ޔަމަންގެ މީހާއާ ގުޅޭ ސީރިއަސް ކަންތައްތަކެއް އެބަހުރި: އިމްރާން
ޔަމަންގެ މީހާއާ ގުޅޭ ސީރިއަސް ކަންތައްތަކެއް އެބަހުރި: އިމްރާން

ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް، ދައުވާއެއް ވެސް އަދި ޝަރީއަތެއް ވެސް ކުރުމަކާ ނުލައި މިދިޔަ އަހަރުން ފެށިގެން ހައްޔަރު ކޮށްފައި ހުންނަ ޔަމަނު މީހާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އިމްރާން ވިދާޅުވީ އޭނާއާ ބެހޭ ގޮތުން މިހާތަނަށް އާއްމު ވެފައި ވަނީ އެންމެ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ.

"އެކަމުގައި ސީރިއަސް ކަންތައްތަކެއް އެބަހުރި. ޕަބްލިކާ ހަމައަށް އައިސްގެން މިއުޅޭ އަޑުތަކާއި ހަބަރުތަކަކީ އޭގެ އެންމެ ރަނގަޅު މައުލޫމާތު ނޫންކަމުގައި އަޅުގަނޑަށް މިހާރު ދަންނަވަން ކެރޭ. ހަމަ ޔަގީން ކަމާ އެކު ދަންނަވަން ކެރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ޓީޗަރެއްގެ ވަޒީފާގައި ހުރި ޔާސިރު ޔަހްޔާ ސާލިހް 2017 ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޑީޕޯޓް ކުރުމަށް ފަހު އިމިގްރޭޝަނާ ހަވާލުކުރަން ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ. އެކަމަކު އޭނާ މިހާރު ހުރީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގަ އެވެ.

ޔާސިރުގެ އަންހެނުން މިދިޔަ އޮގަސްޓް މަހު ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައި ވަނީ ފިރިމީހާއާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރަމުން ދާ ކަމަށެވެ. ޔާސިރާ ބެހޭ ގޮތުން އާއްމުންނަށް މައުލޫމާތު ލިބުނީ އަންހެނުންގެ އެ ބަޔާނުންނެވެ.

އިމްރާން ވިދާޅުވީ ގާނޫނު ތަންފީޒުކުރުމާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި ކަންކަމުގައި މައުލޫމާތު އާއްމުކުރަންވީ މިންވަރާ މެދު އިތުރަށް މަޝްވަރާ ކުރަން ޖެހޭތީ ޔާސިރާ ބެހޭ ފުރިހަމަ މައުލޫމާތު ހާމަކުރައްވާނީ އޭގެ ފަހުން ކަމަށެވެ.

"އަޅުގަނޑު އެބަ ވިސްނަން އެއާ ބެހޭ ގޮތުން ސީދާ ޕަބްލިކަށް އޭގެ ބައެއް މައުލޫމާތުތައް ގެނައުމާ ހަމައަށް ގެންދިއުމަށް. އެހެން ނަމަވެސް އަދި މި ވަގުތަށް އެ މައުލޫމާތު ހާމަކޮށްދިނުމަކީ އަޅުގަނޑަށް ހީވާ ގޮތުން އަޅުގަނޑުމެންގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި މައްސަލައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ޔާސިރު ހައްޔަރުކުރީ ސައުދީ ރަސްގެފާން ސަލްމާން ބިން އަބުދުލް އަޒީޒް ރާއްޖެއަށް ދަތުރެއް ކުރައްވަން ހަމަޖެހުނު ދުވަސްވަރެއްގަ އެވެ. ނަމަވެސް އެ ދަތުރުފުޅު ފަހުން ކެންސަލްކުރެއްވީ އެވެ.