02 ޖެނުއަރީ 2019 - 11:00

އިންޑަސްޓްރިއަލް ވިލެޖުގައި އަޅާ ސްޓެލްކޯގެ އިންޖީނުގޭގެ މަސައްކަތްތައް މިއަހަރު ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އާ އަހަރާ ގުޅުވައިގެން ބޭއްވި ހާއްސަ އެސެމްބްލީގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ އެ ކުންފުނީގެ ހިދުމަތްތައް ހުރީ ވަރަށް ބޮޑަށް ސެންޓްރަލައިޒްކުރެވިފައި ކަމަށެވެ. އެހެންވެ ޑީސެންޓްރަލައިޒްކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖުގައި އިތުރު ސްޓޭޝަނެއް ހަދަން ނިންމީ ކަމަށް ވިދާޅުވި އެވެ.

އެތަނުގައި ހަދާ ސްޓޭޝަނާ ބެހޭ މާ ގިނަ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް 24 ނުވަތަ 16 މެގަވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައި ހިދުމަތް ދޭން ފަށާނެ ކަމަށް މުގުނީ ވިދާޅުވި އެވެ.
އެތަންތަނުގެ އިތުރުން މާލޭގައި ހުރި މައި ސްޓޭޝަނާއި ރަށްރަށުގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެތައް ވެސް އެއް ފެންވަރަކަށް ގުޅުވާލައި މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރާނެ ކަމަށް މުގުނީ ވިދާޅުވި އެވެ.
މުގުނީ ވިދާޅުވި ގޮތުގައި ސްމާޓް މީޓަރާއި ޕްރިޕެއިޑް މީޓަރުގެ ވާހަކައަކީ ވަރަށް ކުރިއްސުރެ ފެށިގެން ދައްކަމުން އަންނަ ވާހަކައެކެވެ. އެކަމުގެ މަސައްކަތްތައް ފަށައި މިއަހަރުގެ ތެރޭގައި އެ މީޓަރުތައް ހަރުކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
މިއަހަރުގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށް މުގުނީ ވިދާޅުވި އެވެ. އޭގެ ތެރޭގައި މުވައްޒަފުންނަށް ހާއްސަ ޖިމެއް، މާޗު މަސް ނިމުމުގެ ކުރިން ހަދާނެކަމަށް ވިދާޅުވި އެވެ.
"ހުރިހާ މުވައްޒަފުންނަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގެ ވެރިއަކަށް ވާން ބޭނުން. ރަނގަޅު ސިއްހަތެއްގައި ހުރެގެން ނޫނީ ރަނގަޅަށް މަސައްކަތެއް ނުކުރެވޭނެ،" މުގުނީ ވިދާޅުވި އެވެ.
ސްޓެލްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހަދައި އަންނަ އަހަރު މުވައްޒަފުންނަށް ބޯނަސް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.