02 ޖެނުއަރީ 2019 - 11:18

ދުނިޔެއާ ހަތަރު ބިލިއަން މެއިލްގެ ދުރުގައި ދައުރުވަމުން ދިޔަ ކުޑަ އެކަމަކު ސިއްރުތަކުން ފުރިފައިވާ ގަނޑުފެނުގެ ކުޑަކުޑަ ދުނިޔެއާ ކައިރިން ނާސާގެ ނިއު ހޮރައިޒަންސް އިއްޔެ އަޅާލި ބުރާ އެކު، ސައިންސްވެރިންނަށް ރޭ ހިނިތުންވުން ގެނެސްދީފި އެވެ.
އާ އަހަރު ފެށުނުތާ އެންމެ ބައި ގަޑިއިރު ފަހުން އަލްޓިމޭޓް ޓޫލީއާ ދެ ހާހެއްހާ މޭލު ކައިރިން ނިއު ހޮރައިޒަންސް ކޮށްލި ދަތުރު ތާރީޚުގެ ތެރެއަށް ވަންނަނީ މިހާތަނަށް ދުނިޔެއާ އެންމެ ދުރުގައި އޮތް އެއްޗެއްގެ ކައިރިން އިންސާނީ އުފެއްދުމެއް ޒިޔާރަތްކުރި ފުރަތަމަ ފަހަރުގެ ގޮތުގަ އެވެ.
އަލްމޭޓް ޓޫލީ އަކީ ދުނިޔެ ނިސްބަތްވާ އިރުގެ ނިޒާމުގައި ހިމެނޭ އެންމެ ދުރު ޕްލެނެޓް ކަމަށް ވާ ނެޕުޗޫން ފަހަނައަޅާ ގޮސް އޮންނަ ބޮޑު ޖައްވުގެ ތެރޭގައި އެނބުރެމުން ދާ ކައިޕާ ބެލްޓު ތެރޭގައި ދައުރުވަމުން އަންނަ އައިސްގަނޑެކެވެ. އޭގެ ދިގުމިނުގައި 22 މޭލު ހުންނަ އިރު ފުޅާމިން ކަމަށް ސައިންސްވެރިން ލަފާކުރަނީ ނުވަ މޭލެވެ.
އެ އައިސްގަނޑަށް އަލްޓިމޭޓް ޓޫލީގެ ނަން ދިނީ، އާންމުންނަށް ހުޅުވާލުމުން ލިބުނު 35،000 ނަމުގެ ތެރެއިންނެވެ. ނަމުގެ މާނައަކީ "އަހަރެމެންނަށް އެނގޭ ދުނިޔޭގެ ސަރަހައްދީ ރޮނގުތަކާ މާ ދުރު" އެވެ.
ކައިޕާ ބެލްޓްގައި ހިމެނޭ އެއްޗެހި ދިރާސާކުރަން ނާސާގެ ސައިންސްވެރިން ބޭނުންވަނީ، އިލްމީ ނަޒަރިއްޔާތުން ބަލާ ނަމަ، އެއީ އިރާއި އިރުގެ ނިޒާމްގައި ހިމެނޭ ހުރިހާ ޕްލެނެޓްތައް އުފެދެން ފެށިއިރު އޮތް ހާލަތު އެންމެ ރަނގަޅަށް އެނގޭނެ ބައިތައް ކަމަށް ގަބޫލުކުރެވޭތީ އެވެ. ނިއު ހޮރައިޒަންސް އިން ފޮނުވާ ފޮޓޯތަކުން ސައިންސްވެރިންނަށް އިރުގެ ނިޒާމާ ބެހޭ އާ މައުލޫމާތުތައް ލިބޭނެ ކަމަށް އުއްމީދުކުރެވެ އެވެ.
ނިއު ހޮރައިޒަންސްގެ ދަތުރު ފެށީ 2006 ގަ އެވެ. އެ އުޅަނދު ވަނީ ކުރިން ހިރުގެ ނިޒާމްގައި ހިމެނުނު އެންމެ ދުރު އަދި އެންމެ ކުޑަ ޕްލެނެޓް އެކަމަކު މިހާރު ޕްލެނެޓްގެ ދަރަޖައިން ދަށްކޮށްފައިވާ ޕްލޫޓޯ ކައިރިން ދަތުރުކޮށް، އާ ފޮޓޯތަކާއި މައުލޫމާތު ފޮނުވައިފަ އެވެ. ޕްލޫޓޯ އަކީ ވެސް ކައިޕާ ބެލްޓުގައި ހިމެނޭ ބައިތަކުން ބައެކެވެ.
