޮޓަރިއެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައި ހުއްޓަ އެވެ.

އަލިފާން ރޯވީ ކީއްވެގެންކަން އެނގޭ ގޮތެއް އަދި ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ނިންވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަލިފާންގެ ހާދިސާ ހިނގި އިރު ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ރާއްޖޭގެ ރިސޯޓްތައް ވަނީ ފުރިފަ އެވެ. އެހެންކަމުން ގިލި ލަންކަންފުށި ވެސް މި ދުވަސްކޮޅު އޮންނާނީ ފުރިފައި ކަމަށް ބެލެވެ އެވެ.