02 ޖެނުއަރީ 2019 - 14:24

ހުއިފިލަނޑާ ނަގަން ނުކުމެ އުޅުނު ރ. އުނގޫފާރު "މަންފާ" ދޯންޏަށް 800 ގްރާމުގެ ހުދަންބަރެއް ފެނިއްޖެ އެވެ.
މާވަހަރު ފެނުނު މުހައްމަދު އަހުމަދު "މިހާރު" އަށް ބުނި ގޮތުގައި ހުދަންބަރު ފެނުނީ ރ. އަތޮޅުގެ ފަޅުރަށެއް ކައިރިން ދެ ފެން ދޭތެރޭގައި އޮއްވައި ހޯމަ ދުވަހު އެވެ.
"އަޅުގަނޑަށް ފެނުމާއެކު އެނގިއްޖެ އެއީ މާވަހަރެއް ކަހަލަ އެއްޗެއްކަން. ދެން ދޯނި ކުއްޖެއް ކައިރި ބުނީ އަވަހަށް ފުންމާލައިގެން އެ ނަގާށޭ އެ އޮތީ މާވަހަރެކޭ،" މުހައްމަދު، 41، ބުންޏެވެ.
ޑައިވްކޮށްގެން ހުއިފިލަނޑާ ނެގުމުގެ މަސައްކަތްކުރާ މުހައްމަދު ބުނީ އެ ނެގުމަށްފަހު ބެލިއިރު ވަރަށް ނުބައި ވަހެއް ދުވާ ކަމަށެވެ.
"ނޭފަތާ ކައިރި ކޮށްލީމަ ދުވަނީ ވަރަށް ނުބައި ނަޖިސް ވަސް. ސީދާ މާވަހަރެއް ކަމެއް ނޭނގޭ އެއިރު. ދެން ރަށަށް ގޮސް މީސްމީހުންނަށް ދެއްކީމަ ކޮންމެ މީހަކު ވެސް ބުނަނީ ހުދަންބަރެއް ކަމަށް،" އޭނާ ބުންޏެވެ.
މާވަހަރެއްތޯ ޔަގީން ކުރުމަށް ހަދާ ޓެސްޓެއް، ޔޫޓިއުބް ވީޑިއޯއެއް ބަލައިގެން ހަދާފައިވާ ކަމަށް މުހައްމަދު ބުންޏެވެ.
"އޭގަ ބުނާ ގޮތަށް ޓެސްޓު ކުރީމަ ނަތީޖާ އައީ. އެހެންވީމަ އެއީ މާވަހަރެއް،" ހަތަރު ކުދިންގެ ބައްޕައެއް ކަމަށްވާ މުހައްމަދު ބުންޏެވެ.
މުހައްމަދު ބުނީ ވީ އެންމެ އަވަހަކަށް މާވަހަރު ވިއްކާލަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެއްވެސް މީހަކު ހުދަންބަރު ގަންނަން ބޭނުންވާ ނަމަ އޭނާއާ ގުޅުމަށް އެދުނެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭ އެ ގަންނާނީ ކާކު ކަމެއް. އަދި އެ ވިއްކާނީ ކޮން ގޮތަކަށް، ކޮން އަގަކަށް ކަމެއް. އެހެންވީމަ ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އެ ވިއްކާލަން،" އޭނާ ބުންޏެވެ.
މިދިޔަ މަހު 17ގައި، ހއ. އިހަވަންދޫ، ދޯންޏަކުން ވަނީ 12 ކިލޯގެ މާވަހަރެއް ހޮވައިފަ އެވެ. އެ މާވަހަރު ފެނިފައި ވަނީ އެ އަތޮޅު ތުރާކުނާ 30 މޭލު ބޭރުންނެވެ. މާވަހަރު ފެނުނު "މާހޯރަ" ދޯނިން އެއިރު ބުނެފައި ވަނީ މާވަހަރު ވިއްކާލައިގެން 10 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށެވެ. އެކަމަކު އެ މާވަހަރު ވިއްކާލި ކަމެއް އަދި ނޭނގެ އެވެ.