03 ޖެނުއަރީ 2019 - 08:02

ފިންގާޕްރިންޓް ސްކޭނާ ހަރުކޮށްފައި ހުންނަ ތަނަކާ ބެހޭ ގޮތުން ވާހަކަ ދެކެވޭ ނަމަ، އެއީ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ތަނެއް ކަމަށް ގަބޫލުކުރެވެ އެވެ. ސިފައިންގެ މަރުކަޒުތަކާއި ފުލުހުންގެ އިދާރާތައް އަދި ސައިންސް މަރުކަޒުތަކަށް ވަަނުމަށް ފިންގާޕްރިންޓް ސްކޭންކުރަން ޖެހޭ ކަމަށް ބުނެވުމުން، އެ ތަނެއް ކުރިއަރާފައިވާ މިންވަރާ މެދު ހައިރާންވެވުނު ޒަމާނެއް ވެސް ހިނގައްޖެ އެވެ.
ސްމާޓްފޯނުތަކަށް ފިންގާޕްރިންޓް ސްކޭނިން ތައާރުފުކުރީ އެއީ ވަރަށް ކުޅަދާނަ ޓެކްނޮލޮޖީއެއް ކަމަށް ގަބޫލުރެވިފައި ވަނިކޮށެވެ. އެއީ ހަގީގަތުގައި ވެސް ހަރުދަނާ އަދި ކުޅަދާނަ ޓެކްނޮލޮޖީއެކެވެ. އެހެން ނޫން ނަމަ، ހިއުންޑޭ ފަދަ ކާރު އުފެއްދުމަށް ގާބިލު ކުންފުންޏަކުން، އެ މީހުން މަޝްހޫރު އެސްޔޫވީ މޮޑެލްތަކަށް މި ޓެކްނޮލޮޖީ ނުގެނައީހެވެ.
ހިއުންޑޭ ބުނާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި، މާކެޓަށް ނެރޭ އެސްޔޫވީ ކާރުތަކުގައި މި ޓެކްނޮލޮޖީ ގާއިމުކުރާނެ އެވެ. އެހެން ނަމަވެސް، މި މޮޑެލްތައް މުޅި ދުނިޔޭގައި ވިއްކާނެ ކަމަކަށް ނުބެލެވެ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި، ވަކި މާކެޓްތަކަކަށް އަމާޒުކުރި ނަމަވެސް، ޗައިނާ އަކީ މިހާރު ވެސް ކަށަވަރު ގައުމެކެވެ.
އެސްޔޫވީ ކާރުތަކުގައި ފިންގާޕްރިންޓް ސްކޭނާ ހަރުކުރަނީ ފަސޭހައިން އިނގިލި ޖެހޭ ތަނެއްގަ އެވެ. ހިއުންޑޭ ބުނާ ގޮތުގައި، ކާރު ހުޅުވަން އަދި އިންޖީން ހިންގަން ވެސް ބޭނުންކުރެވޭނީ ފިންގާޕްރިންޓް ސްކޭނިން ޓެކްނޮލޮޖީ އެވެ.
ހިއުންޑޭ ކާރުތަކުގައި ފިންގާޕްރިންޓް ސްކޭނާ ހަރުކުރުމަށްޓަކައި ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ޓެކްނޮލޮޖީ ތަރައްގީކުރެވިފައި ހުރި މިންވަަރު އޮޅުންފިލުވައިދެމުން އޮފިޝަލަކު ބުނި ގޮތުގައި، އެސްޔޫވީ ކާރުތަކުގައި މިހާރު ބޭނުންކުރެވޭ ތަނޅުތަކަށް ވުރެ ވެސް، ފިންގާޕްރިންޓް ސްކޭނިން ގާބިލެވެ.
ކާރު ދުއްވާ މީހާ އެދޭ ގޮތަކަށް ކާރު ތެރެ ތައްޔާރުކޮށްލެވޭ ފެންވަރަށް ފިންގާޕްރިންޓް ސްކޭނިން ޓެކްނޮލޮޖީ ތަރައްގީކުރާނެ ކަމަށް ހިއުންޑޭ ބުންޏެވެ. އެ ގޮތުގައި، ފިންގާޕްރިންޓް ސްކޭންކުރުމާ އެކު އެ މީހަކު އެދޭ މިންވަރަށް ކާރުގެ ފިނިހޫނުމިން، ހުންގާނު އަދި ގޮނޑި ވެސް އޮޓަމެޓިކުން ތަން ހަދައި ހަމަޖެހޭނެ އެވެ.