03 ޖެނުއަރީ 2019 - 09:49

އިންޑިއާގެ މަޝްހޫރު ކެއުމެއް ކަމަށްވާ ޑޯސާ އަށް އެމެރިކާގެ ރެސްޓޯރަންޓަކުން ދީޕިކާ ޕަދްކޯންގެ ނަން ދީފި އެވެ.
"ޑޯސާ ލެބްސް" ގެ ނަމުގައި ޓެކްސަސްގައި ހިންގާ ރެސްޓޯރަންޓްގެ މެނޫގައި ޑޯސާގެ ބާވަތްތައް އެކުލެވޭ ބައިގައި ދީޕިކާ ޕަދްކޯންގެ ނަން ދީފައިވާ ޑޯސާއަކީ އަލުއްވާއި ގޯސްޓް ޕެޕާ ސްޓަފްކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އަގަކީ 10 ޑޮލަރެވެ.
މެނޫ އިން ދީޕިކާގެ ނަން ފެނުމުން ބައެއް ފޭނުން އޭގެ ފޮޓޯ ނަގައި، ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ދީޕިކާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރު ވެސް އެ ފޮޓޯ ޝެއާ ވެސްކޮށްފައި ވެ އެވެ. އަދި އިންސްޓަގްރާމް ސްޓޯރީގައި ރަންވީރު ބުނީ ކޮންމެހެން ވެސް "ދީޕިކާ ޕަދްކޯން ޑޯސާ" ކާލަން ދާން ވާނެ ކަމަށެވެ.
އެމެރިކާގެ ރެސްޓޯރަންޓެއްގެ ކެއުމަށް ދީޕިކާގެ ނަން ދީފައިވާ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ފޭނަކު ވަނީ އިންޑިއާގެ ޕޫނޭގައި ހިންގާ ރެސްޓޯރަންޓެއްގެ މެނޫގައި ދީޕިކާ ޕަދްކޯން ފަރާޓާ ތާލީ ކިޔާ ކެއުމެއް އިން ވެސް ހިމެނޭ ވާހަކަ ވެސް ހިއްސާކޮށް އެވެ.
އެ މެނޫގެ ފޮޓޯ ދީޕިކާ ޓްވީޓްކޮށްފައިވާ އިރު، އޭގައި އަކްޝޭ ކުމާރާއި ސަނީ ޑިއޯލް އާއި އާއި ދާރާ ސިންގް އާއި ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީ ސިންގް އާއި ކްރިކެޓް ތަރިން ކަމަށްވާ ސަޗިން ޓެންޑުލް ކަރާއި ޔުވްރާޖް ސިންގްގެ ނަމުގައި ވެސް ފަރާޓާ ތާލީ ހިމަނާފައިވެ އެވެ.
ދެހާސް ނުވަ ވަނަ އަހަރު އެމެރިކާގެ ވެސްޓް ހޮލީވުޑްގެ ރެސްޓޯރަންޓަކުން ވަނީ "މާޑާ" ފަދަ ފިލްމުތައް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ މަލިކާ ޝެރާވަތުގެ ނަމުގައި މިލްކްޝޭކްތަކެއް ވެސް ތައާރަފުކޮށްފަ އެވެ.