ރަންވީރާއި ދީޕިކާގެ ހަނީމޫން ރާއްޖޭގައި؟
ރަންވީރާއި ދީޕިކާގެ ހަނީމޫން ރާއްޖޭގައި؟

މިދިޔަ ނޮވެމްބަރު މަހު އިޓަލީގައި ކައިވެނިކުރި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން ހަނީމޫން ހޭދަ ކުރަމުން އަންނަނީ ރާއްޖޭގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ނަމަވެސް ދެ ތަރިން ޗުއްޓީ ހޭދަ ކުރަމުން އަންނަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.

ދީޕިކާ އާއި ރަންވީރުގެ ސޯޝަލް މީޑިިއާ އެކައުންޓްތަކުން ވެސް އެ ދެ މީހުން މި ވަގުތު ތިބި ތަނެއް ކަށަވަރު ނުވި ނަމަވެސް، ދީޕިކާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ދެ ފޮޓޯއަކުން އޭނާ އާއި ފިރިމީހާ ރަންވީރު ތިބީ ރާއްޖޭގައި ކަމަށް ގަބޫލު ކުރެ އެވެ. ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ދެ ތަރިން ހަނީމޫން ހޭދަ ކުރަނީ ނ. އަތޮޅުގައި ހިންގާ ރިސޯޓެއްގަ އެވެ.

އިންޑިއާ ޓުޑޭ އިން ބުނި ގޮތުގައި މުމްބާއީން މީގެ ދެ ދުވަސް ކުރިން ފުރުމަށް ފަހު، ރާއްޖެ އައުމުގެ ކުރިން ދެ ތަރިން ވަނީ ލަންކާގެ ކޮލަމްބޯ އެއާޕޯޓްގައި ވެސް މަޑުކޮށްފަ އެވެ. އެތަނުން ލަންކާގެ ކުރީގެ ކްރިކެޓް ތަރި ސަނަތު ޖަޔަސޫރިއާ އެކު ނެގި ފޮޓޯތަކެއް އޭނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އަދި ދީޕިކާ ސޮއިކޮށްފައިވާ އާ ފިލްމު "ޗަޕާކް" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރު މިދިޔަ އަހަރު ގެނެސް ދިން ފިލްމު "ރާޒީ" ގައި ސަޕޯޓިން ރޯލެއް ކުޅުނު ބަތަލާ އަމްރުތާ ހާންވިލްކަރުއާ ވެސް ލަންކާ އެއާޕޯޓުން ދިމާވެގެން ދީޕިއާ އެކު ނެގި ފޮޓޯތަކެއް ދީޕިކާ ޕަދްކޯންގެ ނަމުގައި ހަދާފައިވާ ފޭނުންގެ އިންސްޓަގްރާމް އެކައުންޓެއްގައި ހިއްސާކޮށް، ކެޕްޝަނުގައި ބުނެފައި ވަނީ ރާއްޖެ ދިއުމުގެ މަގުމަތީގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

ރަންވީރާއި ދީޕިކާގެ ހަނީމޫން ދަތުރު ލަސްވީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ރަންވީރުގެ ފިލްމު "ސިމްބާ" ގެ ޕްރޮމޯޝަނުގައި އޭނާ ބިޒީކޮށް އުޅެން ޖެހުމުންނެވެ.

ބެލެވޭ ގޮތުން މި މަހުގެ 5 ވަނަ ދުވަހު 33 އަހަރު ފުރޭ ދީޕިކާގެ އުފަން ދުވަސް ވެސް މި ފަހަރު ފާހަގަ ކުރަނީ ހަނީމޫން ދަތުރުގެ ތެރެއިން ރާއްޖޭގަ އެވެ.