އޭގެ 13 އަހަރު ފަހުން އަދި ހަތަރު ބިލިއަން މޭލު ދުރަށް ދަތުރުކޮށް ޒިޔާރަތްކުރި އަލްޓިމޭޓް ޓޫލީ އަކީ، ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، އިރުގެ ނިޒާމް އުފެދެން ފެށީންސުރެ މިހާތަނަށް އެއްވެސް ބަދަލެއް ނައިސް އޮތް ޖައްވީ އައިސްގަނޑެކެވެ. ދުރުން އެ ފެންނަ ގޮތުން ބައެއް ސައިންސްވެރިން ލަފާކުރަނީ އެއީ ދެ އައިސްގަނޑެއް ކަމަށެވެ. މިހާތަނަށް ލިބުނު ފޮޓޯތަކުން އެ ސިފަވަނީ ޕީނަޓަކާ އެވެ.
އެކަމަކު ނިއު ހޮރައިޒަންސް އިން ފޮނުވި ފުރަތަމަ ފޮޓޯތަކަށް ބަލައިގެން ބައެއް ސައިންސްވެރިން ބުނަނީ އަލްޓިމޭޓް ޓޫލީ އަކީ އެކަތިގަނޑެއް ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތް ގޯސްވެއްޖެ ނަމަ އެ ވާހަކަ މާދަމާ ވެސް ބުނާނަން،" އެއީ އެކަތިގަނޑެއް ކަމަށް ގަބޫލުކުރައްވާ ސައިންސްވެރިއެއް ކަމަށްވާ އަދި ނިއު ހޮރައިޒަންސް މިޝަންގެ އިސް އެއް ސައިންސްވެރިޔާ އެސް. އެލަން ސްޓާން ވިދާޅުވި އެވެ.
"އެއީ ދެ ބައި ނަމަ އަދި އެ ދެ ބައި ދައުރުވަމުން އެ ދަނީ އެހާ ކައިރިން ކަމަށް ވާތީ، އެއީ ވަރަށް އާދަޔާ ހިލާފު ހާލަތެއް. އެކަން ބަލަން އަހަރެން ބޭނުން. ނަމަވެސް އަހަންނަށް ހީވާ ގޮތުގައި އެކަތިގަނޑަކަށް ވުން އެންމެ ކައިރީ."
ނިއު ހޮރައިޒަންސް ދަތުރުކޮށްފައި އޮތް ހިސާބުން ދުނިޔެއާ ހަމައަށް އޭގެ ފުރަތަމަ ފޮޓޯތަކާއި އެހެން މައުލޫމާތުތައް ފޯރީ ހަ ގަޑިއިރުންނެވެ. މިހާތަނަށް ލިބުނު ފޮޓޯތައް އޭގެ ޒާތުގައި ނުސާފު ނަމަވެސް މީގެ ކުރިން އެފަދަ އެއްޗެއް ވެސް ލިބިފައެއް ނުވެ އެވެ. ކުރިއަށް އޮތީ އަލްޓިމޭޓް ޓޫލީގައި ހިމެނޭ އަޑިގުޑަންތަކާއި ކެމިކަލްގެ ބައިތަކާއި، އެއާ ކައިރީގައި ހަނދެއް ވާ ނަމަ އެ ވެސް ހޯދަން، ފޮޓޯތައް ދިރާސާކުރުމެވެ.
ނާސާ އިން ބުނާ ގޮތުގައި އަލްޓިމޭޓް ޓޫލީގެ އެންމެ ސާފު ފޮޓޯތައް ފެބްރުއަރީ މަހުގެ ކުރިއަކުން ދުނިޔެއާ ހަމައަކަށް ނާންނާނެ އެވެ. އަދި މި ޒިޔާރަތްކުރުމުގެ ހުރިހާ މައުލޫމާތެއް ދުނިޔެއަށް ފޮނުވަން 20 މަސް ދުވަސް ނަގާނެ ކަމަށް ވެސް، މިޝަންގެ ސައިންސްވެރިން ބުނެ އެވެ.