ފްލެޓް ދިނީ ހައްގުވެރިންނަށްތޯ އަންނަ ހަފުތާގައި ބަލަން ފަށަނީ
ފްލެޓް ދިނީ ހައްގުވެރިންނަށްތޯ އަންނަ ހަފުތާގައި ބަލަން ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ދޫކުރީ ހައްގުވެރިންނަށްތޯ ބަލައި އިންސާފު ހޯދަން އެކުލަވާލި ކޮމެޓީގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ކުރީގެ ސަރުކާރުން "ހިޔާ"، އަދި "ގެދޮރުވެރިކަމުގެ" މަޝްރޫއުން ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ބުނެ އެކަމުގެ ޝަކުވާ ބޮޑެވެ. ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެކެވެ.

އެ ވައުދު ފުއްދަވަން އުފެއްދި ކޮމެޓީއާ ހަވާލުކުރީ ފްލެޓްތައް ދީފައިވާ ގޮތް މިނިވަންކަމާ އެކު ބަލައި، އިންސާފުވެރި ހައްލެއް ހޯދައި ދިނުމަށެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް، އިބްރާހިމް ހޫދު ވިދާޅުވީ ފްލެޓްތަކާ ގުޅޭ މައްސަލަތައް ބަލާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން އަންނަ އާދީއްތަ ދުވަހު ބާއްވާނެ ކަމަށެވެ. މިދިޔަ މަހުގެ 19 ގައި އުފެއްދި ކޮމެޓީގެ މަސައްކަތް ނުފެށި ވަނީ ބައެއް މެމްބަރުން ޗުއްޓީގައި ތިއްބެވުމުން ކަމަށް ވިދާޅުވި އެވެ.

"ޗުއްޓީ ދުވަސްކޮޅަށް ވުމާއެކު، ކޮމެޓީ އުފެއްދިއިރު ބައެއް މެމްބަރުން ޗުއްޓީގައި އުޅުއްވީ. އެކަމަކު އަންނަ އާދީއްތަ ދުވަހު މަސައްކަތް ފަށާނެ،" ހޫދު ވިދާޅުވި އެވެ.

މުހައްމަދު މުއިއްޒު އަދުނާން، ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު

ފާތިމަތު ސާއިރާ، ސ. މީދޫ، ގްރީންވިލާ

ނުޒުހާ އަލީމާ، ގ. ދާސްތާން،

އަހުމަދު ތަލާލް، މއ. އަންޑާޕޫލްއާގެ

އަލީ ޝުހައިލް، ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް

އެ ކޮމެޓީން ބެލުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ފްލެޓަށް ހުށަހަޅާފައިވާ މީހުންގެ ޝަރުތު ހަމަވޭތޯ ބެލުމާއި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަމާއި ޕޮއިންޓް ދީފައި ވަނީ އުސޫލާ އެއްގޮތަށްތޯ ބެލުން ހިމެނެ އެވެ.

ނުހައްގުން ފްލެޓް ދީފައިވޭތޯ ވެސް ބަލައި އެފަދަ މައްސަލަތަކާމެދު ގޮތް ނިންމުން ވެސް ހަވާލުކޮށްފައި އޮތީ ކޮމެޓީއާ އެވެ. އަދި ކޮރަޕްޝަނަށްވާ ގޮތަށް ފްލެޓް ދޫކުރުމުގެ މަސައްކަތުގައި އުޅުނު މީހުންގެ މައްސަލަތައް ބަލައި އެމީހުންނާ މެދު ވެސް ގޮތެއް ނިންމާނީ އެ ކޮމެޓީން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ޔާމީންގެ ސަރުކާރުގައި ފުރަތަމަ ހުޅުވާލި މަޝްރޫއުން 700 ފްލެޓް ދޫކުރީ، މަތިން މާކްސް ލިބުނު މީހުން ބާކީކޮށްފައި، އެއަށް ވުރެ ދަށުން ލިބުނު މީހުންނަށް ކަން ސާބިތުވާ ލިއުންތަކާ އެކު ކަމާބެހޭ އިދާރާތަކަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެ މައްސަލަތަކަށް އިންސާފު ނުލިބި ވަނިކޮށް، ދެ ވަނަ މަޝްރޫއުގައި 7،000 ފްލެޓަށް ހުޅުވާލައި، އެ ފްލެޓްތައް ދިނީ ހައްގުވެރިންނަށް ނޫން ކަމުގެ ތުހުމަތު ކުރެ އެވެ.

އެކަމަކު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓްތައް ދޫކޮށްފައި ވާނީ، ހުށަހެޅި މައުލޫމާތުތަކަށް ބަލައި އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. ދެ މަޝްރޫއުން ފްލެޓް ދީފައިވާ މީހުންގެ އަތުން ފްލެޓް އަތުލުން ވާނީ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.