02 ޖެނުއަރީ 2019 - 18:59

ގައިދީން އެމީހުންގެ އާއިލާއާ ބައްދަލުކުރަން ދެމުން އައި އާއިލީ ބައްދަލުވުމާއި އެކަހެރި ބައްދަލުވުމުގެ ވަގުތު އިތުރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިއަދު ވިދާޅުވީ އާއިލީ ބައްދަލުވުމަށް ކުރިން ދެމުން އައި އެއް ގަޑިއިރުގެ ބަދަލުގައި ދެ ގަޑިއިރު އަދި މަހަކު އެއް ފަހަރު ދެމުން އަންނަ އެކަހެރި ބައްދަލުވުމުގެ ވަގުތު 12 ގަޑިއިރުން 24 ގަޑިއިރަށް މިއަދުން ފެށިގެން އިތުރުކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަންކަމަށް ބަދަލު ގެނަޔަސް ގިނަ ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމީ ގައިދީންނާއި އެމީހުންގެ އާއިލާތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށް ބާއްވަން ކަމަށް ވިދާޅުވި އެވެ.
"މިކަމުގައި ހަމަ ވަރަށް ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް އެބަހުރި. އެކަމަކު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ހުރަސްކޮށް، އެ އާއިލާތައް ބަދަހިކޮށް ދެމިއޮތުމަށްޓަކައި ކޮށްދެވެން އޮތް ފަސޭހައެއް ކޮށްދިނުމަށް މިމަގު މިދަނީ ތަނަވަސްކޮށްދެމުން،" ހޯމިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސްގައި އިމްރާން ވިދާޅުވި އެވެ.
އޭނާއާ އެކު ނޫސްކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި އާ ކަމިޝަނާ އޮފް ޕްރިޒަންސް އަބުދުﷲ މުނާޒް ވިދާޅުވީ އާއިލާއާ ގުޅުން ބަދަހިވުމަކީ މީހުން ކުށްކުރުމުން ދުރުވެ، މުުޖުތަމައަށް އެނބުރި އައުމަށް ލިބޭ ބާރަކަށް ވާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ހުކުމެއް ތަންފީޒުކުރާ ބަޔަކު އަނބުރާ މުޖުތަމައަށް ނުކުންނަ އިރުގައި އާއިލާއާ އޮންނަ ގުޅުން ބަދަހިވި ވަރަކަށް، އަނބުރާ މުޖުތަމައަށް ނުކުމެ އަލުން ދެވަނަ ފަހަރަށް ހަމަ އެކުށެއް ތަކުރާރުކޮށްގެން ދިއުމުގެ ފުރުސަތު ކުޑަވުމުގެ ވަރަށް ބޮޑު ސަަބަބެއް އެއީ،" މުނާޒް ވިދާޅުވި އެވެ.
ކުރިން ސިފައިންގެ އިސް މަގާމުތަކެއް އަދާކުރެއްވި މުނާޒު ވިދާޅުވީ މިހާރު ޖަލުތަކުގެ ހާލަތު އޮތީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެ ހާލަތު ރަނގަޅުވި ވަރަކަށް ބައްދަލުވުންތަކުގެ ވަގުތު އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުތަކުގެ ވަސީލަތްތައް މިހާރު ހުރީ ސަރުކާރުން ބޭނުންވާ ވަރަށް ނޫން ކަމަށެވެ. ނަމަވެސް އެއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާހު ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެކަން ރަނގަޅުކުރަން މަސައްކަތްތަކެއް ކުރަމުން މިދަނީ،" މުނާޒް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އާއިލީ ބައްދަލުވުންތަކުގެ ވަގުތު އިތުރު ކުރުމަކީ ދައުލަތަށް މާ ބޮޑު ބުރަޔަކަށް ނުވާ ގޮތަށް ވެސް ކުރެވެން އޮތް ކަމެއް ކަމަށެވެ. އެގޮތުން މިހާތަނަށް އެކަން ނުވެ އޮތީ އަޅާނުލެވިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ގައިދީންނަށް އާއިލީ ބައްދަލުވުމާއި އެކަހެރި ބައްދަލުވުން ދިނުމުގެ ގަވައިދަށް ގެނައި އަނެއް ބަދަލަކީ ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ އިތުރުން ތަހުގީގަށް ބަންދުކޮށްފައި ތިބޭ މީހުންނަށް ވެސް ބައްދަލުވުންތަކުގެ ފުރުސަތު ދިނުމެވެ. އެގޮތުން ތަހުގީގަށް ބަންދުކޮށްފައި ތިބޭ މީހުންނަށް އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދޭނީ އެމީހުންގެ ބަންދުގެ މުއްދަތު ހަތަރު މަސްދުވަހަށް ވުރެ ދިގުލައިގެން ދާ ނަމަ އެވެ.
ގައިދީންނާއި ވަކީލުން ބައްދަލުކުރުމުގެ އިންތިޒާމް ވެސް ކުރިއަށް ވުރެ މިހާރު ވަނީ ފަސޭހަކޮށްފަ އެވެ. އެގޮތުން ކޯޓަށް ހާޒިރުވާން ޖެހޭ ހާލަތެއްގައި ނޫނަސް ވަކީލުންނަށް އެ މީހުންނާ ބައްދަލުކުރެވޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައިދީންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އދ. އިން ހަދާފައިވާ ގަވައިދުތައް ކަމަށް ވާ "މަންޑޭލާ ރޫލްސް" އަށް ރާއްޖޭގެ ޖަލުތައް 2020 ވަނަ އަހަރު އަންނަން ވާ އިރަށް ފެއްތުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ.